ބޮލީވުޑް

ސައުދީގައި އެޅުވި ފުރަމަތަ ބޮލީވުޑް ފިލްމަކަށް، ގޯލްޑް

އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް މިދިޔަ މަހު 15 ގައި ރިލީޒްކުރި، އެކްޝޭ ކުމާރްގެ ފިލްމު "ގޯލްޑް" ސައުދި އަރަބިއްޔާގެ ސިނަމާތަކުގައި އަޅުވައިފި އެވެ. މިއީ ބޮލީވުޑްގެ ފިލްމެއް ސައުދީ ސިނަމާއެއްގައި އެޅުވި ފުރަތަމަ ފަހަރެވެ.

ރީމާ ކަގްތީ ޑައިރެކްޓުކުރި "ގޯލްޑް" އަކީ ގަލްފުގެ ގައުމެއްގައި އެޅުވި ބޮލީވުޑްގެ ދެ ވަނަ ފިލްމުވެސްމެ އެވެ. އެންމެ ފުރަތަމަ އެޅުވީ ރަޖްނީކާންތުގެ ފިލްމު "ކާލާ" އެވެ. އެ ފިލްމު އެޅުވީ ޔޫއޭއީގަ އެވެ.

ސައުދީގައި އެޅުވި ބޮލީވުޑްގެ ފުރަތަމަ ފިލްމަށް "ގޯލްޑް" ވުމާއެކު، އެކަމާއި މެދުގައި ވަރަށް އުފާކުރާކަމަށް އަކްޝޭ ކުރި ޓުވީޓެއްގައި ވަނީ ބުނެފަ އެވެ.

ދާދިފަހުން އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑްގެ އާމްދަނީއެއް ހޯދި މި ފިލްމަކީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން، އެ ގައުމުން އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވެ، ފުރަތަމަ ފަހަރަށް ގޯލްޑް މެޑަލް ހޯދި މީހާގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ލިޔުނީ ރީމާ ކަގްތީ އާއި ރާޖޭސް ދޭވްރާޖް އެވެ.

"ގޯލްޑް" ޓްރެއިލާ.

ސައުދީގެ ސިނަމާތައް 35 އަހަރުވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިިދިޔަ އަހަރު ޑިސެމްބަރުގައި، އެ ގައުމުގެ ސަރުކާރުން ވަނީ އަލުން ސިނަމާތައް ހުޅުވާފަ އެވެ. ސިނަމާތައް ރަސްމީކޮށް ހުޅުވީ މިދިޔަ އޭޕްރީލް މަހު 18 ގަ އެވެ. ސިނަމާތައް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު، "ބްލެކް ޕެންތާ" ވަނީ ސްކްރީނުކޮށްފަ އެވެ.