ފިނިޕޭޖް

އަނެއްކާވެސް ދިވެހިން "ކަސޯޓީ"ގެ ތެރެއަށް!

Mar 24, 2018
2

ހިންދީ ޑްރާމާތަކުގެ ވާހަކަދައްކަން މިޖެހުނީ ދިވެހިންގެ މެދުގައި ދެހާހުގެ ކުރީކޮޅު އެންމެ މަގުބޫލުކަމެއް ހޯދި ހިންދީ ޑްރާމާ ކަމަށްވާ "ކަސޯޓީ" ގެ އާ ސީޒަނެއް ގެނެސްދޭނެ ކަމަށް އެ ޑްރާމާ ތައްޔާރުކުރި ފަރާތުން ބުނެފައިވާތީ އެވެ.

ހިންދީ ޑްރާމާތަކަކީ ދެހާހުގެ ކުރީގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޑްރާމާތަކެކެވެ. ހިންދީ ޑްރާމާތަކަށް އޮތް ފޯރި މިއަދު ކުރިއަށްވުރެ މަޑުވެފައި އޮތް ނަމަވެސް ކުރީގައި ދިވެހިންނަކީ ރެކޯޑު ކޮށްގެންނާއި ގޭގައި ކޭބަލް ޓީވީ ނެތްނަމަ ހުރި ގެއަކަށް ގޮސްގެން ވިޔަސް މި ޑްރާމާތައް ބަލާއުޅުނު ބައެކެވެ.

އިރުއޮއްސުމުން ގޮސް ރޭގަނޑު ނިދަންދެން ގޭގެ ފެންޑާތައް ފަޅުފިލުވާލަ ދިނީ މި ޑްރާމާތަކެވެ. ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އަނެއް ދުވަހު ދައްކާ ރިޕީޓުތައްވެސް މީހުން ބަލާ އުޅުނެވެ. އަނެއްދުވަހު މީހުނާއި ދިމާވުމުންވެސް އެންމެ ހޫނު ވާހަކައަކަށްވެސް އޮންނާނީ ރޭގެ އެޕިސޯޑުގައި ވީ ކިހިނެތް ހެއްޔެވެ.

ނުބެލުނު މީހާއަށް ބެލުނު މީހާ ކިޔާދޭނެ އެވެ. ނުބެލުނު މީހާ މަރުވީ ބަޖާޖުތޯ ނޫނީ ޕްރޭނާތޯ ކަށަވަރު ކުރާނެ އެވެ. ހިންދީ ޑްރާމާތަކުގައި ހުންނަ ޑްރެމެޓިކް ފީލްއާއި ސަސްފެންސަކީ ދިވެހިންނަށް ވަރަށް މަޖާވި ކަމެކެވެ. ކޮންމެ އެޕިސޯޑެއް ނިމުމުން ދެން އަންނަ އެޕިސޯޑަށް އިންތިހާއަށް އިންތިޒާރުކުރި އެވެ. އޭރު ކަސޯޓީފަދަ ޑްރާމާތަކަށް ދިވެހިންގެ ފަރާތުން ލިބުނު މި ތަރުހީބު މިއަދު ލިބިދާނެ ހެއްޔެވެ.

އޭރު ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި ވަރަށް ގިނަ ހިންދީ ޑްރާމާތައް އެބަހުއްޓެވެ. ހިންދީ ޑްރާމާތައް ދިގުލައިގެން ދާހެން ދިވެހިންނަށް އެންމެ ކަމުދިޔަ އޭރުގެ ޑްރާމާތަކުގެ ލިސްޓަކީވެސް ކޮޅެއްގައި ޖެހޭނެ ލިސްޓެއް ނޫނެވެ. އެހާވެސް އެ ލިސްޓު ދިގެ އެވެ. އެ ލިސްޓު ފުރާނާލައިގެން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި 10 ޑްރާމާއަކަށް ބަލާލަމާ ހެއްޔެވެ.

ކަސޯޓީ ޒިންދަގީ ކީ

ޑްރާމާއޭ ބުނުމުންވެސް އެންމެ ފުރަތަމަ ގިނަ ދިވެހިންގެ ސިކުނޑިއަށް އަންނާނީ "ކަސޯޓީ ޒިންދަގީ ކީ" ނުވަތަ އާންމު ނަމުންނަމަ ކަސޯޓީ އެވެ. ސްޓާ ޕްލަސް އިން ގެނެސްދިން މި ޑްރާމާއަކީ މިހާތަނަށް އެންމެ ގިނަ ދިވެހިންގެ މަގުބޫލުކަން ހޯދި ހިންދީ ޑްރާމާކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ.

ކުޅަދާނަ ޓީވީ ޑްރާމާ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ގެނެސްދިން މި ޑްރާމާއަކީ އަސަރުގަދަ ލޯބީގެ އައިލީ ޑްރާމާއެކެވެ. ފިލްމުގެ ލީޑުން ފެނިގެންދިޔައީ ޕްރޭނާ (ޝްވެތާ ތިވާރީ) އާއި އަނޫރާގު (ސިޒޭން ހާން) އެވެ. އެ ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބި ވާނެ އެވެ.

ކައިވެނިކުރަން ބޭނުންވި ނަމަވެސް އެ ދެމީހުންގެ ދިރިއުޅުމުގައި ދިމާވާ ގިނަ ކަންތައްތަކެއް ސަބަބުން އެ ދެ މީހުނަށް ޖެހޭނީ ވަކިވާށެވެ. އެ ދެމީހުން ވަކިވާންޖެހުމުގައި އެންމެ ބޮޑު ސަބަބަކަށް މެދުވެރި ވާނީ ޑްރާމާގެ ވިލަން ކޮމަލިކާ އެވެ. ކޮމަލިކާއަކީ ދިވެހިން ވަރަށް ރުޅިއައި ކެރެކްޓާއެކެވެ. ފަހުން ޕްރޭނާ ކައިވެނި ކުރާނީ މިސްޓަ ބަޖާޖް (ރޯނިތް ރޯއީ) އާއި އެވެ.

ކަސޯޓީގެ ތީމް ލަވަ.

ހަތް އަހަރަށް ދެމިގެންދިޔަ މި ޑްރާމާގެ ފުރަތަމަ އެޕިސޯޑު ދެއްކީ އޮކްޓޯބަރު 29، 2001 ގަ އެވެ. ޑްރާމާ ނިންމާލީ ފެބްރުއަރީ 28، 2008 ގަ އެވެ. އެހާތަނަށް މި ޑްރާމާގެ 1423 އެޕިސޯޑު ދައްކާފައިވެ އެވެ. ކަސޯޓީއަކީ އެންމެ ފުރަތަމަ އެންމެ ގިނަ އަހަރުވަންދެން ދެއްކި ހިންދީ ޑްރާމާތަކުގެ ލިސްޓުގެ ތިން ވަނާގައި ހިމެނޭ ޑްރާމާ އެވެ.

ކަސޯޓީގެ ދެ ވަނަ ސީޒަނެއް މިއަހަރު ގެނެސްދޭނެ ކަމަށް ޕްރޮޑިއުސަރު އެކްތާ މިހާރު ވަނީ ބުނެފަ އެވެ. ދެ ވަނަ ސީޒަންގެ ކާސްޓު ވަރަށް އަވަަހަށް އިއުލާނުކުރާނެ އެވެ.

ކިޔުކީ ސާސްބީ ކަބީ ބަހޫ ތީ

މިވެސް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާއެކެވެ. މި ޑްރާމާ އެންމެ ފުރަތަމަ ދެއްކީ ޖުލައި 3، 2000 ގަ އެވެ. އާއިލީ މައްސަލަތަކުގެ މައްޗަށް ގެނެސްދިން މި ޑްރާމާގެ ލީޑުން ފެނިގެންދަނީ ތުލްސީ (ސްމިތީ އިރާނީ) އެވެ.

ތުލްސީއަކީ އޭނާގެ އައިލާގެ މެމްބަރުންގެ ދެމެދުގައި އޮންނަ އާއިލީ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރާ މީހެކެވެ. މި ޑްރާމާގައި ފެނިގެންދަނީ އެ އުނދަގޫ މަސައްކަތްކުރުމަށް އޭނާއަށް ކުރިމަތިވާ އިމްތިހާނުތަކެވެ. މި ޑްރާމާ އިން ތުލްސީއަށް އެތަށް ބައެއްގެ އިހްތިރާމާއި ގަދަރު ލިބުނެވެ. މިއަދުވެސް ގިނަ ބަޔަކު ހިންދީ ޑްރާމާތަކުގެ ރާނީއަކީ ތުލްސީ ކަމަށް ބުނެ އެވެ.

ކިޔު ކީ ސާސްބީ ކަބީ ބަހޫ ތީގެ ތީމް ލަވަ.

އަށް އަހަރަށް ދެމިގެންދިޔަ މި ޑްރާމާއަކީ އެކްތާ ކަޕޫރާއި ސްޓާ ޕްލަސްގެ އެންމެ ބޮޑު ކާމިޔާބީ އެވެ. ސްޓާ ޕްލަސްއަށް އެންމެ ގިނަ ވިއުސް މިހާތަނަށް ލިބިފައި އޮތީ މި ޑްރާމާ އިންނެވެ. މި ޑްރާމާ 2008 ވަނަ އަހަރު ނިންމާލީ 1833 އެޕިސޯޑު ދެއްކުމަށްފަހު އެވެ. ކިޔުކީއަކީ އެންމެ ފުރަތަމަ އެންމެ ގިނަ އަހަރުވަންދެން ދެއްކި ހިންދީ ޑްރާމާތަކުގެ ލިސްޓުގެ އެއް ވަނަގައި އޮތް ޑްރާމާ އެވެ.

ކަަހާނީ ގަރް ގަރް ކީ

އަނެއްކާވެސް އެކްތާގެ ޑްރާމާއެކެވެ. މި ޑްރާމާއަކީ އެންމެ ފުރަތަމަ އެންމެ ގިނަ އަހަރުވަންދެން ދެއްކި ހިންދީ ޑްރާމާތަކުގެ ލިސްޓުގެ ދެ ވަނާގައި އޮތް ޑްރާމާ އެވެ. ދިވެހިންގެ މެދުގައި މަގުބޫލުވި މި ޑްރާމާ އަކީވެސް ހަމަ އައިލީ މައްސަލަތެއްގެ މައްޗަށް ގެނެސްދިން ޑްރާމާއެކެވެ. މި ޑްރާމާގެ ލީޑުން ފެނިގެންދަނީ ޕަރްވަތީ (ސާކްޝީ ތަންވާރް) އެވެ.

އޮކްޓޯބަރު، 2000 ގައި ފެށި މި ޑްރާމާވެސް ނިންމާލީ މެދުކެނޑުމެއް ނެތި އަށް އަހަރުވަންދެން ދެއްކުމަށްފަހު 2008 ގަ އެވެ. މި ޑްރާމާގެ 1661 އެޕިސޯޑު ދައްކާފައިވެ އެވެ.

ކަހީ ތޯ ހޯގާ

ކަހީ ތޯ ހޯގާ އަކީ ދިވެހިންނާއި އެންމެ ރައްޓެހި ޑްރާމާއޭވެސް ބުނެވިދާނެ އެވެ. މި ފިލްމު ލީޑުން ފެނިގެންދާ ދެ ތަރިން ކަމަށްވާ ކަޝިޝް (އާމްނާ ޝާރިފް) އާއި ސޫޖަލް (ރާޖީވް ކަންޑެލްވާލް) އަކީ ދިވެހިންގެ ބޮޑު ލޯތްބެއް ލިބުނު ޖޯޑެކެވެ. މި ޖޯޑު އެއްކޮށް ރާއްޖެ އައިސް ދިވެހިންނާއެކު ވަގުތުވެސް ހޭދަކޮށްފައިވެ އެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއެކު ކަޝިޝް ދިވެހި ވީޑިއޯ ލަވައެއްވެސް ކުޅުނުވެ. އެ ލަވައަކީ މިހާރުވެސް ދިވެހިން ފޫހިކަމެއް ނެތި ބަލަމުން އަންނަ ލަވައެކެވެ. ސޫޖަލްވެސް ވަނީ ދިވެހި ވީޑިއޯ ލަވަތަކުން އޭރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންއައި ތަރި ސޯނިއާ އާއެކު ލަވައެއް ކުޅެފަ އެވެ.

ޔޫއްޕެއާއެކު ކަޝިޝް ކުޅެފައިވާ ލަވަ.

އެއްބަނޑު އެއްބަފާ ފަސް އަންހެން ކުދިންގެ ދިރިއުޅުމުގައި ދިިމާވާ ކަންތައްތަކެއް ގެނެސްދިން "ކަހީ ތޯ ހޯގާ"، 2003 ގައި ފަށައިގެން ހަތަރު އަހަރުވަންދެން ދެއްކި އެވެ. މި ޑްރާމާގެ 799 އެޕިސޯޑު ދައްކާފައިވެ އެވެ.

ސަޕްނާ ބާބުލް ކާ... ބިދާއީ

"ސަޕްނާ ބާބުލް ކާ... ބިދާއީ" ނުވަތަ ދިވެހިންގެ މެދުގައި އާންމުވި ނަމުންނަމަ ބިދާއީ އަކީވެސް ގިނަ ދިވެހިންގެ ލޯބި ލިބުނު ޑްރާމާއެކެވެ. ސްޓާޕްލަސް އިން ގެނެސްދިން މި ޑްރާމާއަކީ ލޯބީގެ އަދި ފެމިލީ ޑްރާމާއެކެވެ. ރާޖަން ޝާހީ ޕްރޮޑިއުސްކުރި މި ޑްރާމާ އެންމެ ފުރަތަމަ ދެއްކީ އޮކްޓޯބަރު 2007 ގަ އެވެ. ސްޓާ ޕްލަސް އިން ތިން އަހަރު ކާމިޔާބު އެޕިސޯޑުތަކެއް ދެއްކުމަށްފަހު މި ޑްރާމާ ނިންމާލީ ނޮވެމްބަރު 2010 ގަ އެވެ.

މި ޑްރާމާގެ ވާހަކަ ބިނާވެފައި އޮންނަނީ ބައްޕައަކާއި އޭނާގެ އަންހެން ދެދަރިން އަދި އިންޑިއާގައި މީހުން ގެންގުޅޭ ނަސްލީ އަދި ނަފްސާނީ ތަފާތުކުރުންތަކުގެ މައްޗަށް މީހުން ހޭލުންތެރިކުރުމަށެވެ. މި ޑްރާމާ ނިންމާލީ އިންޑިއާގެ މުޖުތަމައުއަށް ރަނގަޅު މެސެޖުތަކެއްދީ މީހުންގެ ވިސްނުމާއި ހިޔާލު ބަދަލުކޮށްލުމަށްފަހު އެެވެ.

ކުމްކުމް - އެކް ޕިޔާރް ސަ ބަންދަން

މިއީ ދިވެހިންގެ ގޭގޭގެ ފެންޑާތަށް މެންދުރު ފަޅުވާލަ ދިން ޑްރާމާ އެވެ. ސްޓާ ޕްލަސް އިން ގެނެސްދިން މި ޑްރާމާ ދެއްކީ މެންދުރުފަހު ރާއްޖެ ގަޑިން 12:30 ގަ އެވެ. ޖުލައި 2002 ގައި ދައްކަން ފެށި މި ޑްރާމާ ނިންމާލީ ހަތް އަހަރު ދެއްކުމަށްފަހު އެވެ. ސްޓާ ޕްލަސްގައި އެންމެ ދިގު މުއްދަތަކަށް ގެނެސްދިން މަގުބޫލު ޑްރާމާތަކުގެ ލިސްޓު ކުރީގައި މި ޑްރާމާވެސް ހިމެނެ އެވެ.

މި ޑްރާމާގައި ގެނެސްދިނީ ބޮޑު އާއިލާއަކާއި ޅީދަރި ކުއްޖަކާއި ދެމެދުގައި ހިނގާ ކަންތައްތަކެވެ. ބީއޭޖޭ ފިލްމްސް އިން އުފެއްދި މި ޑްރާމާގައި ޖުމްލަ 1449 އެޕިސޯޑު ގެނެސްދީފައިވެ އެވެ.

އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ

މި ޑްރާމާ މާ އަވަހަށް ނިންމާލުމުން ގިނަ ބަޔަކު ސްޓާ ޕްލަސް ދެކެ ރުޅިވެސްއައެވެ. ޖޫން 2011 އިން ފެށިގެން އެއް އަހަރު ވަންދެން ދެއްކި މި ޑްރާމާއަކީ ގިނަ ބަޔަކަށް މިހާތަނަށް އެންމެ ކަމުދިޔަ ލޯބީގެ ހިންދީ ޑްރާމާއެވެ. ޑްރާމާގެ ލީޑު ދެ ކެރެކްޓާއަކީ ހުޝީ (ސަނައްޔަ އިރާނީ) އަދި އަރްނަވް (ބަރުން ސޮބްތީ) އެވެެ. މި ދެމީހުންގެ އޮންސްކްރީން ޖޯޑު ވެގެންދިޔައީ ގިނަ ބައެއްގެ ލޯބި ހޯދި ޖޯޑަކަށެވެ.

މި ޑްރާމާގެ އިތުރު ދެ ސީޒަނެއް މިހާތަނަށް ގެސްދީފައިވެ އެވެ. ކޮންމެ ސީޒަނެއްގައިވެސް ގެނެސްދީފައި ވަނީ ތަފާތު ކާސްޓަކާއެކު ތަފާތު ވާހަކައެކެވެ. މި ޑްރާމާގެ ފުރަތަމަ ސީޒަން ދެއްކުން ހުއްޓާލުމަށްފަހު އެ ސީރީޒްގެ ނިމުނު ހިސާބުން ފެށިގެން ހުޝީ އަދި އަރްނަވްގެ ދިރިއުޅުމަށް ތިން އަހަރު ފަހުން އައި ބަދަލުތައް ދައްކައިދިމުނަށް "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ - އޭކް ޖަޝަން" ގެ ނަމުގައި ވެބް ސީރީޒްއެއްވެސް ދައްކާފައިވެ އެވެ. އެ ވެބް ސީރީޒްއަށްވެސް ބޮޑު މަގުބޫލުކަމެއް ލިބުނެވެ.

ޖުމުލަ 398 އެޕިސޯޑު ދެއްކި މި ޑްރާމާ މިހާރު ވަނީ 18 ބަހުން ޑަބްވެސް ކޮށްފަ އެވެ.

ގުބޫލް ހޭ

ހަތަރު ސީޒަނެއް ގެނެސްދީފައިވާ ޒީ ޓީވީގެ މި ޑްރާމާއަކީ އިންޑިއާގެ މުސްލިމުންގެ މުޖުތަމައު ފެންނަ ކަންތައްތަކެއް ދައްކުވައިދިން އަދި ލޯބީގެ ޑްރާމާއެކެވެ. އޮކްޓޯބަރު 2012 ގައި ފެށި މި ޑްރާމާގެ މައިގަނޑު ދެ ކެރެކްޓާއަކީ ޒޯޔާ ފާރުގީ (ސުރްބީ ޖިޔޮތީ) އަދި އައްސަދު އަހްމަދު ހާން (ކަރަން ސިންގް ގްރޯވަރް) އެވެ.

ގުލް ހާން އުފެއްދި އަދި ފޯ ލަޔަންސް ފިލްމްސް އިން ޕްރޮޑިއުސްކުރި މި ޑްރާމާގެ 856 އެޕިސޯޑު ދައްކާފައިވެ އެވެ. މިހާތަނަށް ހިންދީ ޑްރާމާއެއްގައި އެންމެ ގިނަ ސީޒަންތަކާއި އެންމެ ބޮޑު ކާސްޓެއް ގެނެސްދިން ޑްރާމާތަކުގެ ލިސްޓުގައި މި ޑްރާމާ ހިމެނެ އެވެ.

ޕިޔާރް ކީ އޭކް ކަހާނީ

މި ޑްރާމާއަކީ ހިންދީ ޑްރާމާތަކަށް އޭރު އެހާ އާންމު ނޫން ޒޯންރާއެއް ކަމަށްވާ ސުޕަަނެޗުރަލް ޒޯންރާއަށް ގެނެސްދިން ޑްރާމާއެކެވެ. މި ޑްރާމާގެ މަގުބޫލުކަން އިތުރުވެގެންދިޔައީވެސް އެހެންވެ އެވެ. ސްޓާ ވަން އިން މި ޑްރާމާ ގެނެސްދޭން ފެށީ 2010 ގަ އެވެ.

އެކްތާ ކަޕޫރުގެ މި ޑްރާމާގެ ވާހަކައަކީ އެމެރިކަން ސީރީޒް، "ދަ ވެމްޕަޔާ ޑައިރީސް" ގެ މައްޗަށް ބިނާކޮށް ހިންދީ ޑްރާމާތަކުގެ ރަހަތައް ހިމަނައިގެން ގެނެސްދިން ލޯބީގެ ޑްރާމާއެކެވެ. މި ސީރީޒް ނިންމާލީ އެއް އަހަރުވަންދެން ކާމިޔާބު ގިނަ އެޕިސޯޑުތަކެއް ދެއްކުމަށްފަހު އެވެ.

ސާތް ނިބާނާ ސާތިޔާ

މިއީ މި ލިސްޓަށް ކޮންމެހެންވެސް ލާންޖެހޭނެ ޑްރާމާއެކެވެ. މިފަހުން ގިނަ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ހިންދީ ޑްރާމާއަކަށް އޮތީ މި ޑްރާމާ އެވެ. ގޯޕީ ޑްރާމާގެ ނަމުން ދިވެހިންގެ މެދުގައި މަޝްހޫރުވި މި ޑްރާމާ ހަތް އަހަރު ދެއްކުމަށްފަހު ނިންމާލީ މިދިޔަ އަހަރު އެވެ.

ހަތަރު ސީޒަނަކަށް ދެމިގެންދިޔަ ގޯޕީ ޑްރާމާ ފުރަތަމަ ގެނެސްދިނީ ދެބެންގެ ދެ ދަރިންގެ ގުޅުމުގެ މައްޗަށް ހާއްސަ ޑްރާމާއެއްގެ ގޮތަށެވެ. ނަމަވެސް ފަހުން އެ ދެމީހުން ކައިވެނި ކުރުމުން ޑްރާމާ ގެނެސްދިނީ ޅީދަރި ކުއްޖާ (ގޯޕީ) އާއި މައިދައިތަ (ކޯކީލާ) ގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް ހާއްސަ ޑްރާމާއެއްގެ ގޮތަށެވެ. މީއީ އާންމުކޮށް ގިނަ ހިންދީ ޑްރާމާތައް ގެނެސްދޭ ސްޓައިލެވެ. ނަމަވެސް މި ޑްރާމާގައި ހިމެނޭ ޕްލޮޓު ޓުވިސްޓުތަކާއި އެކްޓަރުންގެ ޑްރާމާ ބޮޑު އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ސްޓާ ޕްލަސް އިން ގެނެސްދިން މި ޑްރާމާގެ 2184 އެޕިސޯޑެއް ދައްކާފައިވެ އެވެ.