ހަބަރު

ހާލަތުގެ 45 ދުވަސް: ވަރަށް ފޮތް ކިޔައިފި!

ކުރީގެ ޑެޕިއުޓާ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެ އެވެ؛ "މައްސަލައަކީ ފޮތް ނުކިޔާތީ" އެވެ. އޭނާ އެ ވާހަކަ އަބަދުވެސް އިޝާރަތް ކުރައްވަނީ ސަރުކާރުގެ އިސްވެރިންނާއި ފުލުހުންނަށާއި ޕީޖީ އަދި އޭޖީއަށެވެ. އެ ބޭފުޅުންގެ ފޮތް ކިޔުއްވުމާ ގުޅޭ ގޮތުން އެއްޗެއް ބުނާކަށް ނޭނގެ އެވެ. އެކަމަކު ނިމިގެން މިދިޔަ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްތަކުގައި ފޮތް ގައިމު ވެސް ކީ ބަޔަކު އެބަ ތިއްބެވެ. އާންމު ރައްޔިތުންނެވެ.

ނިމިގެން މިދިޔަ 45 ދުވަހަކީ ފެހި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އެންމެ ގިނަ މީހުން އަހުލިވެރި ދުވަސްތަކެވެ. ގާނޫނު އަސާސީގައި ލިޔެފައިވާ ހައްގުތަކާއި ގާނޫނުތަކުން ބަޔާންކޮށްފައިވާ ކަންކަން ވަރަށް ބޮޑަށް އާންމު ރައްޔިތުން އޮޅުން ފިލުވި އެވެ. ރައްޔިތުން ގާނޫނު އަސާސީގެ ފޮތުގެ ސަފުހާތައް ކިޔަން މަޖުބޫރު ކުރުވި ބަޔަކު ވެސް އެބަތިއްބެވެ. އެމީހުންނަށް ތައުރީފު ވެސް ހައްގެވެ. ގާނޫނީ ވަކީލުންނެވެ.

އާންމު ރައްޔިތުންނަށް ގާނޫނު އަސާސީގައިވާ މާއްދާތައް ތިލަކޮށް ދިނުމަށް އިދިކޮޅުގައި މަސައްކަތް ކުރައްވާ ގިނަ ވަކީލުންތަކެއް މަސައްކަތްތަކެއް ކުރެއްވި އެވެ. ޓީވީތަކަށް އަރުއްވާ ހުއްޓުމެއް ނެތި އެ ބޭފުޅުން ދެއްކި ވާހަަކަތަކުން މިހާރު ގޮޅީގައި އިންނަ ބޭބެއަށް ވެސް ގާނޫނު އަސާސީ އެނގެ އެވެ. އެހެން މިބުނަނީ ތަޖުރިބާ ވެސް ކޮށްފަ އެވެ. ނޫސްވެރިންނަށް އެކި ކަހަލަ ދަތިތައް ކުރިމިނަލް ކޯޓު ސަރަހައްދުން ކުރިމަތިވާން ފެށުމުން އެ ބޭބެމެން މިހެންބުނެ އެވެ: "ތިޔައީ ގާނޫނު އަސާސީއާ ހިލާފަށް ހިނގާ ކަންކަމެއްނު!"

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގުތަކެއް ހިފެހެއްޓި އެވެ. ގާނޫނު އަސާސީ ކިޔަން ޖެހުނު ސަބަބަކީ އެއީ އެވެ. ސަރުކާރުން ގާނޫނު އަސާސީއާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތްތޯ އޮޅުން ފިލުވަން ޖެހުނީ އެވެ. ރައްޔިތުން ގާނޫނު އަސާސީގެ ވާހަކަ ދައްކާ މިންވަރު ގިނަވުމުން ސަރުކާރު ހިންގާ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއް ގާނޫނު އަސާސީއަށް ހާއްސަކުރި އެވެ.

އެ ޖަލްސާގައި ގާނޫނު އަސާސީ އަޑު ހަރުކޮށް ޕީޕީއެމްގެ މަޖިލިސް މެންބަރުން ކިޔައިވެސް ދެއްވި އެވެ. އެކަމަކު ރައްޔިތުން އޭރު ވެސް ތިބީ އެ ގާނޫނު އަސާސީ ކިޔައިގެންނެވެ.

ގައުމަށް އައި މި ހާލަތަކީ އެތައް ގާނޫނީ ބަހުސްތަކެއް ކުރި ފަޅައިގެން ދިޔަ ހާލަތެކެވެ. ގާނޫނީ ބަހުސެއް ނުފެށޭ އެންމެ ކަމެއް ވެސް ހިނގައިދިޔަ ކަމަކަށް ނުބެލެެވެ އެވެ. އެކަމާ ގުޅިގެން ގާނޫނު އަސާސީ އެންމެ ބޮޑަށް ދަންނަ ބޭފުޅަކާ ގުޅޭ ބަހުސެއް ވެސް ފެށި އެވެ. ޓްވިޓާ ތެރޭގައި ވަކީލް މައުމޫން ހަމީދު އުފައްދަވާ ގާނޫނީ ސުވާލުތަކުން އޭނާގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ވަރަށް ބޮޑުވި އެވެ.

އެއާ ވިދިގެން ޕީޕީއެމްއިން ވަނީ ގާނޫނު އަސާސީ އެންމެ މޮޅަށް ދަންނާނީ މައުމޫން ހަމީދު ނޫން ކަމަށް ބުނެފަ އެވެ. އެ ޕާޓީން ބުނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރަށް ގާނޫނު އަސާސީ މާބޮޑަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ތެދެކަށް ވެސް ވެދާނެ އެވެ. ޔަގީންވާ ކަމަކީ ގާނޫނު އަސާސީއަށް އެންމެ ފަރިތައީ މިހާރު އާންމު ރައްޔިތުން ކަމެވެ. އެމީހުން ތިބީ ވަރަށް ފޮތް ކިޔައިގެންނެވެ.