ފިނިޕޭޖް

އެންމެންގެ ލާރާއަށް އައިޑޮލްއާ ވަކިވާން ޖެހިއްޖެ

Mar 25, 2018

އޮޑިޝަނުން ފެށިގެން ވެސް އަމިއްލަ ސްޓައިލަކާއެކު ލަވަތައް ހުށަހަޅައިދެމުން އައި، އަބްދުﷲ މުރުޝިދް، ނުވަތަ އެންމެން ކިޔާ ނަމުންނަމަ ލާރާ މޯލްޑިވިއަން އައިޑޮލްއިން ވަކިވާން ޖެހިއްޖެ އެވެ. ލާރާއަށް ޝޯ ދޫކޮށްލަން ޖެހުނީ ޖަޖުންނާއި އާންމުންގެ ވޯޓުން އެންމެ ދަށް މާކްސް ލިބުމުންނެވެ.

މިދިޔަ ހަފުތާ ވެސް ލާރާ ބޮޓަން ތިނަކަށް ދިޔައިރު ރޭ އޭނާ ހުށަހަޅައިދިން ލަވަ، ޖަޖުންނަށް ވެސް އެހާ ކަމުގޮސްފައެއް ނުވެ އެވެ. ލާރާއަކީ އައިޑޮލްއާ ގުޅުމުގެ ކުރިން ބޮޑުބެރު ލަވަ ކިޔުމުގައި އުޅުނު ޒުވާނެކެވެ. މިރޭ ލާރާ ކެޓުމާއެކު ގަދަ ނުވައެއް ވަނީ ކަށަވަރުވެފަ އެވެ.

ގަދަ ނުވައެއްގައި ހިމެނުނީ، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

މިރޭގެ ޝޯގައި 10 ބައިވެރިން ވެސް ވަނީ ޑުއެޓް ހުށަހެޅުންތަކެއް ހުށަހަޅައިދީފަ އެވެ. މިރޭގެ ތީމަކީ ރޮކް އެންޑް ރޯލެވެ. މިރޭ ކަޓައިގެން ދިޔަ ލާރާ މިރޭ ހުށަހެޅި ލަވައަށް ޖަޖުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތަކެއް ވެސް ލިބުނެވެ.