ޝަރުއީ ދާއިރާ

ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Mar 22, 2018
1

ދަށު ދެ ކޯޓު ކަމަށްވާ ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހު ޖޭއެސްސީން އިއުލާން ކޮށްފައިވަނީ ކުރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން އަދި ސިވިލް ކޯޓަށް ވެސް ދެ ފަނޑިޔާރުން ހޯދުމަށެވެ. ފުރަތަމަ ކުރި އިއުލާންގައި ކުރިމަތި ލުމުގެ ފުރުސަތި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފއި ވެއެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އަދި މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖޭއެސްސީން އިތުރުކޮށްފަ އެވެ.

ޖެނުއަަރީގައި ކުރި އިއުލާނުގައި ހައި ކޯޓަށް ތިން ފަނޑިޔާރުން ހޯދަންވެސް އިއުލާންކޮށްފައި ވެއެވެ. މުއްދަތު ހަމަވި އިރު، އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހަސަން އަލީ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި މަގާމަށް އައްޔަން ކޮށްފަ އެވެ. ނަމަވެސް ބާކީ އޮތް ދެ މަގާމަށް އަދި ބޭފުޅުން އައްޔަން ކޮށްފައެއް ނުވެ އެވެ.

ހައިކޯޓުގެ އާ ފަނޑިޔާރާއެކު މިހާރު އެ ކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަ އެވެ. ގާނޫނުގައިވާ ގޮތުން އެ ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ. ދެ ފަނޑިޔާރުން އައްޔަންކުރުމުން އެ އަދަދު ހަމަވާނެ އެވެ. ހައިކޯޓަކީ ފަނޑިޔާރުންގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ކޯޓެވެ.

ކުރިމިނަލް ކޯޓުންވެސް މިފަހުން އާ ދެ ފަނޑިޔާރުން އައްޔަންކޮށްފައިވަނީ، އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފާއި އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ކުއްލި ގޮތަކަށް އެހެން ކޯޓަކަށް ބަދަލުކުރުމާ ގުޅިގެން ފަނޑިޔާރުން މަދުވުމުންނެވެ.