މުހައްމަދު އަނިލް

ޖަލްސާ ބޮއިކޮޓް ކުރުމުން ދަނީ ޑެޑްލޮކަށް، ގާނޫނީ ހައްލެއް ބޭނުން: އޭޖީ

ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް، އެއްވެސް މަގުބޫލު އުޒުރެއް ނެތި ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނާމެދު ފިޔަވަޅު އެޅޭނެ އުސޫލެއް މުހިންމުވާ ކަމަށް މިއަދު ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ. ބަންޑާރަ ނައިބުގެ ފަރާތުން މިހެން ބުނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ މައްސަލަ ބާތިލުކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލާގެ ބަހުސުގަ އެވެ.

ޖިނާއީ ކުށެއް ކުރުމުން އެ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް އިއްވާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ހުސެއިން އަދި އަނާރާ ނައީމެވެ.

މީގެކުރިން މި މައްސަލާގެ އިޖުރާއީ އަޑުއެހުމެއް ބޭއްވި އެވެ. މިއަދު ބޭއްވި އަޑުއެހުމަކީ މައްސަލަ ބަލައިގަނެ ބޭއްވި ފުރަތަމަ އަޑުއެހުމެވެ. އަޑުއެހުމުގައި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަނީ ކުރީގެ އަޑުއެހުމުގައި ސާފުކޮށްދޭން ވިދާޅުވި ކަންކަން ސާފުކޮށްދެއްވާފަ އެވެ. އެގޮތުން މިއަދު ޖަވާބުދާރީވެފައިވަނީ އެ އިސްލާހު ފާސްކުރުމުގައި ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ ގާނޫނީ އަދަދަށް މަޖިލީހުގައި މެންބަރުން ތިބެން ޖެހޭނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ނަގާފައިވާ ނުކުތާއަށެވެ. އެއީ 43 މެންބަރުންނެވެ.

އެކަމަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މާޝާ ލުތުފީ ވިދާޅުވީ އެ އިސްލާހަކީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްވާ އިސްލާޙެއް ނޫން ކަމަށެވެ. އެ ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގެ ދަށުން މަޖިލީހުގައި ތިއްބަން ޖެހޭނީ ކޯރަމް ހަވަމާ ވަރަށް މެންބަރުން ކަމަށެވެ.

"ޑެޑްލޮކަށްދާ ދިޔުމަށް ހައްލެއް މުހިންމު"

މާޝާ ވިދާޅުވީ އެ ދުވަހުގެ މަޖިލީހުގެ ޖަލްސާ އޮތްކަން ހެނދުނު މެންބަރުންނަށް އެންގި ކަމަށާއި ނަމަވެސް މެންބަރުން މަޖިލީހަށް ހާޒިރުވެ ވެސް ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މަޖިލީހުން މަޖިލިސް ތެރެއަށް ވަންނަ މެންބަރުންގެ ހާޒިރީ ނުބަލަހައްޓާތީ ނޭނގޭ ކަމަށް މާޝާ ވިދާޅުވި އެވެ. އެގޮތަށް މެންބަރުން އަމަލު ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަަވައިދުގައިވާ ގޮތުން އެއްވެސް މަގުބޫލު އުޒުރެއް ނެތި ޖަލްސާތަކުގައި ބައިވެރިވަޑައިނުގަތް މެންބަރުންނަށް ނުތިއްބެވޭނެ ކަމަށެވެ. އެގޮތަށް މެންބަރުން އަމަލުކުރައްވާނަމަ ދަނީ "ޑެޑްލޮކް"އަކަށް ކަމަށެވެ.

"ޑެޑްލޮކް"އަކަށް ދަނީ މާޝާ ވިދާޅުވި ގޮތުގައި މަގުބޫލު އުޒުރެއް ނެތި ވެސް ޖަލްސާއަށް ވަޑައިނުގެންނެވުމުން އަޅާނެ ފިޔަވަޅުތަކުގެ އުސޫލެއް ނެތީމަ ކަމަށެވެ. މަޖިލީހުގެ ގަވައިދުގައި ވެސް އެފަދަ އިޖުރާއަތެއް ނެތްކަން ފާހަގަކުރެއްވި އެވެ. އެހެންވެ އެކަމަށް ގާނޫނީ ހައްލެއް ބޭނުންވާނެ ކަމަށާއި އެފަދަ މެންބަރުންނަށް ފިޔަވަޅު އެޅޭނެ އުސޫލެއް ވަރަށް މުހިންމު ކަމަށް މާޝާ ވިދާޅުވި އެވެ.

ޖަލްސާ ގަސްދުގައި ބޮއިކޮޓްކުރާ މެންބަރުންނަށް ފިޔަވަޅު އެޅޭނެ ހާލަތެއް ނެތްއިރު، މާޝާ ވިދާޅުވީ މި އިސްލާހު "ސްޓޭޓް އޮފް ނެސެސިޓީ"އަށް ވަންނަ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަކީ ކޮންމެެހެން ގެންނަން ޖެހިގެން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ނަމަވެސް އެއީ ބަހުސްގެ ބޭނުމަށް ފާހަގަކުރާ ނުކުތާއެއް ކަމަށާއި މި އިސްލާހު ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ދަށުން ކަމަށްވާއިރު މެންބަރުންގެ އަދަދާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

މާޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުކުރުމުގެ ކުރިން އެންމެފަހުން ބިލެއް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށެވެ. އޭގެ ފަހުން މަޖިލީހުން ބިލެއް ފާސްކޮށްފައިނުވާއިރު ގާނޫނު ހެދުން ވަނީ މަޑުޖެހިފަ ކަމަށެވެ. އެހެންވެ އެފަދަ މުހިންމު ކަމެއް ޑެޑްލޮކެއްގެ ތެރޭގައި އޮތަ ނުދިނުމަށް ޖަލްސާއަށް ހާޒިރުނުވާ މެންބަރުންނަށް ފިޔަވަޅު އެޅޭނެ އިޖުރާއަތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. ޖަލްސާގައި ބައިވެރިވަޑައިގަންނަވާ ބޭނުންވާ ގޮތަކަށް ބަހުސްކުރައްވައި ބޭނުން ގޮތަކަށް ވޯޓު ދެއްވަން އޮންނައިރު ޖަލްސާގައި ވަކި ކަމެއް އެޖެންޑާ ކޮށްފައި އޮތުމުން އެ ޖަލްސާއަކަށް ވަޑައިނުގަތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިހްތިޖާޖު ކުރުމުގެ ހައްގު މެންބަރުންނަށް އޮވޭ"

މައްސަލަ ހުށަހެޅުއްވި ތިން މެންބަރުންގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ދައްކަވާ ވާހަކައިގައި "ދެއުޅިއެއް" ނެތް ކަމަށެވެ. ދައްކަވަނީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. މި ހާލަތް "ސްޓޭޓް އޮފް ނެސެސިޓީ"އަށް ވަންނަ ސަބަބެއް ފާހަގަނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ދުވަހު މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަން ގޯތި ތެރޭގައި ތިއްބެވީ ކިތައް މެންބަރުންނެއް ކަން ސާފުކޮށް ނުދިނީ ވެސް ނުބައި ނިޔަތެއް އެކަމުގައި އޮތުމުން ކަމަށެވެ.

އެ ދުވަހުގެ ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިނުގެންނެވީ މަގުބޫލު އުޒުތަކެއް އޮވެގެން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މަގުބޫލު އުޒުރެއް އޮވެގެން މަޖިލީހަށް ހާޒިރުނުވުމާއި އިހްތިޖާޖު ކުރުމުގެ ހައްގު މެންބަރުންނަށް އޮންނާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެެ.

މަޖިލީހުގައި ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކުރާކަން އެ މެންބަރުންނަށް ގަބޫލު ކުރެވޭނަމަ އެއާ ދެކޮޅު ހެދުމުގެ އިހްތިޖާޖުކޮށް ޖަލްސާއަށް ވަޑައިނުގެން ނުތިއްބެވޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ނެތް ކަމަށެވެ. އެކަށީގެންވާ އުޒުރަކީ ކޮބައިކަން ގަވައިދުގައި ފާހަގަކޮށްފައިނުވާކަން ވެސް ރިފްއަތު ފާހަގަކުރެއްވި އެވެ. ރިފްއަތު ގަބޫލު ކުރައްވާ ގޮތުގައި އެއީ ވެސް މަގުބޫލް އުޒުރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނާއިރު އެ ދުވަހު މަޖިލީހުން ވެސް އަމަލުކޮށްފައިވަނީ ގަވައިދާ މުޅިން ހިލާފަށްކަން ރިފްއަތު ފާހަގަކުރެއްވި އެވެ. ރިފްއަތު ވިދާޅުވީ އަމަލު ކުރަންޏާ މުޅި ގަވައިދަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަސް މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުކުރި މައްސަލަ އެވެ.

ފަސް މެންބަރުންނާ ގުޅިގެން ބަހުސެއް

ރިފްއަތު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މެންބަރުން ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

އެއަށް ރައްދު ދެއްވައި ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ ގަވައިދު އެހެން އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ ބާތިލުކޮށްފައިވާތީ ގަވައިދުގެ 205 ވަނަ މާއްދާގެ ގާނޫނީ ބާރު ކެނޑިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒުކުރަމުންދާ ހާލަތްތަކުގަ އާއި އެ ކުށުގެ ތަހުގީގީ މަރުހަލާގައި މެންބަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. އެ މާއްދާ ބާތިލުކުރީ ސުޕްރީމް ކޯޓުންނެވެ. އެއީ ހުކުމް ތަންފީޒުކުރުމާއި ތަހުމަތުކުރެވޭ ހާލަތްތައް ޝާމިލުވާ ގޮތަށް އެ މާއްދާގައި އޮތުމުގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެވެ.

އެއާއެކު ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ސުވާލުތަކެއް ކުރިމަތިކުރެއްވި އެވެ. އެ މާއްދާ ބާތިލުކޮށްފައިވަނީ ކުށެއް ކުރަނިކޮށް ރެޑް ހޭންޑްކޮށް ހައްޔަރުކުރެވޭ ހާލަތްތައް ފަދަ ހުރިހާ ކަމެއް ޝާމިލުވާ ގޮތަށް އޮތުމުން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބަޔާން ކުރަނީ އެންމެ ހާލަތެއް ކަމަށާއި އެހެން އެ މާއްދާގެ ބާރު ކެނޑިފައިވާ ކަމަށް ގަބޫލު ކުރައްވަނީ ކީއްވެތޯ އެއްސެވި އެވެ. އަދި މާއްދާގެ ބާރު ކެނޑިފައިވާނަމަ ގަވައިދު އިސްލާހުނުކޮށް އޮތީ ކީއްވެތޯ ވެސް އެއްސެވި އެވެ. މަޖިލީހުގެ ގަވައިދުތައް ހަދަން ޖެހެނީ މަޖިލީހުންނެވެ.

އެއަށް ޖަވާބު ދެއްވަމުން މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަލާއިރު ގަވައިދުގެ އެ މާއްދާއަށް އަމަލު ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވަނީ ކަމަށެވެ. ގަވައިދު އިސްލާހުނުކޮށް އޮތްއޮތުމަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.

ވަކި ކުށެއް ބަޔާންނުކުރާ މައްސަލަ

ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހުގައި ފަނޑިޔާރުކަން ގެއްލޭނީ ޖިނާއީ ކޮން ކުށެއް ކުރުމުންކަން ބަޔާންކޮށްފައި ނެތުމުން ފަނޑިޔާރުން ސުވާލުތަކެއް ކުރިމަތިކުރެއްވި އެވެ. ވަކި ކުށެއް ނެތުމަކީ ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް އުޅޭ ހުރަހެއްތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

އެއަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ އެގޮތަށް ގަބޫލު ކުރައްވާ ކަމަށެވެ. ގާނޫނު އޮތް ގޮތުން ކިތަންމެ ކުޑަ ކުށެއް ކުރެއްވި ނަމަވެސް އެ ފަނޑިޔާރެއް މަގާމުން ވަކިވާނެ ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ފަނޑިޔާރުންނަކީ ވަރަށް ނަޒާހަތްތެރި ބަޔަކަށްވާއިރު ކުށެއް ކުރުމަށްފަހު އަނެއްކާވެސް އެނބުރި ފަނޑިޔާރު ކަމަށް ވަޑައިގެން ކުރައްވާ ހުކުމްތައް ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ. ކުދި ކުށްތައް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް އޮވޭތޯ ވެސް ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ ކުށެއް އެއީ ކިތަންމެ ކުޑަ ކުށެއް ނަމަވެސް ވާނީ ކުށަކަށް ކަމަށެވެ. އެހެންވެ ވަކި ކުށެއް ގާނޫނުގައި ބަޔާންކޮށްފައި ނެތުމަކީ މައްސަލައެއް ނޫން ކަމަށާއި ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ އެ ފަނޑިޔާރަކު މަގާމުން ވަކިކުރެވެން ޖެހޭނެ ކަމަށެވެ.

ރިއްފަތު ވަނީ އިތުރު ކަމެއް ވެސް ފާހަގަކުރައްވާފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ގާނޫނަށް ގެނައި އިސްލާހުން ހަނިވެގެން ދިޔުމެވެ. ރިފްއަތު ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގެ ގާނޫނު ގާނޫނު އަސާސީއިން ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެގޮތަށް ކަނޑައަޅާފައިވަނީ މުހިންމު މަގުސަދެއްގަ ކަމަށެވެ. އެއް ބާރު އަނެއް ބާރަށް ނުފޫޒު ފޯރުވެން ހުރި މަގުތައް ބަންދުކުރުމަށް ކަމަށެވެ.

މާޝާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެއް ގެއްލިގެންދާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރަކު އިންޕީޗްކުރަން ޖެހެނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުށަހަޅާ މައްސަލަތަކުގަ ކަމަށާއި އެއީ ސުލޫކީ މައްސަލަތައް ކަމަށެވެ. ޖިނާއީ ކުށެއް ސާބިތުވެ ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އަދި އޭގައި ރައްޔިތުން މަޖިލީހުން ގޮތެއް ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމަކީ ފަހު ހުކުމަށްވާއިރު މަޖިލީހުން އެ ހުކުމަށްފަހު ބަލާނެ ކަމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މައްސަލާގައި ދެ ފަރާތުން ދައްކަން ހުރި ހުރިހާ ވާހަކައެއް މިއަދު ވަނީ ދައްކަވާ ނިންމަވާފަ އެވެ. މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެކަމަށް ބާއްވާ އަޑުއެހުން ތާވަލުކުރާ ދުވަހެއް ފަހުން އަންގާނެ ކަމަށް ވެސް ޝަރީއަތުން ވިދާޅުވި އެވެ.