އިލެކްޝަންސް ކޮމިޝަން

ގޮނޑީގެ މައްސަލާގައި އިންތިޒާރު ކުރަނީ ސުޕްރީމްކޯޓަށް: އީސީ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ބައި އިލެކްޝަނެއް އިއުލާން ނުކޮށް ތިބީ މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމްކޯޓުގައި އޮތުމުން އެކަމުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމެއްގެ އިންތިޒާރުގައި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި އީސީގެ މެންބަރުން މިއަދު ވަޑައިގަތް ނުރަސްމީ ކޮފީއެއްގައި، ނޫސްވެރިއަކު ދެންނެވި ސުވާލާކަށް ޖަވާބު ދެއްވަމުން، އީސީގެ ރައީސް ކަމަށް އަލަށް ހޮވިވަޑައިގެންނެވި އަހުމަދު ޝަރީފް މިއަދު ވިދާޅުވީ، 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި ނުރަސްމީ މަޝްވަރާތަކެއް މި ފަހުން ކޮމިޝަންގެ ތެރޭގައި ކުރެއްވި ކަމަށެވެ. އަދި ކޮމިޝަނަށް ގާނޫނީ ލަފާދޭ ބައެއް ފަރާތްތަކާވެސް އެކަމުގެ މަޝްވަރާ ކުރެއްވި ކަމަށާއި އެ ބޭފުޅުންވެސް ލަފާދެއްވާފައިވަނީ ސުޕްރީމްކޯޓުގެ ބަހަކަށް މަޑުކުރެއްވުމަށް ކަމަށެވެ. އީސީއަށް ގާނޫނީ ލަފާ އެރުވީ ކޮން ފަރާތަކުން ކަން ޝަރީފް ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ އެ މައުލޫމާތު ރަސްމީ ބައްދަލުވުމެއްގައި އެހެން ފަހަރަކުން ހިއްސާކުރައްވާނެ ކަމަށެވެ.

ބާރަ މެންބަރުންގެ ގޮޑި ގެއްލުނު ކަމަށް މީގެ ކުރިން އިލެކްޝަނުން ކަނޑައަޅައި ބައި އިލެކްޝަނެއް ބާއްވަން ސަޕްލިމެންޓަރީ ބަޖެޓެއްވެސް ކަނޑައެޅި އެވެ. ނަމަވެސް މެންބަރުންގެ މައްސަލާގައި މިހާތަނަށް އީސީ މަޑުން އޮތް އޮތުމާއި، ބައި އިލެކްޝަނަށް ވީގޮތަކާ މެދު އެއްވެސް ވަރަކަށް ވާހަކަ ނުދައްކާތީ އެ ބަޖެޓާ ބެހޭގޮތުން އީސީއަށް ތުހުމަތުތަކެއް ކުރެވުނެވެ.

ޝަރީފް މިއަދު ވިދާޅުވީ، ބައި އިލެކްޝަނަށް ކަނދައެޅި ބަޖެޓަކީ ހަމައެކަނި ކަރުދާހުގައި އެކުލަވާލި ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓް އޮތް ގޮތުގައި އަދިވެސް އޮންނާނެ ކަމަށާއި އެއަށް އީސީން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މެންބަރުންގެ ގޮނޑީގެ މައްސަލާގައި "ކޯޓުން ވަކި ގޮތެއް ކަނޑައެޅީމަ ކަންތައް ކުރިއަށްގެންދަން އެނގޭނެ،" ކަމަށެވެ.

މެންބަރުންގެ ގޮނޑީގެ މައްސަލައާ މެދު ގޮތެއް ނިންމަން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާއިރު މަޖިލީހުން މިހާރު ވަނީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު ފާސްކޮސްފަ އެވެ.

މެންބަރުންގެ ގޮނޑީގެ މައްސަލާގައި މިހާތަނަށް އީސީން އެއްޗެއް ނުބުންޏަސް އެކި ފަރާތްތަކުން އެކަމާ ބެހޭ ސުވާލުތައް ކުރިމަތިކުރުވާކަން ޝަރީފް މިއަދު ފާހަގަކުރެއްވި އެވެ. އެގޮތުން މިއަދު ބައްދަލުކުރެއްވި އައިޕީޔޫގެ ވަފުދަކުންވެސް އެ ސުވާލު ކުރިމަތިކުރުވި ކަމަށާއި އެ ފަރާތްތަކަށް ވެސް ދެއްވީ ހަމަ އެއް ޖަވާބެއް ކަމަށެވެ.

" މި މައްސަލައަކީ އަނެއްކާ ދުސްތޫރީ މައްސަލައެއް. އެހެން ވުމުން ސުޕްރީމްކޯޓުގެ އޯޑާއެއް ލިބުނީމަ އެކަމުގައި ވަކި ގޮތަކަށް އަމަލުކުރަން އަޅުގަނޑުމެންނަށް އެނގޭނީ،" ޝަރީފް ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.