މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް: ގާލާ ރައުންޑު ފަަށައިފި، ވަރަށް ފޯރި ގަދަ

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އަސްލު ދަތުރު، ގާލާ ރައުންޑުގެ ހުށަހެޅުންތައް ރޭ ފަށައިިފި އެވެ.

ގާލާ ރައުންޑު ފަށާފައި ވަނީ ޕިއާނޯ ރައުންޑުން ހޮވުނު ގަދަ 12 ބައިވެރިންނާއެކު އެވެ. އެ ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، މަރިޔަމް ސަލްވާ، ހަސަން ޝަހުދާން، ޝާން ޝަރީފް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

މި ބައިވެރިންގެ ތެރެއިން މިރޭ އޮންނަ އެލިމިނޭޝަން ޝޯގައި ދެ ބައިވެރިޔަކު ޝޯ އިން ވަކިވާންޖެހޭނެ އެވެ. އެއާއެކު ގަދަ 10 ބައިވެރިން ހޮވާއި ދެން ކޮންމެ ހަފްތާއަކު އެއް ބައިވެރިޔަކު ޝޯއިން ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނެ ތިން ބައިވެރިޔަކު ހޮވާނެ އެވެ.

މިރޭ އެލިމިނޭޝަނުން ޝޯއިން ވަކިވާންޖެހޭނެ ބައިވެރިން ކަނޑައަޅާނީ ބެލުންތެރިންގެ 50 އިންސައްތަ ވޯޓުންނާއި ޖަޖުންގެ 50 އިންސައްތަ މާކްސްއަށް ބެލުމަށްފަހު އެވެ. އާންމުންނަށް ވޯޓު ލުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00 ޖަހަންދެން ހުޅުވާލާފަ އެވެ.

ރޭގެ ޝޯގައި އެންމެ ފާހަގަކޮށްލެވުނީ އައިޑޮލްގެ މި ސީޒަންގެ ގާލާ ރައުންޑުގެ ސްޓޭޖަށް އައި ވަރުގަދަ ބަދަލެވެ. ކުރީގެ ސީޒަންތަކާއި ހިލާފަށް މިފަހަރު ސްޓޭޖުގެ ސެޓުވަނީ ބޮޑުކޮށް، ހިތްގައިމު ބަދަލުތަކެއް ގެނެސްފަ އެވެ.

ރޭގެ ޝޯ ފެށިގެންދިޔައީ އައިޑޮލްގެ ޖަޖުންގެ ޕެނަލްއާއި މިފަހަރު އަަލަށް ގުޅުނު ޖަޖު ޒާރާ މުޖުތަބާގެ ހުށަހެޅުމަކުންނެވެ. ހިތްގައިމު އެ ހުށަހެޅުމުން ޒާރާ އެންމެންގެ ހިތްތަށް ޝޯ ރަނގަޅަށް ނުފެށެނީސް ފަތަހަކުރި އެވެ. ޒާރާ ވަނީ މިހާރު ނިޔާވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޒީރޯ ޑިގްރީ ނާޝިދުގެ ލަވައެއްވެސް ހުށަހަޅާދީފަ އެވެ.

އެވަގްރީން ނުވަތަ އަބަދަށްފެހި ތީމްއަށް ރޭ ބައިވެރިން ވަނީ ފޯރިގަދަ ހުށަހެޅުންތަކެއް ހުށަހަޅާދީފަ އެވެ. ޖަޖުންގެ ފަރާތުން ބައިވެރިންނަށް ތަފާތު ކޮމެންޓުތައް ލިބިގެންދިޔައިރު، ރޭ ޖަޖުން އެންމެ ގިނައިން ފާހަގަކޮށްފައި ވަނީ ބައިވެރިން ހުށަހަޅާނެ ލަވައެއް އިހްތިޔާރުކުރާއިރު ސަމާލުވުމަށެވެ. ގިނަ ބައިވެރިން އެ ބައިވެރިންނާއި ނުގުޅޭ ލަވަ ހިޔާރުކުރާކަމަށް ޖަޖުން ވަނީ ބުނެފަ އެވެ.

ޖަޖުންގެ ކޮންމެޓްސްތަކަށް ބަލާނަަމަ ރޭ އެންމެ ރަނގަޅު ހުށަހެޅުމެއް ފެނިގެންދިޔައީ ޝަމީލް، ނައުޝާދު، ޝަހުދާން އަދި އަޒަލްގެ ފަރާތުންނެވެ. ޖުމްލަ ގޮތެއްގައި ބައިވެރިންގެ ހުށަހެޅުންތަކަށް ޖަޖުންގެ ފަރާތުން ރަނގަޅު ކޮންމެޓުތައް ލިބުނު ނަމަވެސް ޖަޖުން ވަނީ ކުދިކުދި މައްސަލަތަށް ފާހަގަކޮށްފަ އެވެ.

މި ސީޒަންގެ ގާލާ ރައުންޑުން ފުރަތަމަ ވަކިވާންޖެހޭ ދެ ބައިވެރިން މިރޭ އިނގިގެންދާނެ އެވެ.