އިންޑިއާ

ގެރިއާހެދި މީހުން މެރި ބަޔަކަށް އިންޑިއާއިން އަލަށް ހުކުމެއްކޮށްފި

ހިންދޫ ދީނުގެ މީހުން މުގައްދަސް ކަމަށް ބަލާ ގެރިމަސް ކާތީ ނުވަތަ ގެރި މަރާތީ ރުޅި އައިސްގެން މީހަކު މަރައިލި ބަޔަކަށް އެ ގައުމުގެ ކޯޓަކުން ފުރަތަމަ ފަަހަރަށް ހުކުމެއް އިއްވައިފި އެވެ.

އިންްޑިއާގެ އުތުރުގައިވާ ޖަރުޚާންދު ސްޓޭޓްގެ ކޯޓަކުން އުމުރަށް ޖަލަށް ލުމުގެ ހުކުމް އިއްވީ 11 މީހެއްގެ މައްޗަށެވެ. އެމީހުން އުމުރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ 2017 ވަނަ އަހަރު، އަލީމުއްދީން އަންސާރީ ނަމަކަށް ކިޔާ މުސްލިމަކަށް އަނިޔާކޮށް މަރައިލިކަމުގެ ކުށް ސާބިތުވެގެންނެވެ. އުމުރުން 55 އަހަރުގެ އަލީމުއްދީން އަންސާރީ މަރައިލީ އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށްޓަކައި އެއްގަމު އުޅަނދެއްގައި ގެރިތަކެއް އުފުލަނިކޮށް ހުއްޓުވުމަށް ފަހުގައެވެ. ހާދިސާ ހިނގި އިރު އޭނާ އުފުލި ގެރިތަކަކީ ކަތިލަން ގެންދިޔަ ގެރިތަކެއް ނޫންް ކަން ވެސް ފަހުން އެނގުނެވެ.

އަލީމުއްދީން މަރައިލިކަމުގެ ކުށުގައި ޖަލަށްލީ 11 މީހުން ކަމަށް ވިޔަސް އޭނާ މަރައިލުމުގައި 12 ވަނަ މީހަކު ބައިވެރިވިއެވެ. އޭނާއަށް ހުކުމް ނުކުރީ އަދި އުމުރުން 18 އަހަރު ނުވާތީއެވެ.

ހިންދޫން ދެކޭ ގޮތުގައި ގެރިއަކީ މުގައްދަސް އެއްޗެކެވެ. އެހެންވެ އެގައުމުގެ ބައެއް ސްޓޭޓްތަކުގައި ގެރިކަތިލުން އޮންނަނީ މަނާކޮށްފައެވެ.

ގެރި ހިމާޔަތްކުރަން ކަމަށް ބުނެ އެތައް ބަޔަކު އެއްވެގެން އަނިޔާވެރިގޮތުގައި މީހުން މެރުމުގެ ހާދިސާތައް އިންޑިއާގައި ގިނައިން ހިނގައެވެ. ނަމަވެސް އެފަދަ ގިނަ ހާދިސާތައް އެގައުމުގެ ފުލުހުން ރަނގަޅަށް ތަހުގީގެއް ވެސް ނުކުރެއެވެ. އަދި އެފަދަ ޖަރީމާ ހިންގާ މީހުންނާ ދެކޮޅަށް އާއްމުގޮތެއްގައި ދައުވާވެސް ނުކުރެއެވެ.

" ކޯޓުން އެންމެ ބޮޑު އަދަބު ކަނޑައަޅާތޯ އަހަރެމެން ދުއާކުރިން،" އަލީމުއްދީންގެ ގާތިލުންނާ ދެކޮޅަށް ވަކާލާތު ކުރި ދައުލަތުގެ ވަކީލު ސުޝިލްކުމާރު ޝުކްލާ ވިދާޅުވި ކަމަށް ނޫސްތަކުގައި ވެއެވެ.

އަލީމުއްދީން އަންސާރީގެ ދަރިފުޅު ޝަބާން އަންސާރީ ބުނީ ބައްޕަގެ ގާތިލުންނަށް ކުރި ހުކުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު އާއިލާއަށް އެއްވެސް ބަދަލެއް ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް ވެސް ބުންޏެވެ.