ހަބަރު

އައިޕީޔޫގެ ވަފުދަށް ޖަލުގައި ތިބި މެންބަރުންނާ ބައްދަލުކުރަން ފުރުސަތެއް ނުދޭ: ރޮޒައިނާ

ރާއްޖޭގެ ހާލަތު ބެލުމަށް ވަޑައިގެން އުޅުއްވާ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދަށް ޖަލުގައި ތިބި މަޖިލިސް މެންބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަސައްކަތް ނުކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އައިޕީޔޫގެ ވަފްދު އިއްޔެ ވަނީ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕްތަކާ ވަކިވަކިން ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފަ އެވެ.

ރޮޒައިނާ މިއަދު "އަވަސް"އަށް ވިދާޅުވީ ދޫނިދޫ ޖަލު ބަންދުގައި މިހާރު ތިއްބެވި މަޖިލިސް މެންބަރުންނާ ބައްދަލުކުރުމަށް އައިޕީޔޫ އިން މަޖިލީހުގެ ރައީސް މަސީހުގެ އަރިހުގައި ދަންނަވާފައިވާ ކަމަށް އައިޕީޔޫގެ ވަފްދުގެ ބޭފުޅުން އެމްޑީޕީގެ ޕީޖީ ގްރޫޕާ ބައްދަލުކުރައްވައި އިއްޔެ ވިދާޅުވި ކަމަށެވެ. އަދި ވިދާޅުވީ، މެންބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ވަފްދުގެ ބޭފުޅުންނަށް ހޯދައިދެއްވާނެ ކަމަށް މަސީހު އެ ބޭފުޅުންނަށް ވިދާޅުވެފައިވީ ނަމަވެސް އެ ފުރުސަތު އަދިވެސް އެ ހޯދަދީފައިނުވާ ކަމަށެވެ.

"އައިޕީޔޫގެ މެންބަރުންނަށް ޖަލުގައި ތިއްބެވި މެންބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދަދީފައެއް ނެތް. އައިޕީޔޫއަށް އެ ފުރުސަތު ހޯދަދޭނެ ކަމަށް ވިދާޅެފައި މަސީހު އެކަމަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ގަބޫލުކުރެވޭ،" ރޮޒައިނާ ވިދާޅުވި އެވެ. "މިއަދު ހޯމް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި އެވާހަކަ އަޅުގަނޑުމެން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެފަދަ ރިކުއެސްޓެއް ލިބިފައި ނުވާ ކަމަށް،"

އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ މައުލޫމާތު ހިއްސާކޮށް ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ކަންކަން ބެލޭނެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވާއިރު، އައިޕީޔޫގެ ވަފުދަށް މެންބަރުންނާ ބައްދަލުކުރުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

މަޖިލިސް މެންބަރުންގެ ތެރެއިން ހަތް މެންބަރަކު މިވަގުތު ތިއްބެވީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.