ހަބަރު

އިބޫގެ ބަންދަށް ނުވަ ދުވަސް ޖަހައިފި

އިދިކޮޅުގައި މިވަގުތު ހުންނެވި އެންމެ އިސް ލީޑަރު، އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު ނުވަ ދުވަސް ޖަހައިފި އެވެ. އިބޫ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް ކުރި އިހްތިޖާޖުގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ޖުމްހޫރީ މައިދާން ސަރަހައްދުންނެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.

އިބޫގެ ބަންދަށް މިއަދު ކޯޓުން ނުވަ ދުވަސް ޖެހިއިރު އޭނާ ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. މިއަދުގެ ބަންދު މަޖިލީހުގައި އިބޫގެ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މީހުން ހައްޔަރު ނުކުރެވޭނެ ކަމަށް ވަކީލުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެކަމާ ދައުލަތުގެ ވަކީލުން ވަނީ ދެކޮޅު ހައްދަވައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޮންމެ މީހަކު ވެސް ހައްޔަރުކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބަންދަށް ވެސް މިއަދު ވަނީ ނުވަ ދުވަސް ޖަހާފަ އެވެ.

އިދިކޮޅުގެ އެންމެ އިސްކޮށް އުޅުއްވާ އިބޫ ހައްޔަރުކޮށް ނުވަ ދުވަހަށް ބަންދުކޮށްފައިރު މަޖިލީހުގެ އިތުރު ފަސް މެންބަރަކަށް ވެސް އެ ތުހުމަތުކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި އަހުމަދު މަހުލޫފާއި އަބްދުﷲ ރިޔާޒެވެ. އޭގެ އިތުރުން މެންބަރު އަލީ އާޒިމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަށް ކުރާ ތުހުމަތެއް އަދި ސާފެއް ނުވެ އެވެ.

މީގެއިތުރުން ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ގިނަ ބަޔަކަށް ކުރެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވެސް އެ ތުހުމަތު ފުލުހުން ކުރެ އެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގެ ތަހުގީގު އަދި ނުނިމެ އެވެ.