ދުންޔާ މައުމޫން

"ހާލަތާމެދު ހިތްހަމަނުޖެހޭ ސައިލެންޓް މެޖޯރިޓީ ބޮޑު"

ގައުމު މިހާރު އޮތް ހާލަތާމެދު ކަންބޮޑުވެ ހިތްހަމަނުޖެހޭ ވަރަށް ގިނަ އަދަދެއްގެ މީހުން ހިމޭނުން އެބަ ތިބި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ މައުމޫން ވިދާޅުވީ ސައިލެންޓް މޯޖޯރިޓީ ގައުމުގެ ހާލަތާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި އޭގެ ތެރޭގައި ޒުވާނުން ގިނަ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވައި ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރި ފަހުން ޓީވީއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ދުންޔާ ވިދާޅުވީ، ސިޔާސީ މައިދާނުގައި އަބަދުވެސް ބަސް ވިކެނީ އަޑުގަދަ މީހާގެ ކަމަށާއި ނަމަވެސް ސައިލެންޓްކޮށް އެތައް ބަޔަކު ތިބިއިރު އެމީހުންގެ ކަންބޮޑުވުންތައް ވެސް ވަރަށް ގިނަ ކަމަށެވެ. އެމީހުން ސައިލެންޓްކޮށް ތިބުމަކީ އެމީހުންގެ ހިޔާލެއް ނެތް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ ގައުމުގެ ހާލަތު އޮތް ގޮތުން ރުޅިވެރިކަމުގެ ވާހަކަ ދެއްކައި އަޑުގަދަކުރުމުގެ ބަދަލުގައި އެކަކު އަނެއްކަކު ދައްކާ ވާހަކަތައް އަޑުއަހަން ޖެހިފައިވާ ކަމަށެވެ.

"އެމީހުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ، އަޅުގަނޑަކަށް ހިއެއް ނުވޭ މިކަހަލަ ރާއްޖެއެއް އެމީހުން ދެކެން ބޭނުންވާ ހެނެއް، މުސްތަގުބަލަށް ވެސް ބޭނުން ވާނީ ސްޓޭބަލް ގައުމެއް ދެއްތޯ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ގައުމަށް ބޭނުން ވަނީ ދިވެހިންގެ ހައްލުތަކެއް ކަމަށެވެ. އެ ހައްލުތައް ހޯދޭނީ މަޝްވަރާކޮށްގެން ކަމަށެވެ. އެކަމަށް އިދިކޮޅު ލީޑަރުންނާއި ސަރުކާރުން ވެސް ގޮތް ދޫކޮށް ފުރުސަތު ދޭން ޖެހިފައިވާ ކަމަށެވެ.

"މަޝްވަރާކޮށްގެން ނޫނީ ހައްލު ހޯދޭކަށް ނެތް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޝްވަރާ ކުރަން ޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް، އަމިއްލައަށް އެކަމަށް އިސް ނަގަން ޖެހޭނީ، ބޭރު ބަޔަކު ރާއްޖޭގެ ކަންކަން ހައްލެއް ނުކޮށްދޭނެ، އަޅުގަނޑުމެންނަށް އެ ގައުމުތަކުގެ ލަފާ ހޯދިދާނެ، ތަޖުރިބާ ހޯދިދާނެ، އެހީތެރިކަމަށް އެދެވިދާނެ،" ވީޓީއަށް ދެއްވި އިންޓަވިއުގައި ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ލީޑަރުން އިސްނަގައިގެން ގައުމު އެއްބައިވަންތަކުރަން މަސައްކަތް ނުކުރެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. ދޫދެއްވަން ތައްޔާރު ނުވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ދޫނުދީ ކަންކަން ހައްލު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ގައުމަށްޓަކައި ސިޔާސީ ލީޑަރުން ދޫދެއްވަންންވެއްޖެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެ ތަންތަނަށް މިނިވަން، ނަޒާހަތްތެރި ބޭފުޅުން އައްޔަންކުރަންޖެހޭ ކަމަށެވެ. އެފަދަ ބޭފުޅުން އެ މަގާމުތަކަށް ވަޑައިގެން ރައްޔިތުންގެ އިތުބާރު އަލުން އެތަންނަަށް ހޯދަންޖެހިފައިވާ ކަމަށެވެ. ހާއްސަކޮށް ޖުޑީޝަރީއަށް އެފަދަ ބޭފުޅުން ބޭނުންވެފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ކޮއްކޯފުޅު އަހުމަދު ފާރިސް އާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމުން ވެސް އިސްތިއުފާ ނުދެއްވައި ސަރުކާރު ހުންނެވި ސަބަބާ ގުޅޭ ގޮތުން ވެސް ދުންޔާ ވާހަކަ ދެއްކެވި އެވެ. ދުންޔާ ވިދާޅުވީ، "އިސްތިއުފާ ދެއްވިނަމަ ހާލަތު ބަދަލުވީސްތޯ، ނުވަތަ ހާލަތު އެއަށްވުރެ ރަނގަޅުވީސްތޯ" ކަމަށެވެ.

"އަޅުގަނޑަށް އިސްތިއުފާ ދީފަ، ގައުމުން ބޭރަށް ގޮސް ވެސް އުޅެވިދާނެ، އެކަމަކު ވެސް އަޅުގަނޑު ވިސްނީ ހުރެގެން ކަންކަން ރަނގަޅު ކުރެވޭނެބާއޭ، ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދިދާނެތޯ ބެލުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އޭނާއަކީ ގަބޫލުކުރާ ގޮތްތަކެއް މަތީގައި ހުންނަވާ ބޭފުޅެއް ކަމަށާއި ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއް ނިންމަން ބޭނުންނުވާ ކަމަށެވެ. މުހިންމު ކަންކަން ނިންމާނީ އެކަމަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. މިހާރު ވެސް ހުންނެވީ ވަކި ކޮޅެއްގައި ނޫން ކަމަށާއި އިދިކޮޅާއި ސަރުކާރާއެކު ވެސް މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ދުންޔާ ވިދާޅުވި އެވެ.

ވަކި ކޮޅަކަށް ނުޖެހި މިނިވަން ބޭފުޅެއްގެ ގޮތުގައި ހުރުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި ދެ ފަރާތާ އެކު ވެސް މަސައްކަތް ކުރެވޭނެ ފަރާތެއް ހުންނަންޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި، އަމިއްލަ ހިޔާލު އެއްވެސް ނުފޫޒެއް ނެތި ފާޅުކުރުމުގެ ފުރުސަތު ވެސް އޮތީ މިނިވަންކޮށް ހުރެގެން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އޮތް ހައްގެއް ނަމަވެސް އެންމެން މަގު މައްޗަށް ނުކުމެ އަބަދު ހިޔާލު ފާޅުކުރުމަށް ތިބުމަކީ ހައްލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމުގެ ވިސްނުން އިސްކުރަން ޖެހިފައިވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފައިވާ މި ދަނޑިވަޅަކީ އެ އާއިލާއަށް އުނދަގޫ، ދަތި ދަނޑިވަޅެއް ކަމަށެވެ. ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ރައީސް މައުމޫން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ފާރިސް އެހާ ގިނަ ދުވަހު ޖަލުގައި ހުންނަވަން ޖެހިފައިވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ހައްޔަރުކޮށްފައިވާ ހުރިހާ ބޭފުޅުންނަށް ވެސް މިނިވަން ޝަރީއަތެއް ލިބެންޖެހޭނެކަން ވެސް ފާހަގަކުރެއްވި އެވެ.