ރިޕޯޓް

ދުވާލު މުދާ އުފުލުން މަނާ: ހަމަ ޖެހޭތަ؟

އަންނަ އާދީއްތަ ދުވަހުން ފެށިގެން ފިހާރަ ތަކަށް މުދާ އުފުލޭނީ ރޭގަނޑު ދިހައަކުން ހެނދުނު ހަޔަކަށެވެ. ކުއްލިއަކަށް ޖެހި ބަޑި އެއްހެން މި ފަހަރު ޓްރާންސްޕޯޓް އޮތޯރިޓީން ނިންމި، މި ނިންމުމާއެކު ގިނަ ވިޔަފާރިވެރިން މިހާރު ތިބީ ރުޅި ގަދަ ވެފަ އެވެ. އެ މީހުން ބުނާ ގޮތުންނަމަ، ހަމައެކަނި ދުވާލު ފިހާރައަށް މުދާ އުފުލޭނަމަ ކޮންމެ ފިހާރައެއްގެ ތެރޭގައި ގުދަނެއް ހުންނަން އެބަޖެހެ އެވެ. އެ ނޫން އެހެން ގޮތަކަށް އެކަން ކުރެވޭނެ މަގެއް ނެތެވެ. އެ މީހުން ދެކޭ ގޮތުގައި މިއީ ހަމަޖެހޭ ނިންމުމެއް ނޫނެވެ.

"އަޅުގަނޑުމެން ފިހާރަ ހުޅުވީއްސުރެން މި ތިބެނީ އަބަދުހެން މުދާ ރޯލްކޮށްލަ ކޮށްލަ. ފިހާރަ އަށް އެއްޗެއް ހުސްވާއިރަށް ގެންނަނީ. މާލޭގައި ފިހާރަތައް މި ހުރިހާ ދުވަހު ހިންގަމުން އައީ ގުދަނާ ފިހާރަ ދުރުގައި ބަހައްޓައިގެން. ދެން މިހެން ކުއްލި އަކަށް ދުވާލު ލޮރީ އިން މުދާ އުފުލުން މަނާ ކުރުމުން ވަރަށް ދަތިވާނެ،" މާލޭގައި 11 ފިހާރަ ހިންގާ މަޝްހޫރު ރެޑްވޭވް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ދުވާލުގެ ވަގުތުތަކުގައި ލޮރީ އާއި ޕިކަޕް އަދި ވޭން ފަދަ ތަކެތީގެ މުދާ އުފުލުން މަނާކުރަން ޖެހުނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އެވެ. މިކަމުގެ ސަބަބުން ސްކޫލް ތަކަށް ކުދިން ގެންގޮސް ގެނައުމާއި އާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދެ އެވެ. އެހެންވެ، އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޮޑެތި ލޮރީ އަދި ޕިކަޕްތަކުގައި މުދާ އުފުލެވޭނީ ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދޭތެރޭގަ އެވެ.

އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މި ގޮތަށް ނުއުލެވޭނެ ތަކެތީގެ ތެރޭގައި މާލެ ތެރެ އަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް މިފަދަ އެންމެހާ ތަކެތި ހިމެނެ އެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން ފިނި ކުރި ބާވަތްތައް ބަހައްޓަން ބޮޑެތި ފިހާރަތަކުގައި "ކޯލްޑް ސްޓޯރޭޖެއް" ހަދަން ޖެހޭނެ އެވެ. އަދި މިއީ ޖާގައިގެ ގޮތުން ރާއްޖޭގައި ވާނެ ކަމެއް ނޫން ކަމަށް ގިނަ ވިޔަފާރިވެރިން ބުނެ އެވެ.

ހަރަދުތައް ބޮޑުވުމުގެ ބިރު

ރާއްޖެ އަށް ގިނަ އަދަދަކަށް މުދާ އެތެރެކޮށް ހޯލްސޭލް ކުރާ ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ މި ބަދަލުގެ ސަބަބުން ވިޔަފާރިތަކުގެ ހަރަދުތައް އެތަށް ގުނައެއް ބޮޑުވެގެންދާނެ އެވެ.

"މިހާރު މުވައްޒަފުން މަސައްކަތް މި ކުރުވަނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް. ތި ގެންނަ ބަދަލުން މުވައްޒަފުން އެބަޖެހޭ އިތުރަށް މަސައްކަތް ކުރުވަން. އޭރުން ފަތިހު 4:00 ޖަހާއިރު ކިރިޔާ މަސައްކަތް ނިންމާފަ އެ މީހުންނަށް ދެވޭނީ. އެހެންވީއިރު އިތުރު މުވައްޒަފުން ނަގަން ޖެހޭނެ. މިއީ ބޮޑު ދައްޗެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މި ނިންމުމާ ގުޅިގެން ނުކުންނާނެ އަނެއް މައްސަލައަކީ ބައެއް ބާވަތްތަކުގެ ތަކެތި ފިހާރަތަކަށް ސަޕްލައި ކުރަން ދަތިވުމެވެ. މިކަން ތަހައްމަލް ކުރަން ބޮޑަށް ދަތިވާނީ އަމިއްލަ ވިޔަފާރިވެރިންނަށެވެ.

"ސަރުކާރުގެ އެސްޓީއޯގައި ހުރެދާނެ ޓްރޭޑް ސެންޓަރުގެ ތެރޭގައި ގުދަން. އެ ބޭފުޅުން ނުޖެހޭނެ ފިހާރައަށް މުދާ ބަލާދާކަށް. އެކަމަކު ކިހިނެއް ތޯ އެހެން ވިޔަފާރިތައް ހަދާނީ؟ ގުދަން މި ހުންނަނީ ބާޒާރު މަތީގަ ނޫނީ އެހެން ތަނެއްގަ ފިހާރަ މި ހުންނަނީ އެހެންތަނެއްގަ. ދެން ވިދާޅުވެދެއްވާ މިކަން ކުރެވޭނެ ގޮތެއް،" ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

މުދާ ކްލިއަކުރާނީ ކިހިނެއް؟

މާލެ ވިޔަފާރި ބަނދަރަށް ބޯޓެއް އަންނަ އިރަށް ވީއެންމެ އަވަހަށް އެ ހުސްކޮށްލަ އެވެ. ކޮންޓެެއިނާތައް ބާލާއިރަށް ވިޔަފާރިވެރިޔާ އަވަސް ވާނީ ބަނދަރުން އެ މުދާ ބޭރުކުރާށެވެ. މިހާރު ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައިވާ މި ނިންމުމުގެ ސަބަބުން ދުވާލު މި މަސައްކަތް ކުރާ މީހުންގެ މަސައްކަތް ހުއްޓޭނެ އެވެ. އެހެންވެ އެމީހުންގެ ޖެހޭނީ ރޭނގަޅު 10، ގެ ފަހަށް މަޑުކުރާށެވެ. މިއީ މުދާ ކްލިއަ ކުރުމަށް ކުރިމަތިވާނެ ހުރަކަށްވާނެ އެވެ.

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކޮންޓެއިނާ ހިފަހައްޓައިގެން ކޮންމެ ދުވަހަކު ތިބެން ޖެހުމަކީ ބަނދަރު ކިއޫ ބޮޑުވާނެ ކަމަކަށްވާނެ އެވެ.

"ވިސްނާ ހުރިހާ ވިޔަފާރިވެރިން މުދާ ކްލިއަ ކުރަން ރޭގަނޑު ނުކުރުމުން ވާނެ ގޮތް. ވަރަށް ބާރު ބޮޑު ވެގެންދާނެހެން އަޅުގަނޑަށް ހީވަނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ވިޔަފާރި ބަންދުވާ ގަޑިއަށް ސަޕްލައި!

މި ނިންމުމުން ދަތިވާނީ ހަމައެކަނި ބޮޑެތި ވިޔަފާރި ތަކަށް އެކަންޏެއް ނޫނެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި ފެން ވެސް ދެން ސަޕްލައި ކުރެވޭނީ ރޭގަނޑު 10:00 ގެ ފަހުންނެވެ. ސުވާލަކީ ފިހާރަ ބަންދު ކުރާ ގަޑީގައި ސަޕްލައި އަންނަން ޖެހުމަކީ ހަމަޖެހޭ ކަމެއް ހެއްޔެވެ؟ އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިތައް ބަންދު ކުރަން ޖެހޭ ގަޑިއަކީ ރޭގަނޑު 10:00 ކަމަށް ހަމަޖައްސާފަ އެވެ.

ދެން، ހައްލަކީ ކޮބާ؟

ދުވާލުގެ ގަޑިތަކުގައި ލޮރީ އިން މުދާ ނުފުލެވޭނެ ކަމަށް ނިންމުމާއެކު ޝަކުވާ ކުރަމުންދާއިރު، ސުވާލަކީ މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

ވިޔަފާރިވެރިން ބުނާ ގޮތުގައި މި ފަދަ މުހިންމު ބަދަލެއް ގަނައުމުގެ ކުރިން ހިޔާލު ހޯދުން މުހިންމެވެ.

"އަޅުގަނޑުމެން ވެސް ގަބޫލު ކުރަން މިއީ ހައްލު ކުރަން ޖެހޭ ކަމެއްކަން. މީގައި މަގުތައް އެންމެ ބާރު ބޮޑުވާ ގަޑިތަކުގައި ލޮރީ ނުދުއްވުން ފަދަ ހައްލެއް ގެނެވިދާނެ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

ކޮންމެއަކަސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނިންމުން އެ އޮތީ އިއުލާނުކޮށްފަ އެވެ. ސުވާލަކީ މިއާއެކު އަންނާނެ ބަދަލެކެވެ. އެކަން އެނގޭނީ ފަހުންނެވެ. އަޅެ ބަލަން ތިބެމާ ހިނގާށެވެ.