ދުނިޔެ

ރަނިލްގެ އިތުބާރުގެ މައްސަލަ ޕާލަމެންޓަށް ހުށަހަޅައިފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެގައުމުގެ އިދިކޮޅު ފަރާތްތަކުން އިއްޔެގައި ޕާލަމެންޓަށް ހުށަހަޅައިފި އެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ރަނިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ޕާލަމެންޓަށް ވެއްދީ 55 މެމްބަރުންގެ ސޮޔާ އެކުގައި ކަމަށެވެ. އެ މައްސަލައިގެ ޕެޓިޝަނުގައި ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިސްކޮށް ހުންނަވާ ސްރީލަންކާ ފްރީޑަމް ޕާޓީ( އެސްއެލްއެފްޕީ) އަށް ނިސްބަތްވާ ހަތަރު މެމްބަރަކުވެސް ހިމެނެއެވެ.

އެސްއެލްއެފްޕީގެ ހަތަރު މެމްބަރަކު ޕެޓިޝަނުގައި ސޮއިކުރި ނަަމަވެސް އެމައްސަލައާ މެދު ޕާޓީން އަދި ވަކިގޮތެއް ނުނިންމައެވެ. މައްސަލައިގައި ވޯޓުދޭނެ ގޮތެއް ނިންމާނީ ޕެޓިޝަނުގައި ހިމެނޭ ކަންތައް ބަލައި ދިރާސާ ކުރުމަށް ފަހުގައި ކަމަށް ްއެޕާޓީން ބުންޏެވެ.

ރަނިލްގެ އިތުބާރުނެތްކަމަށް ފާސްކުރަން ވޯޓު ދެއްވާނެ ކަމަށް އޭނާގެ އަމިއްލަފުޅު ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކު އެޕާޓީން ރަސްމީކޮށް ނިންމާފައި ވަނީ އިތުބާރު ނެތްކަމަށް ވޯޓު ނުދިނުމަށެވެ.

ރަނިލްގެ އިތުބާރުނެކަމުގެ މައްސަލައިގެ ބަހުސްކޮށް ވޯޓަށް އަހާނެ ތާރީހެއް ލަންކާ ޕާލަމެންޓަކުން އަދި ނުނިންމައެވެ.

ސްރީލަންކާގައި މިދިޔަ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. އެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީންނެވެ. އެޕާޓީއަށް ލިބުނު ކާމިޔާބީއާ އެކު ރާޖަޕަކްސާ ގޮވައިލައްވަމުން ގެންދަވަނީ ރަނިލްގެ އިސްތިއުފާއަށެވެ. ބެލެވޭ ގޮތުގައި ރަނިލްގެ އިތުބާރުނެތްކަމުގެ މައްސަލައަކަކީ ރާޖަޕަކްސާ ނުވަތަ އޭނާގެ ޕާޓީގެ ބޭފުޅަކު ބޮޑުވަޒީރުކަމަށް ގެނައުމަށް މަގުކޮށުމަށް ކުރާ ކަމެކެވެ.

ސްރީލަންކާގައި އޮންނަނީ ޕާލަމެެންޓްރީ ނިޒާމާއި ރިޔާސީ ނިޒާމުގެ ބައެއް ސިފަތައް ހިމެނޭ ހައިބްރިޑް ނިޒާމެކެވެ. އެ ނިޒާމުގައި ސަރުކާރުގެ އަދި ދައުލަތުގެ ވެރިޔަކީ ރައީސެވެ. ނަމަވެސް ސަރުކާރު ހިންގުމުގައި ބޮޑުވަޒީރަށް ވެސް ބާރުތަކެއް އޮވެއެވެ.