ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "އާތް އަވާ" އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ފާހަގަކުރަން ނިންމައި، އެ ހަރަކާތުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ގޮވާލައިފި އެވެ.
އާތް އަވާގެ ގޮތު ދުނިޔޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާޗް 24 އެވެ. މި އަހަރަކީ ރާއްޖޭގައި މި ހަރަކާތް ފާހަގަކުރާ 10 ވަނަ އަހަރެވެ. އެ ދުވަހުގެ މައިގަނޑު ހަރަކާތެއްގެ ގޮތު ދުނިޔޭގެ ހުރިހާ ގައުމެއްގައި އެއް ވަގުތަކު ކަރަންޓު ބޭނުންކުރާ ކުރުން ހުއްޓާލުމުގެ ހަރަކާތެއް އެއްގަޑި އިރަށް ކުރިއަށްގެންދެ އެވެ.
މިއަހަރު ވެސް އާތް އަވާ ފާހަގަކުރާނީ ރޭގަނޑު 8:30 އިން 9:30 އަށެވެ. އެގަޑީގައި ބޮކިތަކާއި އެނޫންވެސް ކަރަންޓު ސާމާނު ބޭނުންކުރުން ވީހާވެސް މަދުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އާތް އަވާގެ މައި ހަރަކާތް، ނުވަތަ އެއްފަހަރާ މުޅި ސިޓީގެ ލައިޓުތައް ނިއްވާ ހަރަކާތް މިއަހަރު އޮންނާނީ އައްޑޫ ސިޓީގަ އެވެ. ނަމަވެސް އެހެން ރަށްރަށުންވެސް ހަރަކާތުގައި ބައިވެރިވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އާތް އަވާ މޯލްޑިވްސް އިން ބުނީ އައްޑޫގައި މައި ހަރަކާތް ބާއްވަން ނިންމާފައިވަނީ އެ ސިޓީގައި ހުރި ތިމާވެއްޓާ ގުޅުންހުރި ތަންތަން ޕްރޮމޯޓްކޮށް އެތަންތަނުގެ މައުލޫމާތު ދުވަހާ ގުޅުވައިގެން ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އާތް އަވާއާ ގުޅިގެން އައްޑޫގައި އޮންނަ މައި ހަރަކާތުގެ އިތުރުން އެރޭ މާލޭގައި ބައިސްކަލު ބުރެއް ވެސް އޮންނާނެ އެވެ. އަދި ކެފޭ ރެސްޓޯރަންޓް ތަކުގައި މިއުޒިކް ހަރަކާތްތަކާއެކު ކެންޑަލް ލައިޓް ޑިނާތައް ވެސް ބާއްވާނެ އެވެ.
އާތް އަވާ ޕްރޮމޯޓް ކުރުމުގެ ގޮތުން މިއަހަރު ވަނީ، ޔުނިފޯމް ބޮޑީސް ގައި އުޅޭ ސްކޫލް ކުދިންނަށް އާތްއަވާ ހަރަކާތެއްގައި ބައިވެރިވުމުން ފުރިހަމަ ކުރެވޭ ބެޖެއްވެސް ތައާރަފްކޮށްފަ އެވެ.
އާތް އަވާ މޯލްޑިވްސް އިން ބުނީ، އާތްއަވާ އާ ގުޅިގެން ކުރާ ކަންކަން އެ ޖަމިއްޔާގެ ފޭސްބުކް ޓުވިޓާ ފޭޖުގައި ހިއްސާކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. ލައިޓުތައް ނިއްވާ އިވެންޓަކީ މުޅި ދުނިޔޭގައި އެއްވަގުތެއްގައި ފާހަގަކުރާ އިވެންޓަކަށް ވުމުން މި ފުރުސަތަކީ ސޯޝަލް މީޑިއާގެ ޒަރީއާއިން ދުނިޔޭގެ ސަމާލުކަން ހޯދަން ރާއްޖެއަށް ލިބޭ ފުރުސަތަކަށް ވާތީ، ދުވަހާ ގުޅިގެން ކުރާ ކަންތައްތައް ވީހާވެސް ބޮޑަށް އާތްއަވާ މޯލްޑިވްސް ގެ ސޯޝަލްމީޑިއާ ޕޭޖްތަކުގައި ފޯސްޓުކޮށްދިނުމަށް އެދޭ ކަމަށެވެ.