ހަބަރު

މަހުލޫފްގެ ބަންދަށް 13 ދުވަސް ޖަހައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ބަންދަށް 13 ދުވަސް ޖަހައިފި އެވެ. އޭނާގެ ބަންދަށް 13 ދުވަސް ޖަހާފައިވަނީ މިރޭ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިރޭ ހާޒިރުކުރުމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފް ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަން ކޯޓަށް ހާޒިރުކުރާކަށް ނުޖެހެ އެވެ. މިރޭ މަހުލޫފް ކޯޓަށް ހާޒިރުކޮށް ބަންދު ޖަހާފައިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. މަހުލޫފްގެ އިތުރުން ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މީހުންނަށް ދަނީ ބަންދު ޖަހަމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ތިއްބެވީ ހައްޔަރުކޮށްފަ އެވެ. މަހުލޫފްގެ އިތުރުން ހަތަރު މަޖިލިސް މެންބަރުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި ރިޔާޒު އަބްދުﷲ އާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދު ވެސް ތިއްބެވީ ހައްޔަރުކޮށްފަ އެވެ.

އަދި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ތިއްބެވީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ ބަޔަކު ވެސް ތިބީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ.