ބޮލީވުޑް

ބޮމްބޭ ވެލްވެޓް ފްލޮޕް!

May 17, 2015

“ބޮމްބޭ ވެލްވެޓް" އުފައްދާކަން ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް އިއުލާންކުރުމާއިއެކު، މިފިލްމު ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު އެފިލްމަކަށް އެންމެ އިންތިޒާރު ކުރި އެއް ފިލްމަށެވެ.

ދިގު އިންތިޒާރަކަށްފަހު، ހުކުރު ދުވަހު މިފިލްމު ރިލީޒްކޮށްފައިވާއިރު،ފާޑުކިޔާ ފަރާތްތަކާއި ބެލުންތެރިންގެ ނުރުހުމުގެ ބަސްތައް ރައްދުވުމުގެ ސަބަބުން ފުރަތަމަ ދުވަހު މިފިލްމު ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިފަ އެވެ.

މިފަހުން ރަންބީރު ކުޅުނު ފިލްމުތައް ފްލޮޕްވެފައިވާތީ، މިއީ ރަންބީރުގެ ކެރިއަރަށް މުހިންމު ފިލްމެއް ނަމަވެސް، ރަންބީރުއާއި އަނުޝްކާގެ އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމު ގިނަ ބަޔަކު އުންމީދުކުރިގޮތާއި ހިލާފަށް ވަނީ ނާކާމިޔާބުވެފަ އެވެ.

މިއީ އަނޫރާގް ރަންބީރު އާއި އަނުޝްކާފަދަ ބޮޑެތި ތަރިންތަކާއިއެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ނަމަވެސް މިފިލްމުގެ ވިޔަފާރި އުންމީދުކުރިވަރާއި ގާތަށްވެސް ނުވެ އެވެ.

ދެހާސްތޭރަވަނަ އަހަރު ނިކުތް ރަންބީރުގެ "ބޭޝަރަމް"އަށް ފުރަތަމަ ދުވަހު 22 ކަރޯޑް ލިބިފައިވާއިރު، "ބޮމްބޭ ވެލްވެޓް" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ ހަ ކްރޯޑް (60 މިލިއަން ރުޕީޒް) އެވެ.120 ކްރޯޑް (1200 މިލިއަން ރުޕީޒް)ގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް މިއީ މާޔޫސްވާންޖެހޭ ވަރުގެ ދަށް އަދަދެކެވެ.

ފާޑުކިޔާ ފަރާތްތަކާއި، ބެލުންތެރިންވެސް ސޯޝަލް މީޑިއާގައި މިފިލްމަށް ފާޑުކިޔަމުން އަންނާތީވެ، ކުރިއަށް އޮތްތަނުގައި މިފިލްމުގެ ވިޔަފާރި ރަނގަޅު ވާނެ ކަމަށް ބެލެވެންނެތްކަމަށް ގިނަ ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.

އެގޮތުން 3000 ސްކަރީނުގައި މިފިލްމު އަޅުވާފައިވާއިރު، އެވްރެޖްކޮށް މިިފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ 15-20 ފަސެންޓްގައި ހުރުމުން ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ކުރި ހަރަދު ފޫބެދިދާނެކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރިލީޒްކުރި "ޕީކޫ" ގެ ފުރަތަމަ ދުވަހު ފަސް ކްރޯޑް (50 މިލިއަން ރުޕީޒް) ލިބުނު ނަމަވެސް، ފާޑުކިޔާފަރާތްތަކުން މިފިލްމާއި ބެހޭގޮތުން ދައްކާފައިވަނީ ވަރަށް ރަނގަޅު ވާހަކަތައް ކަމުން، ފިލްމު ބަލަން ވަން މީހުންގެ އަދަދު ފަހުން ރަނގަޅުވެ، ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ތަރުހީބެއް ލިބިފަ އެވެ. “ބޮމްބޭ ވެލްވެޓް" ރިލީޒްކުރި ދުވަހުވެސް މިފިލްމަށް ވަނީ 3.1 ކްރޯޑް (32 މިލިއަން ރުޕީޒް) ލިބިފަ އެވެ.

“ޕީކޫ" ދައްކާ ސިނަމާތައް "ބޮމްބޭ ވެލްވެޓް" އަށް ވުރެން މަދު ނަމަވެސް، މިފިލްމާއި ބެހޭގޮތުން ފާޑުކިޔުންތެރިންނާއި، ފިލްމް ބެލި ފަރާތްތަށް ރަނގަޅު ވާހަކަ ދައްކަމުންދާއިރު ކުރިއަށް އޮތް ތަނުގައި "ބޮމްބޭ ވެލްވެޓް"އަށް މިފިލްމުގެ ސަބަބުން ބިރުވެރިކަމެއް އެބަ އޮތެވެ.

ފިލްމާއި ބެހޭގޮތުން ފާޑުކިޔުންތެރިންގެ ތެރެއިން ގިނަ މީހުން ބުނެފައިވަނީ، ފިލްމުގައި ހިމެނޭ ކާސްޓުންގެ އަދަދު މާގިނަ ކަމަށާއި އެހެންވުމުގެ ސަބަބުން ބޭކާރު ސީންތައް ފިލްމުގައި ހިމެނި، ފިލްމު މާ ދިގުކަމަށެވެ. އަދި ފިލްމުގައި ރަނގަޅު ސްކްރިޕްޓެއް ނެތުމާއި އިހްސާސްތައް ދަށްކަމުން، މިފިލްމަކީ ބެލުންތެރިން ނިދިއަންނަ ކަހަަލަ ފޫހި ފިލްމެއް ކަމަށެވެ. ފިލްމުގެ ލީޑްތަރިންގެ ތެރެއިން ރަންބީރުގެ އެކްޓިން ރަނގަޅުކަމަށާއު އަދި ވަކިވަކި ތަރިންގެ އެކްޓިން ރަނގަޅު ވުމާއި، ފިލްމުގެ ވިޝުއަލް ރަނގަޅު ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ފާހަގަކޮށްފަ އެވެ.އަދި ފިލްމުގެ މިއުޒިކްގެ ސަބަބުން ވެސް މާރަނގަޅު އަސަރުތަކެއް ކޮށްފައިނުވާކަމަށްވެސް ވެ އެވެ.

ޕްރޮފެސަރު ގިޔާން ޕްރަކާޝް ލިޔެފައިވާ " ބޮމްބޭ ފޭބްލްސް"ގެ މައްޗަށް އުފައްދާފައިވާ މިފިލްމުގައި ފެނިގެންދަނީ ޖޯނީ ބަލްރާޖް (ރަންބީރު ކަޕޫރު) ކޮންމެ ގޮތެއް ހަދައިގެންވެސް ކާމިޔާބު ހޯދުމަށް ކުރާ މަސައްކަތެވެ. ރޯޒީ (އަނުޝްކާ ޝަރްމާ) ފެނިގެންދަނީ ޖޭޒް ލަވަކިޔުން ތެރިއެއްގެ އިތުރުން، ބަލްރާޖްގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. އަދި ކައިޒާދު ކަމްބާޓާ (ކަރަން ޖޯހަރު) ނުބައިބައި ރޯލަކުން ފެނިގެންދާ ފާސިރީ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. މިއީ މަޝްހޫރު ޕްރޮޑިއުސަރު - ޑައިރެކްޓަރު ކަަރަން ޖޯހަރު އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެ އެވެ.

ކުރިއަށް އޮތްތަނުގައި މިފިލްމަށް ރަނގަޅު ތަރުހީބެއް ލިބޭނެކަމަށް ނުބެލެވޭއިރު، ރަންބީރުގެ ކުރީގެ ފިލްމުތައް ކަމަށްވާ "ބޭޝަރަމް" އާއި "ރޯއި" އަށް ލިބުނު ތަރުހީބާއި ގާތްކުރާ ވަރެއްގެ ތަރުހީބެއް މިފިލްމަށް ނުލިބޭނެ ކަމަށް ގިނަ ފަރާތްތަކުން ލަފާކުރެ އެވެ.

“ބޮމްބޭ ވެލްވެޓް" އަށް ފުރަތަމަ ދުވަހުވެސް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައިވާއިރު، މިފިލްމުގެ ކުރިން ނެރުނު ދެފިލްމު "ގައްބަރް އިޒް ބެކް" އާއި "ޕީކޫ" އަށް އަދިވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.