ޓެކްނޯލޮޖީ

އަމިއްލައަށް ދުވާ ކާރު މަގުތަކަށް ނުކުންނަން ތައްޔާރު!

May 17, 2015

ގޫގުލްގެ އަމިއްލައަށް ދުވާ ކާރު (ނުވަތަ ޑްރައިވަރަކާއި ނުލާ ދުވާ ކާރު) މަގުތަކަށް ނެރެން ތައްޔާރު ކަމަށް ގޫގުލްއިން ބުނެފިއެވެ.

އަމިއްލައަށް ދުވާ ކާރު އުފެއްދުމަށް ގޫގުލްއިން ފާއިތުވީ ހަ އަހަރުދުވަހު ވަނީ ގިނަ ދިރާސާތަކާއި ޓެސްޓްތައް އެމެރިކާގައި ކޮށްފައެވެ. އަދި މި ދިރާސާތަކުގެ ނަތީޖާވެސް ގޫގުލްއިން ބުނާ ގޮތުން ފެންނަނީ ފަހިކޮށެވެ. އެ ދުވަސްތަކުގައި މި ކާރުތައް ކުދި ކުދި، 11 އެކްސިޑެންޓެއް ވެފައިވާ ވާހަކަ ދައްކާ ފަރާތްތަކަށް ރައްދު ދީ ގޫގުލްއިން ބުނެފައިވަނީ އެއިން ކޮންމެ އެކްސިޑެންޓެއް ވެސް ހިނގިއިރު، ކާރު ވަނީ  މީހެއްގެ ކޮންޓްރޯލްގައި ކަމަށެވެ. އަމިއްލައަށް ދުވަން ދޫކޮށްލިނަމަ އެ އެކްސިޑެންޓް ނުހިނގާނެކަން، އެކްސިޑެންޓަށްފަހު ކޮމްޕިއުޓަ ސިމިއުލޭޝަންގެ އެހީގައި ބެލި ބެލުމުން ޔަގީން ވެފައި ވާ ކަމަށެވެ.

ނަމަވެސް ގޫގުލްގެ ސިމިއުލޭޝަން ސޮފްޓްވެއަގެ ވޭރިއަބަލްސް ތަކާއި، އެ ކާރުތަކުގައި ބޭނުންކުރާ ސޮފްޓްވެއާ އެއްގޮތްވެފައި، އަސްލު ޙާލަތު އެއާއި ތަފާތުނަމަ، ނުކުންނާނެ ނަތީޖާ ކަށަވަރުވާނެބާވައެވެ؟

ކޮންމެއަކަސް މި ވާހަކައަށް ވެސް މިފަހަރުގެ ކާރު ނިމުމެއް ގެންނާނެ އެވެ. ސަބަބަކީ ފާއިތުވީ ހަ އަހަރު މި ޓެކްނޮލޮޖީ ޓެސްޓް ކުރުމަށް ގޫގުލްއިން ބޭނުންކޮށްފައިވަނީ އެހެން ކުންފުނިތަކުގެ ކާރުތައް ކަމަށްވިޔަސް، މިހާރު ގޫގުލްއިން ނެރެން ތައްޔާރުވާ ކާރަކީ ސީދާ ގޫގުލްގެ އުފެއްދުމެކެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި އިންސާނަކަށް ކޮންޓްރޯލް ނުކުރެވޭނެ ގޮތަށް، މުޅިން އަމިއްލައަށް ދުވާ ގޮތަށް ފަރުމާކޮށްފައިވާ ކާރެކެވެ.

ކާރުގެ ސްޓިއަރިން ވީލް، އެކްސެލެރޭޓާ އަދި ބްރޭކް ޕެޑަލް ނުވެސް ނެތެވެ. ގޫގުލްއިން ޔަގީންކަން ދެނީ އެއީ ބޭނުން އެއްޗެއް ނޫން ކަމަށެވެ. އަދި ގަޑިއަކު 25 ކިލޯމީޓަރަށް ދުވާ މި ކާރު އެކްސިޑެންޓެއް ވިޔަސް އޭގައި ތިބޭ ބަޔަކަށް މާބޮޑު ގެއްލުމެއް ވުމުގެ ފުރުޞަތު ކުޑައެވެ.

އަމިއްލައަށް ދުވާ ކާރެއް އުފެއްދުމުގެ އެންމެ މުހިއްމު ބޭނުމަކީ އެކްސިޑެންޓްތައް މަދު ކުރުން ނުވަތަ މުޅީން ހުއްޓުވުމެވެ. ގޫގުލްގެ މި ކާރުގެ ކާމިޔާބުކަން އެނގެން އަދި ދުވަސްކޮޅެއް ނަގާނެއެވެ. ކާމިޔާބު ވިޔަސް މި ކާރު ދުއްވުން ހުއްދަކުރާ ގޮތަށް ކެލިފޯނިޔާގެ ޤާނޫނު އިސްލާހު ކުރަން ޖެހޭނެއެވެ. ކެލިފޯނިޔާގެ ޤާނޫނު ބުނާގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ ކޮންމެ އުޅަނދެއްވެސް ދުއްވާއިރު އޭގެ ހުންގާނުގައި އިންސާނަކު އަބަދުވެސް އިންނަން ޖެހޭނެ އެވެ.