ދުނިޔެ

ޕްރިންސް ހެރީ 10 ފޫޓުގެ ކިނބުލެއް ހިފައިފި

ލަންޑަން (17 މެއި) – ކިނބޫ ފެނުމާއި، ކިނބޫ ހިފުމުގެ ފޯރިއެއް މި ރާއްޖެއަކު މިހާރަކު ނެތެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ ވަނީ މިފަހުން އޮސްޓްރޭލިއާ އަށް ކުރެއްވި ސިއްރު ދަތުރުފުޅެއްގައި ނިކަން ގަދަ އަށް މި ފޯރި ނަންގަވައިފަ އެވެ.

ހެރީގެ މި ދަތުރުފުޅާ ގުޅޭ ރަސްމީ ފޮޓޯތައް އެންމެފަހުން އާންމުކޮށްފައިވާއިރު މި ފޮޓޯތަކުގައި ހެރީ ފެންނަނީ 10 ފޫޓްގެ ކިނބުލެއް ހިފައި އޭގެ ތުން ބަނދެ، ބުރަކައްޓަށް އަރާވަޑައިގެން އިންނަވާ މަންޒަރެވެ.

ހެރީ މި ކިނބުލެއް ހިފާފައި ވަނީ އޮސްޓްރޭލިއާގެ ޕާކްސް އެންޑް ވައިލްޑްލައިފް ކޮމިޝަން ނޮދާން ޓެރިޓަރީ އިން އެގައުމުގެ ޑާވިން ހާބަރުން ކިނބޫ ފައްސާލުމަށް ހިންގި ހާއްސަ ހަރަހާތެއްގަ އެވެ. މަސްވެރިކަމަށް ހާއްސަކޮށްފައި އޮންނަ މި ސަރަހައްދުން ކިނބޫ ފައްސާލުމަށް ނުވަތަ ނައްތާލުމަށް އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި އަހަރެއްގެ މައްޗަށް 200 އަށް ވުރެ ކިނބޫ ހިފައި އެހެން ތަންތަނަށް ބަދަލުކުރެ އެވެ. ނުވަތަ މަރާލަނީ އެވެ.

ހެރީ ހިފި ކިނބުލަށް ހެދި ގޮތެއް އެމީހުން ނުބުނެ އެވެ. ނަމަވެސް އޮސްޓްރޭލިއާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ހެރީ އަކީ ކިނބޫ ހިފަން ނިކަން ކުޅަދާނަ ފަރާތެއް ކަމަށާއި މި ހަރަކާތުގައި އޭނާ އެކަން ވަރަށް ފުރިހަމަ އަށް ސާބިތުކޮށް ދެއްވައިފި އެވެ.

ކިނބޫ ހިފަން އޮސްޓްރޭލިއާ އަށް ކުރެއްވި މި ސިއްރު ދަތުރުފުޅަށް ފަހު ހެރީ ވަނީ ނިއު ޒިލޭންޑަށް ވެސް ވަޑައިގެން އަށް ދުވަހުގެ ދަތުރުފުޅެއް ފުރިހަމަ ކުރައްވައިފަ އެވެ. މިއީ ޕްރިންސް ހެރީ ނިއު ޒިލެންޑަށް ފުރަތަމަ ދަތުރުފުޅެވެ.

ނިއު ޒިލެންޑަށް ކުރި ދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުން ފައިވް-އަ-ސައިޑް ފުޓްބޯޅަ މެޗެއްގައި ބައިވެރިވެ ވަޑައިގެންނެވިއިރު އެންމެ ފަހު މިނެޓުގައި ގޯލެއް ވެސް ކާމިޔާބުކުރެއްވި އެވެ. އެއަށް ފަހު ވިދާޅުވެފައި ވަނީ އިންތިޒާރުކުރަމުން ދަނީ އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލްގައި އާސެނަލް އާއި އެސްޓޮން ވިލާ ބައްދަލުކުރާ މެޗަށް ކަމަށެވެ.

އާސެނަލް އަށް ހެރީ ސަޕޯޓްކުރާއިރު އެސްޓޮން ވިލާ އަކީ އޭނާގެ ބޭބެ، ޕްރިންސް ވިލިއަމްގެ ޓީމެވެ.