ރިޕޯޓް

މަޝްވަރާތަކުން އޮއްޓަރެއް ފައިދާވާނެބާ؟ ހިއެއްނުވޭ!

May 17, 2015

ރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ ހަލަބޮލިވެފަ އެވެ. މިވަގުތު ރާއްޖެ އޮތީ ސިޔާސީ ގޮތުން ހަމަނުޖެހުމުގެ ތެރޭގަ އެވެ. އެކަން ކަމަށް އެންމެން ވެސް ހައްލު ބޭނުންވެ އެވެ. އެންމެވެސް މަޝްވަރާ ކުރަން ބޭނުންވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އެކަން ކަމަށް ހައްލު ބޭނުން ވެއެވެ. އިދިޖޮޅު އެމްޑީޕީ އާއި ޖޭޕީ، އަދި އަދާލަތު ޕާޓީން ވެސް އެކަން ކަމަށް ހައްލު ބޭނުންވާ ކަމަށް ބުނެ އެވެ. އެހެންވިޔަސް އެހެންވާނެ ހެއްޔެވެ؟

މިދިއަ ބުރާސްފަތި ދުވަހު ސަރުކާރުން  ބުނެފައިވާ ގޮތުގައި ރާއްޖޭގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ފައިދާއަށް ސަރުކާރާއެކު މަޝްވަރާކުރަން އިދިކޮޅު ‏‏ސިޔާސީ ‏‏‏ފަރާތްތަކަށް ‏ރައީސް ޔާމީން ‏ދައުވަތު ދެއްވައެވެ. މަޝްވަރާގެ ވާހަކަތައް ތިލަވެގެން އާއިރު މީގެ ކުރިން ވެސް ރައީސް ޔާމީން ވަނީ އިދިކޮޅު ބައެއް ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފަ އެވެ. އަދި އޭގެ ފަހުން އެމަނިކުފާނުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މެދުވެރި ކުރައްވައިގެން ވެސް މަޝްވަރާތައް ކުރިޔަށް ގެންދެވި އެވެ.

މަޝްވަރާގެ ފުރުސަތު ސަރުކާރުން އަލުން ތަނަވަސްކޮށްދީފައިވާއިރު މަޝްވަރާގެ ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖޭގެ ހަމެޖުހުމަށާއި ރައްޔިތުންގެ ‏‏ލާބައާއި ފައިދާއަށްޓަކައި ‏‏ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށެވެ. އަދި އެއީ ގާނޫނީ ތަރަހައިގެ ‏‏ތެރޭ ‏‏މަޝްވަރާއަށް ހުޅުވި ދޮރެއް ކަމަށް ބުނަމުންނެވެ.

ސަރުކާރުން މަޝްވަރާއަށް އިދިކޮޅަށް ދެވަނަ ފުރުސަތެއް ތަނަވަސް ކޮށްދިނުމުން އެމްޑީޕީ އާއި ޖޭޕީ އަދި އެމްޑީޕީ ވެސް ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އެއީ ޑިޕްލޮމަސީ އެވެ. ނަމަވެސް ތިން ޕާޓީގެ ރާގު ވެސް ހުރީ ޝަރުތުތަކަކާއެކު މަޝްވަރާ ކުރާށެވެ.

އެމްޑީޕީން ބުނާ ގޮތުގައި "އަނިޔާވެރިކަމާ ދެކޮޅަށް" އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށީ ވެސް ތިން ޕާޓީއެކީ އެވެ. އެހެންކަމުން މަޝްވަރާ ކުރުމަށް ވެސް އެފަރާތްތަކުން ގޮތެއް ނިންމާނީ އެކުގަ އެވެ. މިއަދު އެކަމަށް ގޮތެއް ނިންމާނެ އެވެ.

މި އަދު ގޮތެއް ނިންމާއިރު އެމްޑީޕީގައި މިވަގުތު ތިބި އިސް ލީޑަރުންގެ ވާހަަކަ ހުރީ ޖަލުގައި ހުންނަވައިގެން މިއަދު 48 ވަނަ އުފަންދުވަސް ފާހަގަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ނުކުރާނަމަ އަދި މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެ ޕާޓީފެ ޗެއާޕާސަން އަލީ ވަހީދު ދޫކޮށް ނުލާނަމަ މަޝްވަރާއަށް ނުދާ ގޮތަށެވެ.

ސަރުކާރުން ބުރާސްފަތި ދުވަހު މަޝްވަރާއަށް ގޮވާލުމުން އެމްޑީޕީގެ ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް ޔާމީން އެ ގޮވާލެއްވުމަށް އެމްޑީޕީން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާ އެއް ކުރާނަމަ އެމްޑީޕީން ދާނީ ޕާޓީގެ ރައީސާއި ޗެއާ ޕާސަނާއި ލީޑަޝިޕްގެ އެހެން ވެރިންނާއެކުގައެވެ. އެފަދަ މޭޒެއްގެ ދޮށަށް ސަރުކާރުން ވަޑައިގަންނަވަން ޖެހޭނީ ރައީސްގެ ކެބިނެޓުން ރައީސް ވަޑައިގަންނަވާ ވަޒީރުންގެ ބަދަލުގައި ރައީސް ޔާމީނެވެ. ޑައިލޯގްގެ ކުރިން ފުރަތަމަވެސް މިއޮތީ މުރަނަވެފަ އެވެ.

"މަޝްވަރާއަށް ވަޑައިގަންނަވަން ޖެހޭނީ ރައީސް ޔާމީނުގެ ކެބިނެޓެއް ނޫން. ސީދާ ރައީސް ޔާމީން،" ޝިފާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ މީގެ ކުރިން ވެސް އެމްޑީޕީ އާއި ސަރުކާރާ ދެމެދު މަޝްވަރާތައް ކުރުމުގައި ލީޑް ކުރައްވާފައިވާ މަޑުމައިތިރި ބޭފުޅެކެވެ.

އިބޫ ވިދާޅުވި ގޮތުގައި މަޝްވަރާ އަށް ރައީސް ޔާމީން ގޮވާލެއްވި ގޮވާލުމަށް ޖަވާބެއް ދެވޭނީ މިހާރު އިދިކޮޅު ފަރާތްތަކުން މިހާރު އެކުލަވާލާފައިވާ "ގައުމީ ހަރަކާތު" ގެ ސްޓިއަރިން ކޮމެޓީގައި ނިންމުމެއްގެ ތެރެއިންނެވެ، މަޝްވަރާ ކުރަން އެދި ވަޑައިގަންނަވާ މެސެޖެއް ރައީސް ޔާމީންގެ އާންމު ކުރެއްވި އިރު މަޝްވަރާއަށް އެދި އެމްޑީޕީ އާއި އެ ޕާޓީއާއެކު މަސައްކަތް ކުރަމުން އަންނަ އިދިކޮޅު އެހެން ޕާޓީތަކުން ރައީސު އަރިހުން ކުރިން ވާނީ އެދިފައެވެ..

""އަޅުގަނޑުމެން އޮންނާނީ މާ ކުރިން މަޝްވަރާއަށް އެދިފައި. ތަކުރާރުކޮށް އެކަމަށް އެދި އަދި ގޮވާލަމުން ވެސް ދިޔައިން. އެކަމަކު އޭރު ރައީސް ވިދާޅުވީ  'ނޯ' އޭ. ދެން މިހާރު އަޅުގަނޑަކަށް ނޭނގެ ކީއްވެގެން ކަމެއް އެހެން ވިދާޅުވީއަކީ ފަހަރުގައި ވެދާނެ އެއީ އޭރު އިދިކޮޅު ފަރާތްތަކުގެ ގޮވާލުމަށް ދެއްވި ޖަވާބެއް ކަމަށް،" މިއީ އެންމެ މަޑުމައިތިރި ލީޑަރުގެ ވިސްނުންފުޅެވެ.

އަނެއްކޮޅު އިދިކޮޅު ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި އަދާލަތުގެ ރާގު ވެސް ހުރީ މިގޮތަށެވެ. އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ނުކުރާ ނަމަ މަޝްވަރާއެއް ނެތް ކަމަށް އެޕާޓީން ވަނީ އިއުލާންކޮށްފައެވެ.

އަމީން ވިދާޅުވަނީ ތިން ޕާޓީން ނިންމާ އުސޫލަތަކެއްގެ ތެރެއިން އަދި ތިން ޕާޓީ އެކުގައި ސީދާ ރައީސް ޔާމީނާއެކު ކުރާ މަޝްވަރާތަކެއް ނޫނީ ބަލައިގަތުމެއް ނެތް ކަމަށެވެ. ހަމައެއާއެކު ސަރުކާރުން ވެސް ބުނަނީ މަޝްވަރާގެ ފުރުސަތު އޮތީ "ގާނޫނީ ތަރަހައިގެ" ތެރޭގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު މަޝްވަރާތަކެއް ކުރެވި އޮއްޓަރެއް ފައިދާވާން ބޭނުންވިޔަސް މަންޒަރު ފެންނަ ގޮތުން އެފަދަ ސުލްހަވެރި ކަމުގެ މަޝްވަރާތަކެއް ކޮށް ސިޔާސީ ގޮތުން ޑައިލޯގު އުފައްދައިގެން ހައްލުތަކެއް ހޯދުމާ ހަމައަށް ދެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

މަޝްވަރާއަށް ދާން ފުރުސަތު ލިބުނީ އަލަކަށް ނޫނެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުގައި އެމަނިކުފާނު އަމިއްލަފުޅަށް މަޝްވާރާ ކުރެއްވި އިރު ވެސް އަދި ފަހުން ހޯމް މިނިސްޓަރު އުމަރު ނަސީރު މެދުވެރިކޮށް ވާހަކަތައް ކުރިޔަށް ގެންދިޔައިރުވެސް އިދިކޮޅުން ދައްކާ ވާހަކައެއް "ސާފެއް" ނުވެއެވެ. ފަހުން މިނިސްޓަރު އަދީބާ ހަވާލު ކުރެވުނު އެ މަސައްކަތުގައި ކުރިޔަށް ވަޑައިގަތުމަށް އަދީބު މަސައްކަތް ކުރެއްވިކަން އެނގޭ ސިޓީއެއް ހަމަވުން ފިޔަވައި އެހެން ކަމެއް ތިލަވެފައެއް ނުވެއެވެ.

އޭރުވެސް މިހާރުވެސް އިދިކޮޅުން ބުނަނީ ރައީސް ޔާމީން މަޝްވަރާއަށް ވަޑައިގަންނަވަން ޖެހޭނީ އެފަރާތުން ބުނާ ގޮތަކަށް ބުނާ ތަނަކަށް ބުނާ ގަޑިއަކަށް ބުނާ ބަޔާއެކުގައި ކަމަށެވެ. އޭރުވެސް އެކަމެއް އެގޮތަކަށް ނުހިނގި އެވެ. މޭޑޭގެ މުޒާހަރާއަށް ފަހު ކަންކަން ބަދަލުވެގެން ދިޔަ ގޮތުން މިހާރު އަމުދުން އެއީ ވެދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެ ވެއެވެ. އެއީ ރައީސް ޔާމީންގެ މިޒާޖު ފުޅާވެސް ބީރައްޓެހި ކަމެކެވެ.

"އިދިކޮޅު ފަރާތްތަކުން ކުރާ މައިގަނޑު ޑިމާންޑަކީ ނަޝީދާއި ނާޒިމާއި އިމްރާން ފަދަ ބޭފުޅުން މިނިވަން ކުރުން. އޭގެ ތެރެއިން ރައީސް ނަޝީދުގެ މައްސަލާގައި ރައީސް ޔާމީން ވަނީ ވަރަށް ސާފުކޮށް ޖާވަބު ދެއްވަފައި. އެކަމުގައި އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އިސްތިއުނާފަށް އޮތް މަގުން ވަޑައިގަތުމަށް. އެހެންވީމާ ރައީސް ނަޝީދު މިނިވަންކޮށްދީގެން ބާއްވާ މަޝްވަރާއެއް ރައީސް ޔާމީން ވެސް ނުބާއްވާނެކަން އެނގޭ. މިފަހަރު މަޝްވަރާއަށް ގޮވާލެއްވި އިރުވެސް އެކަން ވަނީ އަލުން ޔަގީންކޮށްދެއްވާފައި ވިދާޅުވެފައި އޮތީ މަޝްވަރާ ކުރާނީ ގާނޫނީ ތަރަހައިގެ ތެރޭގައޭ، އެހެންވީމާ މި މަޝްވަރާއަކީ ކާމިޔާބު ވާނެ މަޝްވަރާއެއް ކަމަކަށް ނުފެނޭ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށް ބުނެ ހަރަކާތްތަކެއް ޕްރޮމޯޓް ކުރި ނަމަވެސް އެ ހަރަކާތުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އޮތީ އެންމެ ބޭނުމެކެވެ. ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމެވެ. އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވޭ ގޮތް ވުމެވެ. ޕާޓީގެ ރައީސްކަން ގެއްލޭ ގޮތް ނުވުމެވެ.

ރައީސް ނަޝީދަށް ޖަލު ހުކުމް އައީ ޝަރުއީ މަރުހަލާއިންނެވެ. ޕާޓީގެ ރައީސްކަން ނަޝީދަށް ގެއްލުނީ މަޖިލީހުން އައި ގާނޫނަކުންނެވެ. އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނީ ހުކުމުގެ ނަތީޖާއިންނެވެ. އެހެން ކަމުން މަޝްވަރާއެއްގައި ވިޔަސް މަޝްވަރާއަށް ދާންވިޔަސް މި މައްސަލައިގައި ވާހަކަފުޅު ދައްކަވަން އެންމެ ފަސޭހަ ބޭފުޅަކީ ރައީސް ޔާމީނެވެ. އެއީ އެކަން ކަމަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވީމާ ހުރިހާ ކަމެއް ނިމުނީ އެވެ. އަނެއްކޮޅު އިދިކޮޅުން އެގޮތް ގަބޫލު ނުކުރާނެ ކަމަށް ބުނުން ފިޔަވައި ދެން ދައްކާނެ އިތުރު އަދި އާ ވާހަކައެއް ނޯންނާނެ އެވެ. އެހެން ދިމާއަކަށް ދާނަމަ އަސްލު ފޯކަސް ގެއްލި ދާނެތީ އެހެން ގޮތެއް ހަދަން ވެސް އެމްޑީޕީން ބޭނުމެއް ނުވާނެ އެވެ.

"މީގައި އެއްވެސް ބައެއްގެ އިހުލާސްތެރި ކަމެއް ހުރިހެނެއް ހީއެއް ނުވޭ. އެހެންވީމަ އިހުލާސްތެރި ނިޔަތެއްގައި ނޫން ގޮތަކަށް ކުރާ މަޝްވަރާއެއް ކާމިޔާބެއް ނުވާނެ. އިދިކޮޅަކީ ކޮބައިތޯ؟ އިދިކޮޅަކީ އެމްޑީޕީ ދެން ޖޭޕީގެ ލީޑަރު ގާސިމް. އެ ދެ ބޭފުޅުން ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެންމެނަށް އެނގޭ. އެކަންކަމަށް ރައީސް ޔާމީން ފުރުސަތެއް ދެއްވާނެ ކަމަކަށް ނުބެލެވޭ އަދި އެއީ ވަރަށް ނާދިރު ކަމެއް އެހެންވީމާ މަޝްވަރާއަކަށް ބޭރު ފުށަށް އައި އެއްޗެއް، އަދި ކުރިން އިދިކޮޅުން ވެސް މަޝްވަރާގެ ވަހަކަ ދެއްކީ ބޭރުފުށަށް ވަކި މަންޒަރެއް ދައްކައިގެން ނިޔަތަކީ އެހެން ނިޔަތެއް، ވީމާ މިއީ މިހާރުވެސް ފޭލިވެފައިވާ މަޝްވަރާއެއް،" އެހެން ބޭފުޅަކު ވިދާޅުވި އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރައީސް ޔާމީން އަލުން މަޝްވަރާގެ ވަހަކަ ތިލަ ކުރައްވާފައިވަނީ އެމަނިކުފާނު މަޝްރަވާގެ އުސޫލު އިސް ކުރެއްވި ކަން ބައިނަލް އަގުވާމީ މުޖުތަމައަށް ދެއްކުމަށެވެ. ބައިނަލް އަގުވާމީ ގިނަ ޖަމިއްޔާތަކުން ވެސް އަދި ދޭދޭ ގައުމު ތަކުން ވެސް ރާއްޖޭގެ މައްސަލައިގައި ދައްކާ ހުރިހާ ވާހަކައެއްގެ ފަހުު ޖުމްލައަކަށް މަޝްވަރާކޮށްގެން ސިޔާސީ މަސްރަހަށް ފިނިކަން ގެނައުމަށް ލިޔެފައި އޮންނާތީ ދޭ ޖަވާބެއްގެ ގޮތުގައެވެ.

ސަރުކާރުގެ ދައުވަތަށް އިދިކޮޅު ފަރާތްތަކުން މިއަދު ދޭނީ ކޮން ޖަވާބެއް ކަމެއް އަދިއެއް ނޭނގެ އެވެ. ކޮންމެ ޖަވާބެއް އަޔަސް އެފަރާތްތަކުން ބޭނުންވާހާ ގޮތަކަށް ރައީސް ޔާމީން ދުލެއް ނުކުރައްވާނެކަން އެއީ ޔަގީން ކަމެކެވެ. އދިކޮޅުގެ ޖަވާބަކާއެކު،  މަޝްވަރާތައް ފެށުނަސް ނުފެށުނަސް އިދިކޮޅު ފަރާތްތަކުގެ "މުރަނަ" ކަން ވެސް މިވަގުތަށް މަޑުވެގެން ހިނގައިދާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެމްޑީޕީގެ ސިޔާސީ ފޯކަސް އިން ގޮތުންނެވެ. އެހެން ކަމުން މިވަގުތަށް "މަޝްވަރާ" އަކީ އަނދުނެކެވެ. ދެފަރާތުން ވެސް މަންޒަރު ދައްކަނީ ބޭރަށެވެ. އެތެރެ އޮތީ އެހެން ގޮތަކަށެވެ.