މިއުޒިކް

ގަދަ ދިހައެއްގެ ހުށަހެޅުންތައް މިރޭ

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ ދިހަ ބައިވެރިން ވަނީ މިދިޔަ ހަފްތާގައި ކަށަަވަރުވެފަ އެވެ. ގަދަ ދިހަ ބައިވެރިންގެ ހުށަހެޅުންތައް މިރޭ އޮންނަ ޝޯގައި ފެނިގެންދާނެ އެވެ.

ގަދަ ދިހައަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

މިދިޔަ ހަފްތާގައި ޝޯއިން ވަކިވާންޖެހުނީ ޝާން ޝަރީފް އަދި މަރިޔަމް ސަލްވާ އަށެވެ.

ގަދަ 10 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ދެ ވަނަ ބުރު މިރޭ ފަށާއިރު މި ބުރުން ފެށިގެން ކޮންމެ ހަފްތާއަކު ޝޯ އިން ވަކިވާންޖެހޭނެ ހަފްތާއަކު ބައިވެރިޔެކެވެ. ކޮންމެ ހަފްތާއަކު ބައިވެރިޔަކު ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ތިން ބައިވެރިންނެވެ.

ޝޯއިން ވަކިވާންޖެހޭ ބައިވެރިން ކަނޑައަޅަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.