މިއުޒިކް

ޝާންގެ ވަކިވުން، އެންމެން ޝޮކެއްގައި

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ބުރުގެ އެލިމިނޭޝަން ރޭ ވަނީ ބާއްވާފަ އެވެ. ރޭގެ އެލިމިނޭޝަންގައި ޝޯއަށް އަލްވަދާއު ކިޔަން ޖެހުނީ ޝާން ޝަރީފް އަދި މަރިޔަމް ސަލްވާ އަށެވެ.

ޝާން ޝޯއިން ވަކިވުމުން ގިނަ ބަޔަކަށް ވަނީ ޝޮކެއް ލިބިފަ އެވެ. އުނގޫފާރު އޮޑިޝަނުން އައިޑޮލް ދަތުރުގެ މިހާ ހިސާބަށް އައި ޝާން ޝޯއިން ވަކިވިކަން ގިނަ ބެލުންތެރިން ގަބޫލުކުރަންވެސް ބޭނުމެއް ނުވެ އެވެ. އައިޑޮލްގެ ފޯރި އެންމެ ގަދަ ޓުވިޓާގައި ގަދަ 10 އަކަށް ޝާން ނުހޮވުމުން ގިނަ ބަޔަކު ވަނީ ހިތާމަ އަދި ނުރުހުންވެސް ފާޅުކޮށްފަ އެވެ.

ބެލުންތެރިއެއް ކޮށްފައިވާ ޓުވީޓެއް.
އައިޑޮލް ސީޒަން ދޭކުން އިން ވިދާލި ޒަކިއްޓެ ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިއެއް ކޮށްފައިވާ ޓުވީޓެއް.

ޝާންއަށް ޝޯގައި މިއަށްވުރެ ކުރިއަށް ދެވެންޖެހޭނެ ކަމަށްވެސް ބައެއް ބެލުންތެރިން ބުނެފައިވެ އެވެ. ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އަދިވެސް ފެނިގެންދާނެ ކަމަށް އުއްމީދުކުރާކަމަށް ބައެއް ބެލުންތެރިން ބުނެފައިވާއިރު، މުސްތަގުބަލުގައި ޝާންއަށް ކާމިޔާބީ އެދޭކަމަށްވެސް ގިނަ ބަޔަކު ޓުވީޓުކޮށްފައިވެ އެވެ.

ލަވަކިޔުންތެރިޔާ މީރާ ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިއެއް ކޮށްފައިވާ ޓުވީޓެއް.

ބައެއް ބެލުންތެރިން ވަނީ ވައިލްޑް ކާޑު އެންޓްރީގެ ބާރު ބޭނުންކޮށްގެން ޝާން އަނބުރާ ޝޯއަށް ގެނެސްދިނުމަށްވެސް އެދިފަ އެވެ. އައިޑޮލްގެ އެއްވެސް ސީޒަނެއްގައި މިހާތަނަށް ވައިލްޑް ކާޓް އެންޓްރީ ބޭނުންކޮށްފައެއް ނުވެ އެވެ. އެހެންކަމުން މި ސީޒަންގައިވެސް ވައިލްޑް ކާޑު އެންޓްރީ ބޭނުންކޮށްފާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

ބެލުންތެރިއެއް ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިއެއް ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިއެއް ކޮށްފައިވާ ޓުވީޓެއް.

ރޭގެ އެލިމިނޭޝަންގައި ޝޯއިން ވަކިވާންޖެހުނު ދެ ބައިވެރިން ކަނޑައަޅާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

ގަދަ 10 އަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

ރޭގެ އެލިމިނޭޝަންގައި ކެޓި ދެ ވަނަ ބައިވެރިޔާ، މަރިޔަމް ސަލްވާ.

ރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅާދިނީ "ސޯންގް ފްރޮމް މައި ޗައިލްޑްހޫޓް" ނުވަތަ ކުޑައިރު ބައިވެރިންނަށް އެންމެ ކަމުދިޔަ ލަވަތަކުގެ ތީމް އަށެވެ. ޓްރިއޯ ޕާފޯމަންސްތަކަކާއެކު ބައިވެރިން ވަނީ ފޯރިގަދަ ހުށަހެޅުންތަކެއް ގެނެސްދީފަ އެވެ

ގަދަ 10 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ދެ ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ދެން އަންނަ ބުރުން ފަށައިގެން ކޮންމެ ހަފްތާއަކު ޝޯ އިން ވަކިވާންޖެހޭނެ އެއް ބައިވެރިޔަކަށެވެ. ކޮންމެ ހަފްތާއަކު ބައިވެރިޔަކު ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނެ ތިން ބައިވެރިން ހޮވާނެ އެވެ.