ކޮލަމް

ކޮލަމް ފޮޅުވަތް: މިހާރު ހުރީ ރައީސުލްޖުމްހޫރިއްޔާ އެކަނި

Apr 17, 2018
10

ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ އެންމެ މަތީ ފަރާތް، އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓްގެ ތެރޭގައި ހުންނަވަނިކޮށް ސިފައިންނާއި ފުލުހުންގެ ބަޔަކު ވަދެ ދަމައި ކޫއްތައިގެން ނެރެ ހައްޔަރު ކުރުމަށް ފަހު، ސަރުކާރުން ދެއްކި އެންމެ ބޮޑު ބަހަނާއަކީ ދައުލަތް ހުއްޓުވާލަން އެމަނިކުފާނު އުޅުއްވި ކަމަށެވެ. ދައުލަތުގެ ބާރުތައް އެމަނިކުފާނުގެ މުށުތެރެއަށް ޖަމާކުރެއްވި ކަމަށް ސަރުކާރުން ތުހުމަތު ކުރަމުން އައެވެ. އަދި ދައުލަތް ހުއްޓުވާލަން ފުރުސަތު ނުދެއްވާނެ ކަމަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ތަކުރާރުކޮށް ޓީވީގައި ވިދާޅުވަމުން ގެންދެވި އެވެ.

އެބޭފުޅުން ރައްޔިތުންނަށް ވިސްނައި ދެއްވައި ކުރައްސަވަމުން ގެންދެވި މަންޒަރަކީ މުޅި ދައުލަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގައި ދައުލަތް މާނަކޮށްފައި ވަނީ ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހިމެނޭ ގޮތުން އެވެ. އަދި މި ތިން ބާރުން ކުރެ، ކޮންމެ ބާރެއް ވެސް ހިނގަން ޖެހެނީ މިނިވަންކަމާ އެކު ނުފޫޒެއް ނުފޯރާ ގޮތަށް ކަމަށް ގާނޫނު އަސާސީގެ ގަނޑުތައް އުކާލުމުން ސާފެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވީ ނަމަވެސް އެމަނިކުފާނު ވެސް އަމަލުކުރައްވަން ޖެހެނީ ގާނޫނޫ އަސާސީގެ ޗާޓުން ބޭރުނުވެ އެއިމުގައި ތެރޭގައި ކަމަށް ސާފުކޮށް ގާނޫނު އަސާސީގައި ވަނީ ލިޔެފަ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ކަންކަން މި ދަނީ އެހެން ހެއްޔެވެ؟

ކޮންމެ ވެރިކަމެއްގައި ވެސް އެއިރެއްގައި ހުންނަ ރައީސްއެއް ބޭނުންވާ ގޮތަކަށް ދައުލަތުގެ ބާރުތައް މެނިޕްލޭޓް ކުރައްވަމުން ގެންދަވަނީ އެވެ. ހަމަ އެ އުސޫލު ހިފަހައްޓަވައި ރައީސް އަބްދުﷲ ޔާމީން ވެސް މި ވަނީ މުޅިން އާ އުސްމިންތަކަކަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީއްސުރެ ޝަރުއީ ދާއިރާއަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެ އެވެ. އެކެއް ފެބުރުއަރީގެ ހުކުމެއް ސުޕްރީމް ކޯޓުން ނެރުމުގެ ކުރިން، ރުމާލު-2 ޖަގަހައިގައި ހުންނަވައިގެން ރައީސް ވަނީ ކޯޓުން ހުކުމެއް ނެރެއްޖެ ނަމަ، ފުލުހުން ވެސް ސިފައިން ވެސް އިތުރު ސުވާލެއް ކުރުމެއް ނެތި އަމަލު ކުރުމަށް އެދިވަޑައިގަންނަވައިފަ އެވެ. އަދި އޭގެ ކުރިން ޕޯޑިއަމްތަކުގައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ރައީސް ޔާމީން ދިއްކުރައްވައި، ޒައިތޫނު ފަތްކޮޅަކީ ވެސް ކޯޓު އަމުރެއް އައިސްފި ނަމަ އެ އަމުރަކަށް ތަބާވެ ވަޑައިގެން އިދިކޮޅު ލީޑަރުން މިނިވަން ކުރައްވާނެ ކަމަށެވެ. ޝަރުއީ ދާއިރާއަށް އެމަނިކުފާނު ދުވަހަކު ވެސް ނުފޫޒު ނުފޯރުއްވާނެ ކަމަށް ވިދާޅުވެ، ނަންގަވާ މިސާލަކީ ރައީސް މުހައްމަދު ނަޝީދު ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވި ވާހަކަ އެވެ.

އެހެން ނަމަވެސް، ރައީސް ޔާމީން ވެސް ހިތްޕުޅާ ނުވާ ހުކުމެއް އައިމާ އެމަނިކުފާނު ވެސް އަމަލު ކުރެއްވީ ރައީސް ނަޝީދާ އެއް ކަހަލަ އުސޫލަކުން އެވެ. ރައީސް ނަޝީދެކޭ އެއްގޮތަށް އެމަނިކުފާނު ވެސް ކަންކުރެއްވި ގޮތަކީ އެ ހުކުމަށް އަމަލު ކުރުމަށް ބަހަނާ ދައްކަވައި، ސުވާލު އުފެދޭ ގޮތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އެވެ. ކުއްލި ނުރައްކަލުގެ ހާލަތާ މެދު ސުވާލު އުފައްދަވައި، މަޝްހޫރު ގާނޫނީ ވަކީލް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވަނީ ކުއްލި ނުރައްކަލުގެ ގަރާރުގެ ދަށުން ފަނޑިޔާރުންގެ އިމްތިޔާޒުތައް ނިގުޅައި ގަނެ، ފަނޑިޔާރުންގެ ގާނޫނުގެ މާއްދާތައް ހިފެހެއްޓޭނެ ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެގޮތަށް ސުވާލު އުފައްދަން ޖާގަ ލިބެނީ، އެސްއޯއީގެ ސައްހަކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް އޮތުމެވެ. އެހެން ނަމަވެސް، އިމްތިޔާޒުތައް ނިގުޅައިގަނެވި ބިރުވެރިކަމެއްގައި ފަނޑިޔާރުން ތިބޭ ނަމަ، އެސްއޯއީގެ ގަރާރުގެ ސައްހަކަން އިންސާފުވެރި ކަމާ އެކު ފަނޑިޔާރުންނަށް ނިންމޭނެ ކަމާ މެދު ސުވާލު އުފެއްދޭނެ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ނެރެވެނީ، ރާއްޖޭގެ ވަކި ސަރަހައްދުތަކަކަށް ނޫނީ މުޅި ރާއްޖެއަށް ކަމަށް ގާނޫނު އަސާސީގައި ބުނި ނަމަވެސް، އެސްއޯއީ ނެރުނީ ވަކި ބަޔަކަށް ހާއްސަކޮށްގެން ކަން ފާހަގަކޮށް ގާނޫނީ ބޭފުޅުން އޮތީ އެސްއޯއީއާ މެދު ސުވާލު އުފައްދަވައިފަ އެވެ. ސުވާލު އުފެދުނު އެސްއޯއީއެއްގެ ދަށުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އެ ހިސާބުން ދެން މަންޒަރު ބަދަލުވީ ތަފާތު ގޮތަކަށެވެ.

ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ 1 ފެބުރުއަރީގެ އަމުރު އެ ބެންޗްގެ ތިން ފަނޑިޔާރުން ތިއްބަވައިގެން ފަހަރަކު ބަޔެއް އުނިކޮށް އެ އަމުރުގެ ބާރު ކަނޑާލީ އެވެ. މީގެ ކުރިން އެ ތިން ފަނޑިޔާރުން އިއްތިފާގުން ނެރުނު އަމުރެއް ހަމަ އެންމެ ރެއަކުން އެ ތިން ފަނޑިޔާރުންގެ ހިޔާލު ބަދަލުވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ފެންނަ ފެނުމާއި ވަށައިގެން ހުރި ކަންކަމަށް ބަލާއިރު، އެސްއޯއީ ބާއްވައިގެން އެ އަމުރުގެ ބާރު އެކީ ކަނޑުވާލީ ސުޕްރީމް ކޯޓްގެ ބެންޗް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިގެން ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެއީ، ބުއްދީގެ ހަމަތަކުން ވިސްނާ ނަމަ އެކަންވުމުގެ ޗާންސް އެންމެ ބޮޑު ގޮތެވެ. އަމުރުގެ ބާރު ކަނޑާލީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް "މަޖުބޫރުވެގެން" ކަމަށް ބުނުމުގެ ޖާގަ އޮތީ އެހެންވެ އެވެ.

މިހުރިހާ ދުވަހު ސިޔާސީ ގޮތުން ސަރުކާރަށް އަންނަ ހުރިހާ ކަމެއް ހައްލު ކުރާނެ ފޯމިއުލާއަކަށް އޮތި ސުޕްރީމް ކޯޓެވެ. ސިޔާސީ ގޮތުން މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި އެޓާނީ ޖެނެރަލް މެދުވެރި ކުރައްވައިގެން ކޮންމެ ކަމަކަށް ހޯއްދަވާ ފަރުވާއަކީ ސުޕްރީމް ކޯޓްގެ ހުކުމެކެވެ. ސިޔާސީ ވެށީގައި ސަރުކާރު ނުރުހޭ ކޮންމެ ކަމެއް ހިނގާއިރު އެކަމެއް އަނެއް ފުށަށް ޖަހާލުމަށް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ފައިލް ކުރެ އެވެ. މަންޒަރު ފެންނަ ގޮތުން ބޭނުމަކީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް މުޅި މައްސަލައިގެ މިސްރާބު އަނބުރާލުމެވެ. ސަރުކާރުގެ ކޮންޓްރޯލް މުޅި ސިޔާސީ ވެށީގައި ބޭއްވުމެވެ. އެއީ ގާނޫނުތައް ތަފާތު ގޮތްގޮތަށް މާނަކޮށްގެންނާއި ގާނޫނު އަސާސީ އާއި ގާނޫނުތައް ނުދަންނަ އާ ގާނޫނީ އުސޫލުތަކެއް މައްސަލަތަކުގެ ތެރެއަށް މަސްހުނިކޮށްގެން ކަންކަން ކުރުމުގެ އުސޫލެކެވެ. ރައްޔިތުން މަޖިލީހަށް ނިސްބަތްވާ ޕީޕީއެމްގެ 12 މެންބަރެއްގެ ގޮޑީގެ މައްސަލައަކީ ވެސް މީގެ ވަރަށް ފުރިހަމަ މިސާލެކެވެ. އެ މައްސަލައަށް އަދިވެސް ހައްލު ނުލިބި އޮތީ ސިޔާސީ މައްސަލައަކަށް ސަރުކާރުން ގާނޫނީ ހައްލެއް ހޯދަން މަސައްކަތް ކުުރީމާ ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. ސުޕްރީމް ކޯޓަކީ ވެސް ރައީސް އެދޭހާ ކަމަކަށް ރޫލިން ނެރެން އޮންނަ ތަނަކަށް ބަދަލުވާ މަންޒަރު ފެންނުނީމާ ސުޕްރީމް ކޯޓަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ސިފަކުރެވިދާނެ އެވެ. މިހާރު މި އޮތީ އެކަހަލަ ހާލަތެކެވެ. ރައީސް އެދޭ ގޮތަށް ނޫން ގޮތަކަށް ކަމެއް ނިންމައިފި ނަމަ، ފަނޑިޔާރުން ޖަލު ގޮޅިއަށް ދާން ނުޖެހޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރަކު ނެތެވެ.

ސަރުކާރުގެ އިންޓަރެސްޓް ހުންނަ މައްސަލަތައް، ކޮންމެ ގޮތަކަށް ހެކި ހުއްޓަސް މައްސަލަ ކޮންމެ ކޮޅަކަށް ބަރު ވިޔަސް، އެކަން ނިމެނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. އެ ނޫން ގޮތަކަށް މަދުފަހަރަކު ނޫނީ އެފަދަ މައްސަލައެއް ނިމިފައެއް ނެތެވެ. އަދި އެފަދަ މައްސަލަތައް ނިންމުމުގައި ކޯޓްތައް ނުހަނު ހަލުވިވެފައި ހީވާގި އެވެ. ސަރުކާރާ ދެކޮޅަށް މައްސަލައިގެ މިސްރާބު އެނބުރޭ އިރަށް އެ މައްސަލަ އެއްގެ ޝަރީއަތް ކުރިއަށް ނުގޮސް ހުއްޓުން އަރަ އެވެ. މިސާލަކަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގައި އޭނާއާ އެއްކޮޅަށް ހެކިބަސް ލިބުމުން އެ މައްސަލައިގެ އިތުރު އަޑުއެހުންތަކެއް ކުރިއަށް ދާ ގޮތެއް ނުވެ އެވެ. މި ހުރިހާ ކަމެއް ހިނގަނީ ހަމަ ނުފޫޒެއް ނެތި، އޮންނަ އުސޫލުގެ ތެރެއިން ކަމަށް ބުނަން ދަތިވާ ސަބަބުތައް އިންތިހާއަށް ގިނަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާލަތަށް ވިސްނާއިރު ރައްޔިތުންގެ މަޖިލީސް އޮތީ ފާޑެއްގެ ޑެޑްލޮކެއްގަ އެވެ. މަޖިލިސް ހުޅުވަނީ ވެސް ސަރުކާރުން ބޭނުންވާ ބިލްތަކެއް ފާސްކުރުމަށެވެ. އެ ބިލްތަކުގެ މަސައްކަތް ހިނގަނީ ގިނަ ފަހަރަށް އިދިކޮޅު ފަރާތްތަކުގެ ހިޔާލު ވެސް ނެތި ސަރުކާރުން ބޭނުންވާ ގޮތަށެވެ. ބޮޑެތި ބިލްތައް މަދު ގަނޑިއިރުތަކެއްގެ ތެރޭގައި މަޖިލީހުން ނިންމާލަނީ އިދިކޮޅު ފަރާތްތަކުގެ ހިޔާލެއް ވެސް ނެތި ސަރުކާރުން އެފޮނުވާ ގޮތަށެވެ. އޮތީ ރަބަ ސްޓޭމްޕް ޖަހާ މަޖިލީހެކެވެ. މަޖިލީހުގެ ތެރޭގައި އުފެއްދުންތެރި ބަހުސްތަކެއް ނުކުރެވެ އެވެ. އުފެއްދުންތެރި ގޮތުގައި ބިލްތައް ދިރާސާއެއް ވެސް ނުކުރެވެ އެވެ. މަޖިލީހުގެ ތެރެއިން އިދިކޮޅަށް ލިބެނީ ހަނި ފުރުސަތެކެވެ. އިދިކޮޅުން މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރުމަށް އޮންނަނީ އިންތިހާއަށް ދަތިކޮށްފަ އެވެ. ސަރުކާރުގެ މިނިސްޓަރުންނާއި އިސް މަގާމުތަކުގައި ތިބޭ ބޭފުޅުން ޒިންމާދާރުކުރަން ކުރާނެ ކަމެއް ނެތެވެ. ރައްޔިތުން މަޖިލީހުގެ ބާރަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަކަށް ހިނގާ އެއްޗަކަށް ވަނީ ބަދަލުކޮށްލައިފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ވާހަކަ ވެސް އޮތީ ހަމަ މިކަހަލަ ގޮތަކަށެވެ. ސަރުކާރާއި ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން މުއައްސަސާތަކަށް ގިނަ މައްސަލަތައް ދިޔަ ނަމަވެސް ވަކި ހިސާބަކުން އެ މައްސަލަތައް ފަސް އަޅައި ފޮރުވެ އެވެ. އެފަދަ ކަންކަމާ މެދު މުއައްސަސާތަކުން ދެކޮޅަށް މަސައްކަތްކޮށް އެ މުއައްސަސާތަކުގެ ޒިންމާ އަދާކުރާތަނެއް ނުފެނެ އެވެ. ބާރުގަދަ ބައެއްގެ ނުފޫޒުން އެފަދަ މައްސަލަތައް ކުރިއަށް ދާ ގޮތެއް ނުވެ އެވެ. ޕީޖީއަށް މައްސަލަ ދިޔަ ނަމަވެސް، ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ މައްސަލަަތައް ކޯޓާ ހަމަޔަށް ދާތަނެއް ނުފެނެ އެވެ. މި ހުރިހާ މުއައްސަސާތަކުގެ މައްޗަށް އޮތް ނުފޫޒަކީ ކޮބައި ހެއްޔެވެ؟

ޔަގީންވާ ކަމަކީ ހުރިހާ ކަމެއް ހިނގަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު ބޭނުންވާ ގޮތަށެވެ. ސިޔާސީ ވެށީގެ ކަންކަން ވެސް ބަދަލު ކުރަން ނިކުންނަނީ ފުލުހުންނާއި ސިފައިން އެވެ. އެ މީހުންގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ލޭބަލް ވަނީ ސިޔާސީ ގޮތުން ސަރުކާރަށް ދަތިވާ ކަންކަން ހައްލު ކުރުމެވެ. ކޮންމެހެން މަގުތައް އަމާންކޮށް އާންމު ރައްޔިތުންނަށް ފަސޭހަކަން ހޯދައި ދިނުމަކީ ގައުމިއްޔަތު އިސްކުރުމަކީ ފުލުހުންނާއި ސިފައިންގެ މަސައްކަތެއްގެ ގޮތުގައި ނުފެނެ އެވެ. ފުލުހުންނާއި ސިފައިންގެ އިސްވެރިން ވިދާޅުވަނީ ކޯޓުން އަމުރެއް އަޔަސް އެބޭފުޅުން އަމަލު ކުރާނީ އެޓާނީ ޖެނެރަލްގެ އެންގެވުމާ އެއްގޮތަށް ކަމަށެވެ. މި ހުރިހާ ސަބަބުތަކެއް ވަށާ ޖެހުނީމާ ފެންނަ މަންޒަރަކީ، ރާއްޖޭގެ ހުރިހާ ބާރުތަކަކީ މިހާރު ރައީސުލްޖުމްހޫރީޔާއަށް ވެފައިވާ ކަމެވެ. ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސްގެ ހުރިހާ ބާރުތަކެއް މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލްގަ އެވެ. ޓެކްނިކަލީ ބުނާ ނަމަ މުޅި ދައުލަތް ވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެކަމަކު މިއީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ކުރަހައި ދޭ މަންޒަރެއް ހެއްޔެވެ؟