މިއަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ވެސް މި ފަހަކަށް އައިސް މިފަދަ ދުވަސްތައް އެކި ގޮތްގޮތަށް ފާހަގަ ކުރެ އެވެ. ފަރުދީ ފެންވަރުގައި ފާހަގަކުރާ އިރު އޮފީސް ފެންވަރުގައި ވެސް މިފަދަ ދުވަސްތައް ފާހަގަކުރުމަކީ މިހާރު އާންމު ކަމެކެވެ. އަދި މި ފަދަ ދުދުވަސްތަކުގައި "ތަފާތު" ފޮޓޯތަކެއް ވެސް ނުކުމެ އެވެ. އެފަދަ ފޮޓޯއެއް މިއަދު ދޫކޮށްލީ ސިވިލް ސާވިސް ކޮމިޝަނުންނެވެ.
މިއަދު ހެނދުނު ސިވިލް ސާވިސްގެ މުވައްޒަފުން އޮފީހަށް ދިޔައީ ކުލަ އިސްޓާކީނުގަ އެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހައްގުތަކަށް ހިތްވަރުދީ، އެކުދިންނާއެކު ތިބިކަން ސާބިތު ކޮށްދޭން ސީއެސްސީގެ 60 އަށްވުރެ ގިނަ ސްޓާފުންނާއެކު ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވެސް މިއަދު ހެނދުނު އޮފީހަށް ވަޑައިގެންނެވީ ކުލަ ސްޓާކީނުގަ އެވެ. ސީއެސްސީން ބުނީ، ކުލަ އިސްޓާކީންގައި އޮފީހަށް ނުކުތުމަށް ސްޓާފުން ރޭވީ، މިއަދަކީ ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ހިއްވަރުދިނުމަށް އެކި ފަރާތްތަކުން ފާހަގަކުރާ ދުވަހަކަށް ވުމުން ސީއެސްސީން ވެސް އެކުދިންނާއެކު ތިބިކަން ހާމަކޮށްދިނުމަށް ކަމަށެވެ.
"މާ ބައިވަރު ބައިވަރު ހަރަކާތްތަކެއް ނުރާވަން. މިފަދަ ވަރަށް ކުޑަ ކަމަކުން ވެސް އަޅުގަނޑުމެން އަންގައިދޭން ބޭނުންވީ ޑައުންސިންޑްރޯމަށް އަދިވެސް މުޖުތަމައު ހޭލުންތެރިވާން ޖެހޭކަން. އަދި ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއެކު ސީއެސްސީގެ މުވައްޒަފުން ތިބި ކަން،" ސީއެސްސީގެ އިންފޮމޭޝަން އޮފިސާ އަހުމަދު ނައުޝާދު ވިދާޅުވި އެވެ.
ޑައުންސިންޑްރޯމް އަކީ ކްރޯމޮޒޯމްގެ 21 ވަނަ ޖޯޑްގައި އިތުރު ކްރޯމޮސޯމް އެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ އައިބެކެވެ. މި ހާލަތު މެދުވެރިވުމުން ގޮތެއްގައި ހުންނަ 46 ކްރޯމޮޒޯމްގެ ބަދަލުގައި އެފަދަ މީހެއްގެ ހަށިގަނޑުގައި 47 ކްރޯމޮޒޯމް ހުންނާނެއެވެ. ކްރޮމޮޒޯމަށް މި ބަދަލު އަންނަން މެދުވެރިވާ ސީދާ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ.
ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔެއަށް އުފަންވާ ކޮންމެ 800 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޑައުން ސިންޑްރޯމް ޖެހިފައިވާ ކުއްޖެކެވެ. ރާއްޖޭގައި ނަމަ މިފަދަ ކުދިން ލިބުމުގެ ޗާންސް 40 އަހަރުން މަތިވުމުން 8.1 ޕަސެންޓަށް އިތުރުވެ އެވެ. އަދި ފާއިތުވި ދެ އަހަރު ރާއްޖޭގައި އުފަންވި ކުދިންގެ ތެރެއިން ޑައުން ސިންޑްރޯމް ހުރި ކުދިންގެ 40 ޕަސެންޓަކީ 40 އަހަރުން މަތީ އަންހެނުން ވިހޭ ކުދިންނެވެ.
ޑައުން ސިންޑްރޯމް އާއި ގުޅިގެން އުފެދޭ އައިބުތަކުގެ ތެރެއިން އުފެދުމުގައި ހިތުގައި ހުންނަ އައިބުތައް ފިޔަވައި އެހެން ގިނަ ކަންތައްތައް އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. އަދި އެފަދަ މީހުން ބޮޑުވެ ފުރާ ފުރިހަމަ މީހެއްގެ ގޮތުގައި އުޅުމުގެ ގާބިލިއްޔަތު ލިބިގެންދެއެވެ. ނަމަވެސް އާންމުކޮށް ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންނަކީ އުމުރު ކުރު ބައެއް ކަމުގައި ސައިންޓިސްޓުން ފަރާތްތަކުން އިއްތިފާގުވެ އެވެ.