ޕްރޮސެކިއުޓާ ޖެނަރަލް އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ޕީޕީއެމުން މަސައްކަތްކުރާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީޕީއެމުން އަންނަ ހަފުތާގައި މަޖިލިހަށް ވައްދަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާއިރު، އޭނާއަކީ އެކެއް ފެބްރުއަރީގެ އަމުރާ އެއާ ވިދިގެން ހޫނުވެގެން އައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާތަނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ އެއް ބޭފުޅެވެ.
ބިޝާމަށް އަމާޒުވަމުން އައި ފާޑުކިޔުންތައް ތަފާތުވެގެން އައީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ސަރުކާރުން އިއުލާންކުރި ފަނަރަ ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމަން މަޖިލީހުން ނެގި ވޯޓާ މެދު ހިތްހަމަޖެހިވަޑައިނުގެން އެސްއޯއީގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކޮށް ދިނުމަށް ޕީޖީ ފުލުހުންނަށް ލަފާދިންކަމަށް އެކި މަސްދަރުތަކުން ހާމަކުރަން ފެށުމުންނެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމަން ނިންމި ނިންމުމާއި، އެއާ ވިދިގެން އައި ކަންކަން ހިނގައިދިޔަ ގޮތާ މެދު ހިތްޕުޅާ ނުވެ މަގާމުން އިސްތިއުފާދެއްވަން އެކަމަނާ އުޅުއްވި ކަމަށް ޕީޖީ އޮފީހުގެ ބައެއް މުވައްޒަފުން ވަނީ މީޑިއާއަށް މައުލޫމާތުވެސް ދީފަ އެވެ. އެކަން ރޮއިޓާސް އިން ވެސް ރިޕޯޓު ކުރި އެވެ. ނަމަވެސް އޭރު އެކަމާ ގުޅިގެން ސަރުކާރުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.