ހަބަރު

ހދ. ގެ ފުރަތަމަ ރިސޯޓު ހުޅުވައިފި

ހދ. އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓް، ހޮނޑާފުށީގައި މިއަދު ހުޅުވައިފި އެވެ.

"ހޮނޑާފުށި އައިލަންޑް ރިސޯޓް"ގެ ނަން ދީފައިވާ އެ ރިސޯޓުގައި 400 ކޮޓަރި ހުންނައިރު، ރިސޯޓުގެ ކޮޓަރިތައް ހުޅުވަމުން ގެންދާނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް 100 ކޮޓަރި އަޅައި ހުޅުވާނެ އެވެ. އެ ރިސޯޓް މާދަމާ ހުޅުވާއިރު، ފުރަތަމަ ހުޅުވާލަނީ 160 އެނދުގެ 80 ކޮޓަރި އެވެ.

"މި ރިސޯޓަކީ މުސްތަގުބަލުގައި 400 ކޮޓަރި ހުންނާނެ ރިސޯޓެއް. އެކަމަކު މިތަން މި ހުޅުވަނީ ފޭސް ބައި ފޭސް ބަހާލައިގެން. ގާތްގަނޑަކަށް ފަސް އަހަރު ތެރޭގައި 400 ކޮޓަރިން ހިދުމަތް ދޭން ފަށާނެ. މި ރިސޯޓު ހުޅުވުމަކީ ވިޔަފާރީގެ ނަޒަރުން ބަލާނަމަ އަޅުގަނޑުމެންނަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް،" "އަވަސް" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ތްރީއޭ ކުންފުނީގެ ޑިރެކްޓަރު މޫސާ ޝިޔާމް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަަކަށް 150 މިލިއަން ޑޮލަރުގެ ހަތަރު ތަރީގެ ރިސޯޓެއްގެ ގޮތުގައި ހުޅުވި ނަމަވެސް މިތަނުން ފަސް ތަރީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ތްރީއޭ ކުންފުނިން މިހާރުވެސް ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންދެ އެވެ. މި ހަތަރު ރިސޯޓަކީ މެދުފުށި އައިލެންޑް ރިސޯޓާއި ފިލިތެޔޮ އައިލެންޑް ރިސޯޓު އަދި ބަތަލާ އައިލެންޑް ރިސޯޓުގެ އިތުރުން ޒިތާލީ މޯލްޑިވްސް ރިސޯޓެވެ.