ހަބަރު

ހިތްތަކަށް ނަސްރީނާ ދެއްވީ އުންމީދެއް!

މިދިޔަ އަންގާރަ ދުވަހުގެ ހަވީރަކީ ތަފާތު މަންޒަރެއް ފެނިގެން ދިޔަ ހަވީރެކެވެ. ކުއްލިއަކަށް މީޑިއާތަކުގެ މައިކް ކުރި މައްޗަށް ނުކުމެވަޑައިގެން ދެއްކެވި ވާހަކަފުޅުތަކަކުން އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެން ދިޔަ އެވެ. އެއީ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެން އުޅުއްވާ ބޭފުޅެއްގެ ފަރާތަކުން ނޫނެވެ. އެންމެންތައް ހިތްތައް ހެއްވާލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފައުންޑާ ނަސްރީނާ އިބްރާހިމް ފުރަތަމަ ފަހަރަށް ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމުންނެވެ.

އެކަމަނާގެ ވާހަކަފުޅު ވަރަށް ކުރެވެ. އެކަމަކު ވަރަށް ވަރުގަދަ މެސެޖެއް ދެއްވި އެވެ. ނަސްރީނާ އެންމެ ފުރަތަމަ ވެސް ވިދާޅުވީ "ހައްގަށް ނަސްރު ދެއްވާނެ" ކަމަށެވެ. ދެން ވިދާޅުވީ ނަސޭހަތަކަށް ފުދޭފަދަ ބަސްކޮޅެކެވެ. އެގޮތުން ކޮންމެ މީހަކު ވެސް އެމީހަކު ހިނގާ ނުވަތަ ކުރިއަށްދާ މަގަކީ ހައްގުގެ މަގަށްވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ހައްގަށް ނަސްރު ދެއްވާނެ، ވަކި ހިސާބަކަށް ދެވުމެއް ނޫން، މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް، އެމީހަކު ހައްގުގަ ހުރެގެން ދަތުރުކުރާ ކަމަށްވާ ނަމަ އުފަލުގަ ހުންނާނެ،" އަބަދުވެސް ހިނިތުންވެ ވަޑައިގެން ހުންނަވާ ނަސްރީނާ ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ނަސްރާ ހަމައަށް ދާނެ، ވަރަށް އަވަހަށް ކާމިޔާބު ވެސް ވާނެ،"

ކުރީގެ ފަސްޓްލޭޑީގެ މި ވާހަކަތަކާއެކު ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ އުފާވެރިކަމުގެ ޝުއޫރުތަކެވެ. އެންމެ ގިނަ ޒުވާނުން އުފާކުރީ ފުރަތަމަ ފަހަރަށް ނަސްރީނާގެ އަޑު އިވުމުންނެވެ. އަނެއް ބަޔަކު އުފާވީ އެކަމަނާ ދެއްވި ހިތްވަރުންނެވެ. ދެއްކެވި ސާބިތުކަމުންނެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވެސް އެކަމަނާއަށް ތައުރީފެއްކޮށް ނުލާ ނުތިބެވުނެވެ.

ތައުރީފުތަކަށްފަހު އޭގެ އަނެއް ދުވަހު ވެސް ނަސްރީނާ ފެނިގެން ދިޔައީ އާންމުންގެ ތެރެއިންނެވެ. ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ކޯޓަށް ހާޒިރުކުރާތީ މާރުކޭޓް ސަރަހައްދަށް އެކަމަނާ ވަޑައިގަތެވެ. އަދި އެ ތަނަށް އެއްވެ ތިބި އާންމުންނާ ބައްދަލުކުރައްވައި ފޮޓޯ ނަންގަވާ ހެއްދެވި އެވެ. އެއީ ބުދަ ދުވަހެވެ.

އެ ދުވަހަކީ އެކަމަނާއަށް ފުން ހިތާމައަކާ ކުރިމަތިލާން ޖެހުނު ދުވަހެކެވެ. އާއިލާގެ ތިން ބޭފުޅުން މުއްދަތެއް ނެތް ގޮތަށް ޖަލު ބަންދަށް ގެންދިޔައީ އެވެ. އެކަމަކު ހިތްވަރު ކުރައްވާ އަނެއްކާވެސް ރައްޔިތުންނަށް އެކަމަނާ ދެއްވީ ހިތްވަރުގެ މެސެޖެކެވެ. ބުރާސްފަތި ދުވަހު އެކަމަނާ ވަނީ ހާއްސަ މެެސެޖެއް އޯޑިއޯ މެދުވެރިކޮށް ދެއްވާފަ އެވެ.

މެސެޖެއްގައި ވިދާޅުވީ "ގައުމުގެ ހާލަތާއި އާއިލާގެ ހާލަތާމެދު މައުމޫން ދެރަފުޅުވާ ކަމަށާއި ނަމަވެސް އެއީ އެމަނިކުފާނުގެ ހިތްވަރު ދިޔުމެއް ނޫން" ކަމަށެވެ. އަދިވެސް ހުންނެވީ ކުރިން ހުންނެވި ގޮތުގައި އެ ހިތްވަރާއެކު ކަމަށް ވިދާޅުވި އެވެ.

"ހަމަ އިސްލާހީ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ، އެ މަސައްކަތްޕުޅު މި ކުރެއްވީ ގާނޫނާއި ގަވައިދާ ހިލާފަކަށް ނޫން، ހަމަ އެންމެން ކައިރީގަ ވެސް ވިދާޅުވެގެން ހެޔޮ ގޮތުގަ ރަނގަޅަށް އެ ކުރެއްވީ، އެހެންވީމަ އެކަމައިގެން ހަމަ ކުރިއަށް ވަޑައިގަންނަވާނެ،" ނަސްރީނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގައުމަކީ ވަރަށް ރީތި ގޮތުގައި ކުރިއަށް ދެވޭނެ ތަރައްގީ ކުރެވޭނެ ރަނގަޅު ބަޔަކު އުޅޭނެ ތަނަކަށް ހެދޭނެ ތަނެއް، އެ މަގުސަދުގަ ފާރިސް މަސައްކަތް ފެއްޓީ، އޭނާ ފުރަތަމަ އުޅުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިސްލާހެއް ގެނެވޭތޯ، ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި ދެއްތޯ މިގޮތުގަ މަސައްކަތް ކުރައްވަން،"

"އެހެންވީމަ މައުމޫން ހުންނެވީ ވަރަށް ސީދާކަން މަތީ ވަރަށް ހިތްވަރުފުޅާއެކު ކުރިއަށް ވަޑައިގަންނަވާށޭ، އެއް ފަހަރު ވިދާޅުވި ގިނިކަންޏާ ވެސް ގެންދަވާނަމޭ އެ ހިސާބަށް، މިހާރު އެބަ ފެނޭ މުޅި ގައުމު ދަނީ އެގޮތަށްކަން، އެހާ ބައިވަރު ބަޔަކު އެބަ ދޭ އިސްލާހަށް އެދޭ، މިއީ އެންމެންގެ ވެސް ގައުމު ދެއްތޯ، އެންމެން ވެސް ބޭނުންވަނީ މި ގައުމު ސާދާކޮށް ރީތިކޮށް އޮވެގެން އަޅުގަނޑުމެންގެ މާމަ ދަރިންނާ ހަމައަށް ވާސިލުކުރަން،" ނަސްރީނާ ވިދާޅުވި އެވެ.

ނަސްރީނާގެ ކުރު މެސެޖް ނިންމާލައްވަމުން ވިދާޅުވީ "މައުމޫންއަކީ ގައުމު ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް" ކަމަށެވެ. ނަސްރީނާ ފާޅުގައި ވާހަކަފުޅު ދައްކަވަން ފައްޓަވާފައިވާއިރު ހަގު ދަރިކަލުން ގައްސާން މައުމޫން އަދިވެސް ހުންނެވީ ސަރުކާރުގަ އެވެ. އެއީ ފާޑުކިޔުން ވެސް އަމާޒުވާ ކަމެކެވެ.