ދުނިޔެ

ޣޫތާއިން ލައްކައަކަށް ވުރެ ގިނަ މީހުން ނުކުމެއްޖެ

ސޫރިޔާގެ ސަރުކާރު ސިފައިންނާއި އެސަރުކާރަށް ތާއީދުުކުރާ ރަޝިޔާއާއި އީރާނުގެ ސިފައިންގެ ބާރުގެ ދަށަށް މިހާރު ގޮސްފައިވާ އިރުމަތީ ޣޫތާ ނަމަކަށް ކިޔާ ސަރަހައްދުން ލައްކައަކަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ނުކުމެއްޖެއެވެ.

ރަޝިޔާ ސިފައިންނާ ހަވާލާދީ އެގައުމުގެ ރިއާ ނިއުސްއެޖެންސީން ބުނީ ޣޫތާ ހިފަންް މިދިޔަ ފެބްރުއަރީ މަހު ހަމަލާދޭން ފެށި ފަހުން މިހައިތަނަށް ޣޫތާއިން 105700 މީހުން ނުކުމެފައިވާ ކަމަށެވެ. އެންމެ ފަހުން ނުކުތް 700 މީހުން ނުކުތީ ހޮނިހިރު ދުވަހު ކަމަށް ވެސް އެނޫހުން ބުންޏެވެ.

ނޫސް އެޖެންސީން ބުނީ އިރުމަތީ ޣޫތާއިން ނުކުތް މީހުން ނުކުތީ އެރަށަށް ދެމުންދާ ހަމަލާތައް ކޮންމެ ދުވަހަކު ފަސް ގަޑިއިރަށް މެދުކަނޑައިލަން ރަޝިޔާއިން ނިންމައި އެގޮތުން ދިން ފުރުސަތުގެ ބޭނުންކޮށްގެން ކަމަށެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަނގުރާމަކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔަ ތަންތަނުގެ ތެރެއިން އެމީހުންގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ތަންކަމަށްވާ އިރުމަތީ ޣޫތާއަށް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސޫރިޔާ ސައިންނާއި ރަޝިޔާ ސިފައިންނާއީ އީރާނު ސިފައިން ހަމަލެމުން ދަނީ ވަކި ގޮތެއް ނުބަލައެވެ އެގޮތުން ދިން ހަމަލާތަކުގައި އާއްމުންގެ 1600 އަށް ވުރެ ގިނަ މީހުން މަރައިލި އިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. މަރުވި މީހުންގެ އިތުރުން އެހަމަލާތަކުގައި 2000 އަށް ވުރެ ގިނަ މީހުންް ޒަހަމްވިއެވެ. އެހާލަތުގައި ޣޫތާ އޮތް އިރު އެރަށަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލް އަގުވާމީ ޖަމާއަތްތަކުން ކުރި މަސައްކަތްތަކަށް ވެސް އަސަދަށް ވާގިވެރިވާ ބާރުތަކުން ދަނީ ހުރަސްއަޅަމުންނެވެ.

ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމައިގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރި ވަނީ ރަޝިޔާ އާއި އީރާނާއި އީރާނުން މަދަދުދޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިންނެވެ.

ސީރިޔާގައި ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރު އެގައުމުގެ ރައީސްް ބައްޝާރުލް އަސަދާ ދެކޮޅަށް އަޑު އުފުލަން ބޮޑެތި ޝަހަރުތަކުގެ މަގުތަކަށް ނުކުތް ރައްޔިތުންގެ ތެރެއިން އެތައް ހާސް މީހުންނެއްގެ ގަޔަށް ބައްޝާރުގެ ސިފައިން ބަޑިޖަހައި މަރައިލުމުންނެވެ. އެހިސާބުން އާއްމުން ހަތިޔާރު އުފުލައި އެކި ޖަމާއަތްތައް ހަދައިގެން ކުރި ހަނގުރާމައިގައި 2015 ވަނަ އަހަރާ ހަމައަށް އައި އިރު އަސަދުގެ ބާރު އޮތީ ވަރަށް ކުޑަވެފައެވެ. އޭނާގެ ސަރުކާރުގެ ބާރު އަލުން ގަދަވީ ރަޝިޔާއާއި އީރާނުން ހަނގުރާމައިގެ ތެރެއަށް ވަނުމުންނެެވެ. އެދެގައުމުން ވަނީ އަސަދާ ދެކޮޅު ބާރުތަކުން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ވަނީ ހިންގާފައެވެ.

ހަނގުރާމައަށް ހަތް އަހަރު ވީއިރު ސޫރިޔާގެ ބައި މިލިޔަނަށް ވުރެ ގިނަ ރައްޔިތުން މަރުވެ، އެތައް މިލިޔަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.