ސައުދީ އަަރަބިއްޔާ

ސައުދީގެ ފިލްމު އިންޑަސްޓްރީ ބޯޑު އިފްތިތާ ހުކުރަނީ

ސައުދި އަރިބިއްޔާ އިން އެ ގައުމުގެ ފުރަތަމަ ފިލްމު އިންޑަސްޓްރީގެ ބޯޑު، ސައުދީ ފިލްމު ކައުންސިލު އެކުލަވާލައި އަންނަ މޭ މަހު ފްރާންސްގައި ފަށާއި ފިލްމު ފެސްޓިވަލްގައި އެ ކައުންސިލު ރަސްމީކޮށް އިފްތިތާހު ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ސައުދީ ސަރުކާރުގެ ޖެނަރަލް ކަލްޗާ އޮތޯރިޓީ (ޖީސީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ކައުންސިލު އެކުލަވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ސައުދީ ސަރުކާރުން 35 އަހަރުވަންދެން ބަންދުކޮށްފައި ހުރި ސިނަމާތައް އަލުން ހުޅުވުމާއި ސައުދީ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް "ވިޒަން 2030" ގެ ނަމުގައި ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިނުގެ ދަށުން ކަމަށެވެ.

ސައުދީ ފިލްމު ކައުންސިލުގެ ސީއީއޯ އަކަށް ހަމަޖައްސާފައިހުރި ފައިސަލް ބަލްތިޔޫރު ވިދާޅުވީ ސައުދީގެ ސަގާފީ ދާއިރާ ކުރިއެރުވުމަށް މި ބޯޑާއެކު އަދި އިތުރު ތަފާތު ފަސް ކަމަށް ހާއްސަ ބޯޑުތަކެއް ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ފިލްމު ކައުންސިލުގެ އެންމެ ބޮޑު އާމާޒަކީ ރަނގަޅު ފެންވަރުގެ ފިލްމުތަކެއް ތައްޔާރުކޮށް އެ ދާއިރާއަކީ މުއްސަނދި ދާއިރާއަކަށް ހެދުމެވެ.

އެގޮތުން ކައުންސަލުގެ ދަށުން މީހުންގެ ހުނަރު ކުރިއެރުވުމަށާއި ޕްރޮޑަކްޝަންތަކުގެ ފެންވަރު މަތި ކުރުމާށާއި ފައިސާ ހޯދަމާއި އަދި ސައުދީ ސަރުކާރުގެ ތަރައްގީގެ މި ސިޔާސަތު ކުރިއެރުވުމަށް މަސައްކަތް ކުރާނެ އެވެ.

ޖީސީއޭގެ ހިންގުމާއި އިސްކޮށް ހަވާލުވެ ހުންނެވި އަހްމަދު އަލްމަޒިއާދް ވިދާޅުވީ، ފިލްމު ކައުންސިލެއް އެކުލަވާލުމަކީ ސައުދީގެ ސަގާފަތުގައި ތާރީހީ ކަމެއް ކަމަށާއި މި އިންޑަސްޓްރީއަކީ ސައުދީގެ އިގްތިސޯދާއި ތަރައްގީގައި ވެސް އިސްދައުރެއް ކުރިއަށް އޮތްތަނުގައި އަދާކުރާނެ ދާއިރާއެއް ކަމަށެވެ.

މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ސައުދީ ސަރުކާރުން 64 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރާނެ ކަމަށް ޖީސީއޭ އިން މިދިޔަ ފެބްރުއަރީ މަހު ވަނީ ބުނެފަ އެވެ. ގްލޯބަލް މީޑިއާ އެންޑް އެންޓަޓެއިންމަން ކުންފުނި ޑީއެމްޖީގެ މޯޝަން ޕިކްޗާސްގެ ކުރީގެ ރައީސް ކްރިސް ފެންޓޮން ވަނީ ސައުދީގެ ފިލްމީ ދާއިރާ ކުރިއެރުވުމަށް 10 ބިލިއަން ޑޮލަރު ފަންޑު ކޮށްދިނުމަށް މަޝްވަރާކުރަން ފަށާފަ އެވެ.

އަޖުމަބެލުމަށް ސައުދީގެ ފީޗާ ފިލްމެއް، ކައުންސިލު ލޯންޗުކުރާ ދުވަހު ފިލްމު ފެސްޓިވަލުގައި އަޅު ވާނެ އެވެ. "ޖޫދް" ކިޔާ އެ ފިލްމަކީ ސައުދީގައި އިސްމާދީން ފެތުރުމުގެ ކުރިން ލިޔެ އުޅުނު "ގަސީދާ" ކިޔާ ޅެމެއްގެ މައްޗަށް ތައްޔާރުކުރި ފިލްމެކެވެ. އެ ފިލްމަކީ ސައުދީ ރަސްގެފާނު އަބުދުލްއަޒީޒް ސެންޓާ ފޯ ވޯލްޑް ކަލްޗާ އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މިމަހު ކުރީ ކޮޅު ސައުދީ ސަރުކާރުން ވަނީ ބޭރު ގައުމުތަކުގެ ފަރާތްތަކަށް އެ ގައުމުގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ވެސް ދޭން ފަށާފަ އެވެ.