ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން އެއްކުރި ފަންޑުގެ ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފި އެވެ.
ފަންޑަށް ލިބުނު ފައިސާ ރެޑްކްރެސެންޓާ ހަވާލު ކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ރޭ އެ މައުލޫމާތު ވަކީން ޕީއެސްއެމްއާ ވެސް ހިއްސާ ކުރައްވާފަ އެވެ.
ރޮހިންޔާ ފަންޑަށް ވީ ގޮތެއް ނޭނގި، ސަރުކާރުން ފަންޑަށް އިހުމާލުވެފައިވާކަން ދޭހަވާ ގޮތަށް އަޑު ފެތުރި، އެކަން ބައެއް މީޑިއާތަކުން ވެސް ގެނެސްދީފައިވާއިރު، އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ޒިޔާދު ވިދާޅުވީ، ރޮހިންޔާ ފަންޑުގެ ފައިސާއާއި ގުޅޭގޮތުން އެމިނިސްޓްރީއާއި ކަމާއި ގުޅުންހުރި އެއްވެސް ފަރާތެއްގެ ރަސްމީ ބަހެއް ނެތި ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް މީޑިޔާގައި ބައެއްގެ އަބުރު ގެއްލޭގޮތަށް މައުލޫމާތު ގެނެސްދީފައިވާތީ އެކަން ބަލައިދިނުމަށް މުއައްސަސާތަކުގައި އެދިފައިވާނެ ކަމަށެވެ.
ރޮހިންޔާ ފަންޑުގެ ފައިސާ ބަންގްލަދޭޝްގައި ހުންނަ ރެޑް ކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބީއެމްއެލްގައި އެދިފައިވާކަމާއި، އޭގެ ފަހުން ބީއެމްއެލުން އެ ފައިސާ ލިބުނު ކަމަށް ބުނެފައިވާއިރު ފައިސާތައް ވީތަން ނޭނގޭ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހީގެ ފައިސާ އެކޮޅަށް ފޮނުވުމުގައި ކުޑަ ލަސްވުމެއް އައިކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން އެހެން ދިމާވީ ކުރިމަތިވި ބައެއް އިދާރީ މައްސަލަތަކާ ހެދިކަމަށެވެ.
ރޮހިންޔާ މުސްލިމުންނަށް އެހީވާން ބެހެއްޓި ފަންޑު ފޮށިތަކަށް 18.1 މިލިއަން ރުފިޔާ ލިބުނެވެ.