މުސްކުޅި ބައްޕަ އަކު ބަލަހައްޓާ އަންހެން ކުއްޖެއްގެ ރޯލުން ދިޕިކާ ޕަދުކޯން ފެނިގެންދާ "ޕީކޫ" ބެލުމަށްފަހު ގިނަ ބަޔަކު އޭނާ އެޑޮޕްޓްކުރަން ބޭނުންވާކަމަށް ދިޕިކާ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމުގައި ފެނިގެންދަނީ އަންހެން ދަރިފުޅާއި ބައްޕަގެ އާދަޔާ ހިލާފު ގުޅުމެވެ. އަދި ޕީކޫ (ދިޕިކާ) އަމިއްލަ ކަންތައްތަކަށް ވުރެން ބޮޑަށް އިސްކަންދެނީ ބަނޑުހަރުވެގެން ބޮޑުކަމުނުދެވިގެން އެމައްސަލަ ހައްލުނުކުރެވިގެން އުޅޭ އޭނާގެ ބައްޕަ (އަމީތާބް)ގެ ކަންތައްތަކަށެވެ.
ޑައިރެކްޓަރު ސުޖިތް ސިރްކާރްގެ "ޕީކޫ" އަށް ފާޑުކިޔުންތެރިންނާއި ބެލުންތެރިންގެ ތައުރީފު ލިބެމުން އަންނައިރު، ދިޕިކާ މިފިލްމުގައި ދައްކުވައިިދީފައިވާ އެކްޓިން އަށްވެސް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.
އެގޮތުން، ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު އޭނާ އެޑޮޕްޓް ކުރަން ބޭނުންވާ ވާހަކަ ބުނާ ކަމަށާއި، މިއީ މިހާތަނަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ތައުރީފުކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ފާޑުކިޔާ ގިނަ ފަރާތްތަކަކުން ވަނީ މިފިލްމުގެ ރީތިކަމަކީ ފިލްމުގެ ވާހަކަ ނޫންކަމަށާއި، ފިލްމު ހުށަހަޅައިދީފައިވާ ގޮތްކަމަށެވެ. އެގޮތުން މިފިލްމުގައި ދިޕިކާ، އަމީތާބް އަދި އިރުފާން ދައްކުވައިދީފައިވާ އާދަޔާ ހިލާފު ހުނަރު ފާހަގަކޮށްލެވެ އެވެ.
ފިލްމު ރިލީޒްކުރުމަށް ފަހު މީޑިއާތަކަށް ދިޕިކާ ދިން އިންޓަވިއުއެއްގައި ބުނީ މިފިލްމުގެ ވާހަކައަކީ އާދަޔާ ހިލާފު ވާހަކައެއް ކަމުން މިފިލްމަށް ގިނަ ބައެއްގެ ސަޕޯޓް ލިބޭނެކަން ކުރިންވެސް އެނގޭ ކަމަށެވެ. ނަމަވެސް، މިހާރު މިފިލްމަށް ލިބެމުންދާ ވަރުގެ ތަރުހީބެއް ލިބިދާނެ ކަމަށް އެއްވެސް އިރެއްގައި ހީނުކުރާކަމަށްވެސް ދިޕިކާ ބުންޏެވެ.އެގޮތުން ފިލްމާއި ބެހޭގޮތުންވެސް ގިނަ މީހުން ތައުރީފު ކުރަމުން އަންނައިރު، މިހާތަނަށް ލިބުނު އެންމެ ބޮޑު ކޮމްޕްލިމެންޓަކީ ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު އޭނާ އެޑޮޕްޓްކުރަން ބޭނުންވާކަމަށް ބުނުންކަމަށެވެ.
“މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކޮމްޕްލިމެންޓް" ދިޕިކާ ބުންޏެވެ.
“އެމީހުންނަށް މިފިލްމު ވަރަށް ކަމުދިޔަ" ދިޕިކާ އިތުރަށް ބުނެފައި ވެ އެވެ.
“ޕީކޫ" އަށް މިހާރު ލިބެމުންދާ ތަރުހީބުން އެނގޭ އެއްޗަކީ މާބޮޑެތި ޕްރޮމޯޝަންތައް ނުބާއްވައި، ނިވާކަން ކުޑަ ހެދުންތައް ލައި، ގައިގޯޅި މަންޒަރުތައް ނުހިމަނާ އަދި އެއްވެސް ވަރަކަށް ނަށާ ލަވަތައް ނުހިމެނި ކަމުގައި ވިޔަސް ފިލްމެއް ބެލުންތެރިންނަށް ކަމުދާނެ ކަމެވެ.
"ޕީކޫ"އަކީ އަންހެނެއްގެ ހަޔާތުގެ ދަތުރެއް ކަމަށާއި،އޭނާ އަދާކުރަން ޖެހޭ ހުރިހާ ޒިންމާއެއް އެންމެ ފުރިަހަމައަށް އަދާކުރާ މީހެއް" ފިލްމުގެ ވާހަކައާއި ބެހޭގޮތުން ދިޕިކާ ބުންޏެވެ.
މިފިލްމު ރިލީޒްކުރުމުގެ ކުރިން ދިޕިކާ ވަނީ އޭނާ މިފިލްމުގެ ޑައިރެކްޓަރު ސުޖިތް އޭނާއާއި ބައްދަލުކޮށް އެންމެ މަންޒަރެއް ކިޔައިދިނުމުން މިފިލްމަށް ހިތްދެވުނު ކަމަށެވެ.
ހަފްތާއެއްގެ ތެރޭގައި މިފިލްމަށް މިހާރު ވަނީ 44.5 ކްރޯޑް (445 މިލިއަން ރުޕީޒް) ލިބިފަ އެވެ.
ދިޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ، ކުރީގެ ލޯބިވެރިޔާ ރަންބީރު އާއިއެކު ކުޅޭ "ތަމާޝާ" އާއި މިހާރުގެ ލޯބިވެރިޔާ ކަމަށް ބުނާ ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްޅާ އާއި އެކު ކުޅޭ "ބާޖީރާއޯ މަސްތާނީ" އިންނެވެ.