ހަބަރު

އިބޫއަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު

އިދިކޮޅުގައި މިވަގުތު ހުންނެވި އެންމެ އިސް ލީޑަރު، އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ މައްޗަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އިބޫ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް ކުރި އިހްތިޖާޖުގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ޖުމްހޫރީ މައިދާން ސަރަހައްދުންނެވެ.

އިބޫގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ އިބޫއަށް ފުލުހުން ކުރާ ތުހުމަތު އަންގާފައިވާ ކަމަށާއި އޭނާއަށް ފުލުހުން ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް ބަންދު ޖެހުމަށް ކޯޓަށް ހާޒިރުކުރަމުންދާއިރު އިބޫ އެކަމަށް ކޯޓަށް ގެންނާނެ ދުވަހެއް އަދި ނާންގަ އެވެ.

ހިސާން ވަނީ އިބޫއަށް ގަވައިދުން ބޭސް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އިބޫއަކީ ހިތުގެ ބައްޔަށް ބޭސް ނަގާ ބޭފުޅަކަށްވާއިރު ގަވައިދުން އެ ބޭސް އޭނާއަށް ދެމުން ނުދާ ކަމަށެވެ. އަދި އާއިލާއިން ފޮނުވާފައިވާ އަންނައުނު ވެސް މިހާތަަނަށް އޭނާއަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އިބޫ ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ހިސާން އޭނާ ބައްދަލުކުރެއްވީ މިއަދު އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އިބޫ ހައްޔަރުކޮށްފައިވާއިރު މަޖިލީހުގެ އިތުރު ފަސް މެންބަރަކަށް ވެސް އެ ތުހުމަތުކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި އަހުމަދު މަހުލޫފާއި އަބްދުﷲ ރިޔާޒެވެ. އޭގެ އިތުރުން މެންބަރު އަލީ އާޒިމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަށް ކުރާ ތުހުމަތެއް އަދި ސާފެއް ނުވެ އެވެ.

މީގެއިތުރުން ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ގިނަ ބަޔަކަށް ކުރެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވެސް އެ ތުހުމަތު ފުލުހުން ކުރެ އެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގެ ތަހުގީގު އަދި ނުނިމެ އެވެ.