ދުނިޔެ

އެމެރިކާ ސިފައިންގެ ކުއްލި ހަމަލާއެއްގައި އައިއެސްގެ އިސް ކޮމާންޑަރަކު މަރާލައިފި

ދިމިޝްގު (17 މެއި) – ސީރިއާގެ އިރުމަތީ ބިތުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގާއިމުކޮށްފައިވާ މަގާމަކަށް އެމެރިކާގެ ސްޕެޝަލް ފޯސްގެ ފައުޖަކުން އިއްޔެ ދިން ކުއްލި ހަމަލާއެއްގައި އައިއެސްގެ އިސް ކޮމާންޑަރަކު މަރާލުމަށް ފަހު އޭނާގެ އަންހެނުން ހައްޔަރުކޮށްގެން ގެންގޮސްފި އެވެ. 

އެމެރިކާގެ ދިފާއީ ވުޒާރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި ހަމަލާގައި މަރާލާފައި ވަނީ އަބޫ ސައްޔާފު ނަމަކަށް ކިޔާ އައިއެސްގެ އިން ކޮމާންޑަރެއް ކަމަށެވެ. ޓިއުނީޝިއާ އަށް ނިސްބަތްވާ ކަމަށް ބުނެވޭ ސައްޔާފު އަކީ ތެލާއި ގޭހާއި ވިޔަފާރީގެ އެހެން މުހިންމު މުއާމަލާތްތައް އައިއެސް އަށް ހިންގައިދިނުމުގެ އިތުރުން އެމީހުންގެ އަސްކަރީ ގޮފީގެ ވެސް މުހިންމު މެމްބަރެކެވެ.

މި ހަމަލާއެއް ދިންކަން އެމެރިކާ އިން ޔަގީންކޮށްދީފައިވާއިރު މިއީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ސިފައިންގެ ބަޔަކު އެއްގަމު މަގުން ވަދެ ހަރަކާތްތަކެއް ހިންގިކަން އާންމުކުރި ފުރަތަމަ ފަހަރެވެ.

އަބޫ ސައްޔާފު މަރާލުމަށް ފަހު އޭނާގެ އަންހެނުން ހައްޔަރުކޮށްފައިވާއިރު އެމެރިކާގެ އޮފިޝަލުން ވިދާޅުވަނީ މި ހަމަލާ އަށް ފަހު އައިއެސްގެ ވިޔަފާރިތައް ހިންގާ ގޮތާއި އެމީހުން ހަރަކާތްތެރިވާ ގޮތްތައް ދެނެގަތުމަށް ފަސޭހަވާނެ ކަމަށާއި ހަމަލާ ދިނުމަށް ފަހު އެފަދަ މުހިންމު މައުލޫމާތުތަކެއް ވެސް އެއްކުރެވިފައިވާ ކަމަށެވެ.

އެމެރިކާގެ ސްޕެޝަލް ފޯސްގެ ފައުޖުން އައިއެސްއާ ދެކޮޅަށް ސީރިއާގައި ހިންގި ކުއްލި ހަރަކާތަކީ ސީރިއާގެ ސަރުކާރަށް އެންގުމެއް ނެތި ހިންގާފައިވާ ހަރަކާތެކެވެ. ނަމަވެސް އެމެރިކާ އިން މި ހަރަކާތް ހިންގީ އިރާގު ސަރުކާރާ ގުޅިގެންނެވެ.

އެމެރިކާ އިން ބުނެފައި ވަނި އައިއެސްއާ ދެކޮޅު ހަނގުރާމައިގެ މެމްބަރަކަށް ސީރިއާ ހެދެން ނެތް ކަމަށާއި އައިއެސްއާ ދެކޮޅަށް ސީރިއާގައި އެމެރިކާ އިން ހިންގާ ހަރަކާތްތަކަށް ހުރަސް ނޭޅުމަށް ބައްޝާރުލް އަސަދުގެ ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.

އަބޫ ސައްޔާފު މަރާލުމަށް ހިންގި އަސްކަރީ ހަރަކާތުގައި އެމެރިކާގެ 100 އަށް ވުރެ ގިނަ ސިފައިން ބައިވެރިވެފައިވެ އެވެ.