ގައުމީ ފުޓްބޯޅް ޓީމް

ކުރިމަގުގައި އަހަރެންގެ އަމިއްލަ ސްކޮޑެއް ނަގާނަން

ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލުމުގައި އެފްއޭއެމްގެ ޓެކްނިކަލް ސްޓާފުންގެ އެހީތެރިކަން ހޯދާފައިވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ގައުމީ ސްކޮޑު ނެގިއިރު، މުހިންމު ކުޅުންތެރިން ކަމަށްވާ މާޒިޔާގެ ހަސަން ނާއިޒު (ދާދު) އާއި އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) އަށް ފުރުސަތު ނުލިބެ އެވެ. ސްކޮޑު ނަގާ ގޮތާމެދު އަބަދުވެސް ފާޑު ކިޔުންތައް އޮވެ އެވެ. މިފަހަރުވެސް އެ ފާޑު ކިޔުންތައް ކޯޗާއި އެފްއޭއެމްއަށް އަމާޒު ވިއެވެ.

މާދަމާ ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަށް، ރޭ މާލެއިން ފުރުމުގެ ކުރިން ގައުމީ ސްކޮޑު ނެގީ އޭނާ އަމިއްލަ ސްކޮޑެއްތޯ ސުވާލު ކުރުމުން ޝެގަޓް ބުނީ އޭނާ ރާއްޖޭގައި ހޭދަ މިވީ އެންމެ ދިހަ ދުވަސް ކަމަށާއި އެވަރުގެ މުއްދަތެއްގައި އެންމެ ރަނގަޅު މަންޒަރެއް ސިފަ ކުރަން އުނދަގޫ ވާނެ ކަމަށެވެ. އެހެންވެ ސްކޮޑު ނެގުމުގައި އެފްއޭއެމްފެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތި) އާއި ގައުމީ ޓީމުގެ އެސިސްޓެންޓަކަށް ހަމަޖެއްސި އަހްމަދު ޝާކިރު (ޝާކިއްޓޭ)ގެ އެހީތެރިކަން ހޯދާފައި ވާނެ ކަމަށެވެ.

"އަހަންނަށް ބުނެވޭނީ މިއީ އަހަރެމެންގެ ސްކޮޑެކޭ،" ޝަގްޓް ބުންޏެވެ. "އަހަރެން މިތަނުގައި [ރާއްޖޭ ގައި] ހޭދަ މިވީ އެންމެ 10 ދުވަސް، އަހަންނަށް ސިފަ ކުރެވުނީ ކުޑަ މަންޒަރެއް، ކުޅުންތެރިންނާ މެދު ބުނާނެ ވާހަކައެއް އަހަރެންގެ ނެތް މިއީ ފުރަތަމަ ސްކޮޑު ފެޑްރޭޝަނުން [އެފްއޭއެމުން] ސާންތީ، އަހަރެންގެ އެސިސްޓެންޓް ޝާކީ [ޝާކިއްޓޭ] އަހަންނަށް ވަރަށް ބޮޑަށް އެހީވި ކުޅުންތެރިން ނެގުމުގައި."

ކުރިން އަފްގާނިސްތާނަށް ކޯޗު ކޮށްދިން ޝެގަޓް ބުނީ، ބޫޓާން މެޗަށް ސްކޮޑަށް ބައެއް ބަދަލުތައް އައުން އެކަށީގެންވާ ކަމަށާއި އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) އާއި ދާދު އާ އޭނާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

"އަހަރެން މިހާރުވެސް ވާނީ އާރިފް (ބަކާ) އަދި ނާއިޒް ހަސަން އާ ވާހަކަ ދައްކާފަ އޭނާ އަކީ ބޫޓާން ގޭމްގައި ބޭނުން ކުރަން އަހަންނަށް އޮތް އޮޕްޝަނެއް،" ޝަގަޓް ބުންޏެވެ. "ނަމަވެސް މިހާރު އަހަންނަށް ޓީމު ނެގޭނީ އެފްއޭއެމްގެ އެހީތެރި ކަމާއެކު، އެއީ އަހަންނަށް ވުރެ ބޮޑަށް މިވަގުތު ރާއްޖޭގެ ކުޅުންތެރިން އެނގޭނީ އެފްއޭއެމްއަށް، ނަމަވެސް ފަހުން އަހަރެން އަމިއްލައަށް ސްކޮޑް ނަގާނަން."

ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4:30 ގަ އެވެ. ޝެގަޓް ބުނީ ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ކުޅުނު ފަސް މެޗުންވެސް މީގެ ކުރިން ވަނީ ބަލިވެފައި ކަމަށާއި އޭނާގެ ޓާގެޓަކީ އެންމެ ކުޑަމިނުން މެޗު އެއްވަރު ކޮށްލުން ކަމަށެވެ.