މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ މެރުމަށް އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ވެރިކަމުގައި ހުންނަވަނިކޮށް ބަޣާވާތަކުން ވެރިކަމުން ދުރުކޮށްފައިވާ މުރްސީ މެރުމަށް ހުކުމްކޮށްފައިވަނީ ހުސްނީ މުބާރަކްގެ ވެރިކަމުގައި ހުންނެވިއިރު އޭނާއާ ދެކޮޅަށް ހިނގި ހަމަނުޖެހުންތަކުގައި ޖަލުތައް ފަޅާލުމަށް ފަހު ބަންދުކޮށްފައި ތިބި އެތައް ބަޔަކާ އެކު މުރްސީ ފިއްލެވި މައްސަލައިގަ އެވެ.
މުރްސީ މެރުމަށް ހުކުމް ކުރުމުގެ އިތުރުން އޭނާގެ ވެރިކަމާ ދެކޮޅަށް ނިކުތް އެތައް ބަޔަކު ހައްޔަރުކޮށް، އަނިޔާކުރަން އަމުރުކުރި ކަމަށް ބުނެ އޭނާގެ 20 އަހަރަށް ޖަލަށްލާން ވެސް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
މުރްސީއަށް މަރުގެ ހުކުމް އިއްވި ނަމަވެސް މިސްރުގައި މަރުގެ ހުކުމެއް ތަންފީޒު ކުރެވޭނީ އެ ގައުމުގެ ދީނީ ކަންކަމާ ބެހޭ އެންމެ އިސް މުފުތީގެ އަރިހަށް ފޮނުވައި، އެ ހުކުމް ރަނގަޅު ކަމަށް އޭނާ ނިންމެވުމުންނެވެ. އޭގެކުރިން އިސްތިއުނާފް ހުރިހާ މަރުހަލާއެއް ވެސް ކަޑައްތުކުރަންޖެހެ އެވެ.
މުރްސީ ވެރިކަމުން ދުރުކުރި ފަހުން މިއަދާ ހަމައަށް ވެސް އޭނާ ހުންނަވަނީ އަސްކަރީ ޖަލެއްގައި ބަންދުކޮށްފަ އެވެ. އޭނާ ވެރިކަމުން ދުރުކުރުމުގެ އިތުރުން އޭނާ ނިސްބަތްވާ މުސްލިމް ބްރަދަހުޑްގެ ހަރަކާތްތައް ވެސް މިސްރުގައި ގާނޫނީ ގޮތުން ވަނީ މަނާކޮށްފަ އެވެ.
މުރްސީ ވެރިކަމުން ދުރު ކުރުމަށް ފަހު ބޭއްވި އިންތިޚާބު ކާމިޔާބުކޮށް، މިހާރު ވެރިކަމުގައި ހުންނެވީ މުރްސީ ވެރިކަމުން ދުރު ކުރުމުގެ އިސް މޭސްތިރި އަދި ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހު ސީސީ އެވެ.