މިއުޒިކް

ޝާން އާއި ސަލްވާ ކަޓައިފި

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ބުރުން މިރޭ ޝޯ އިން ވަކިވާންޖެހުނީ ޝާން ޝަރީފް އަދި މަރިޔަމް ސަލްވާ އަށެވެ.

މި ދެ ބައިވެރިން ކެޓުމާއެކު މިހާރު ވަނީ މި ސީޒަންގެ ގަދަ 10 ބައިވެރިން ކަށަވަރުވެފަ އެވެ. މިރޭ ޝޯއިން ވަކިވާންޖެހުނު ދެ ބައިވެރިން ކަނޑައަޅާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

ގަދަ 10 އަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

މިރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅާދިނީ "ސޯންގް ފްރޮމް މައި ޗައިލްޑްހޫޓް" ނުވަތަ ކުޑައިރު ބައިވެރިންނަށް އެންމެ ކަމުދިޔަ ލަވަތަކުގެ ތީމް އަށެވެ. ޓްރިއޯ ޕާފޯމަންސްތަކަކާއެކު ބައިވެރިން ވަނީ ފޯރިގަދަ ހުށަހެޅުންތަކެއް ގެނެސްދީފަ އެވެ.

ގަދަ 10 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ދެ ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ދެން އަންނަ ބުރުން ފެށިގެން ކޮންމެ ހަފްތާއަކު ޝޯ އިން ވަކިވާންޖެހޭނެ ހަފްތާއަކު ބައިވެރިޔެކެވެ. ކޮންމެ ހަފްތާއަކު ބައިވެރިޔަކު ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ތިން ބައިވެރިންނެވެ.