ހަބަރު

ދިރާގުގެ ޓީވީ ލައިސަންސް އަތުނުލިއަސް ކޮރަޕްޝަނެއް ނެތް

ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ފެށަން 2013 ވަނަ އަހަރު ދިރާގަށް ދޫކުރި ލައިސަންސްގެ މުއްދަތު ހަމަވި އިރު އެ ހިދުމަތްދޭން ނުފެށި ނަމަވެސް، ބްރޯޑްކޮމުން ދިރާގަށް ދޫކުރި ލައިސަންސް ބާތިލް ނުކޮށް އޮތް އޮތުމުގައި ކޮރަޕްޝަނެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން މިގޮތަށް ނިންމާފައިވަނީ ބްރޯޑްކޮމުން 2013 ވަނަ އަހަރު ޓީވީގެ ހިދުމަތް ފެށުމަށް ދިރާގަށް ދޫކުރި ލައިސަންސްގެ މުއްދަތު ޖެނުއަރީ 30، 2015 އިގެ ނިޔަލަށް ހަމަވިއިރު، އެ ހިދުމަތް ދިރާގުން ފަށާފައި ނުވާ މައްސަލަ ބެލުމަށް ފަހު އެވެ.

އެ ކޮމިޝަނުން ބުނީ އެހެން ދިމާވި ނަމަވެސް އެފަދަ ކަންކަމުގައި ބްރޯޑްކޮމުން އަމަލުކުރާ އުސޫލަކީ ލައިސަންސް މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އޮތް ފަރާތުން ސިޓީއެއް ހުށަހަޅައި، އިތުރު ފަރާތަކުން އެކަމާ ގުޅޭ މައްސަލައެއް ހުށަނާޅާ ނަމަ ލައިސަންސް ދޫކުރާ ފަރާތުން ހިދުމަތް ދެމުންދާކަމަށް ކަނޑައެޅުން ކަމަށާއި ދިރާގު އެ ސިޓީ ހުށަހެޅި ކަމަށެވެ. އެހެންވެ ލައިސަންސް އަތުނުލައި އޮތް އޮތުމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ.

އޭސީސީން މިގޮތަށް ނިންމާފައިވާއިރު، ދިރާގުން މިހާރު ވަނީ ހިދުމަތް ފަށާފަ އެވެ.