ފިނިޕޭޖް

ޗައިނާގައި ބޭރު ގައުމުތަކުގެ ފިލްމުތަކުގެ ވިޔަފާރީ ރަނގަޅީ ކީއްވެ؟

ޗައިނާގެ ސިނަމާތަކުގައި އެކި ގައުމުތަކުގެ ފިލްމުތައް ދެއްކުން މި ދުވަސްކޮޅު ވަރަށް އާންމެވެ. އިންޑިއާ، ތައިލެންޑު އަދި ޔޫރަޕްގެ އެކި ގައުމުތަކުގެ ފިލްމުތައް މިހާރު އަންނަނީ ޗައިނާގައި ދައްކަމުންނެވެ. އެ ފިލްމުތަކުގެ ވިޔަފާރީވެސް ރަނގަޅަށް ކުރިއަށް އެބަދެ އެވެ. ގިނަ ފިލްމުތަކުން ދަނީ ހައިރާންވާ ވަރުގެ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.

ގިނަ ބައެއް ހިތުގައި މިހާރު އުފެދިފައިވާ ސުވާލަކީ ޗައިނާގެ މާކެޓުގައި ބޭރު ގައުމުތަކުގެ ފިލްމުތަކަށް މިހާ ބޮޑު ތަރުހީބެއް މި ލިބެނީ ކީއްވެތޯ އެވެ. މީގެ ކުރިން އެކި ގައުމުތަކުގެ ފިލްމުތަކަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ބޮކްސް އޮފީސް ދެކުނު އެމެރިކާގެ ބޮކްސް އޮފީހުންނެވެ. ނަމަވެސް މިހާރު ޗައިނާގެ ބޮކްސް އޮފީހުގައި އެކި ގައުމުތަކުގެ ފިލްމުތަކަށް ލިބޭ އާންމުދަނީ އުތުރު އެމެރިކާގެ ބޮކްސް އޮފީހަށްވުރެ ރަނގަޅެވެ. ހޮލީވުޑްގެ ފިލްމުތަކަށް ލިބޭ ތަރުހީބު މަޑުމަޑުން ޗައިނާގެ މާކެޓުގައި ދަނީ ދައްވަމުކަންވެސް ފާހަގަކުރެވެ އެވެ.

ޗައިނާ އިން ފިލްމުތަކަށް ލިބޭ އާމްދަނީ ބޮޑު

ފާއިތުވި އަހަރު އުތުރު އެމެރިކާ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާންމުދަނީއެއް ލިބުނު ބޭރު ގައުމެއްގެ ފިލްމަކަށް އޮތީ އިންޑިއާގެ ފިލްމު "ބާހުބާލީ 2: ދަ ކޮންކުލޫޝަން" (ހިންދީ ވާޝަން) އެެވެ. އެ ފިލްމަށް އުތުރު އެމެރިކާ އިން 20.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް އެއީ އިންޑިއާގެ ފިލްމު "ދަންގާލް" އަށް ޗައިނާގެ މާކެޓުގައި މިިދިޔަ އަހަރު ލިބުނު 193 މިލިއަން ޑޮލަރާއި އަޅާ ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.

އާމިރް ހާން ޕްރޮޑިއުސްކުރި ދަންގާލްއަށް ޗައިނާގައި ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެ ފިލްމު ވަނީ ޗައިނާގެ މާކެޓުގައި ބޭރު ގައުމެއްގެ ފިލްމަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑުގެ އިތުރަށް ހޮލީވުޑްގެ ފިލްމަކަށް ނުލިބޭހާ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުގެ ރެކޯޑުވެސް މުގުރާލާފަ އެވެ.

އާމިރް ހާން، މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސީކްރެޓް ސުޕަސްޓާ" ވެސް އަންނަނީ ޗައިނާގެ ސިނަމާތަކުގައި ދައްކާއި ބޮޑު އާންމުދަނީއެއް ހޯދަމުންނެވެ. މިއަހަރު ޖެނުއަރީ 19 ގައި އެ ފިލްމު ޗައިނާގައި ދައްކަން ފެށިފަހުން މިހާތަނަށް 118 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއާއެކު މި ފިލްމުވެގެން ގޮސްފައިވަނީ މިއަހަރު މިހާތަނަށް ޗައިނާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޭރު ގައުމެއްގެ ފިލްމަށެވެ. މިއަހަރު ޗައިނާގެ މާކެޓުގައި ދައްކަން ފެށި ހޮލީވުޑްގެ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" އަށް 77.9 މިލިއަން ޑޮލަރު ލިބުނުއިރު، ސްޓާ ވޯސް: ދަ ލާސްޓް ޖޭޑީ އަށް ލިބުނީ 42.6 މިލިއަން ޑޮލަރެވެ.

ޗައިނާގެ މާކެޓުގައި ބޮޑު އާންމުދަނީއެއް ހޯދަމުން އަންނަނީ ހަމައެކަނި އިންޑިއާގެ ފިލްމުތަކުގެ އެކަންޏެއް ނޫނެވެ. ތައިލެންޑުގެ ފިލްމެއް ކަަމަށްވާ "ބޭޑް ޖީނިއަސް" ވެސް ވިޔަފާރީ ރަނގަޅެވެ. އެ ފިލްމަށް މިދިޔަ އަހަރު ޗައިނާގައި ދައްކައިގެން 41 މިލިއަން ޑޮލަރު ލިބުނެވެ. ސްޕެނިޝް ފިލްމު "ކޮންތްރޭތިއެމްޕޯ" އަށް 26 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޗައިނާއަށްވެސް ލިބޭ ފައިދާ ބޮޑުވުން

ޗައިނާގެ ބެއިޖިންގައި ހުންނަ ފިލްމު އިންޓަސްޓްރީގެ ކަންކަން ދިރާސާކުރާ ފާމެއް ކަމަށްވާ، ފަނިންކްގެ އިސްވެރިޔާ ޖޭމްސް ލީ ބުނީ ޗައިނާގެ މާކެޓުގައި ބޭރު ގައުމުތަކުގެ ފިލްމުތަކުގެ ވިޔަފާރީ ރަނގަޅީ ތަފާތު ޒޯންރާތަކާއި ވާހަކަތަކާއި އަދި ސްޓައިލްތަކަށް ބިނާކޮށް ހަދާފައި ހުންނަ ފިލްމުތައް ގެނެސްދޭތީ ކަމަށެވެ. "ޗައިނާގެ އޯޑިއެންސްއަށް ބޭރު ގައުމުތަކުގެ ފިލްމުތައް ޗައިނާ ބަހުން ޑަބްކޮށްގެން ނޫނީ ސަބްޓައިޓަލް އަރުވައިގެން ބެލޭނެ ގޮތް ޗައިނާގެ ކުންފުނިތަކުން ހަމަޖައްސާދެތީ އެމީހުނަށްވެސް ބޮޑު ފައިދާއެއްވޭ."

އަމިއްލަ ގައުމާއި އެހެން ގައުމުތަކުގައި ދައްކައިގެން ރަނގަޅު ވިޔަފާރީއެއް ނުލިބިހުރި ފިލްމުތަކަށްވެސް ޗައިނާގެ މާކެޓުގައި ބޮޑު ކުރިއެރުމެއް ލިބޭތީ ގިނަ ފަރާތްތަކުން ޗައިނާގައި އެމީހުންގެ ފިލްމުތައް ދައްކަން ބޭނުންވެ އެވެ.

ބައިނަލްއަގުވާމީ ފިލްމު ފެއާތަކާއި ފެސްޓިވަލްތަކުގައި ބައިވެރިކުރާ ބޭރުގެ ގިނަ ފިލްމުތަކަށް މިހާރު ޗައިނާގެ ކުންފުނިތަކުން އެ ފިލްމުތައް އެ ގައުމުގައި ދެއްކުމަށް އޮންނަ ފުރުސަތު ފަހިވެސްކޮށްދެ އެވެ. އެންމެފަހުން ޖަރުމަނުގެ ބާލިންގައި ބޭއްވި ޔޫރޮޕިއަން ފިލްމު މާކެޓްގައި ބޭޖިންގެ ކުންފުންޏެއް ކަމަށްވާ ޖޯއީ ޕިކްޗާސް އިން ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" އެ ގައުމުގައި ދެއްކުމަށް ޝައުގުވެރިކަން ފާޅުކުރި އެވެ. ބޮލީވުޑްގެ ފިލްމު، އަކްޝޭ ކުމާރު ފެނިގެންދާ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ވެސް އެ މާކެޓުގެ ތެެރެއިން ވަނީ ޗައިނާގެ ކުންފުންޏަކަށް އެ ގައުމުގައި ދެއްކުމަށް ވިއްކާލާފަ އެވެ.

"ދަންގާލް ކަހަލަ ފިލްމުތަކަށް ވަރަށް ރަނގަޅު ވިޔަފާރީއެއް ވެގެން ހިންޖައްޖެ." ލީ ބުންޏެވެ. "ދެން ވިސްނަންވީ ދުރު މުސްތަގުބަލުގައި ދެ ފަރާތައްވެސް މަންފާވާނެހެން މިކަމަކީ ދެމެހެއްޓެނިވި ވިޔަފާރީއަކަށް ހަދަން."