ކޮލަމް

މުންޑޫ ކޮލަމް: 1 ފެބުރުއަރީގެ މެންދަމު ރައީސެއް ނުހުންނާނެ!

Mar 26, 2018
71

ފުރަތަމަ ބަލައިލަން ޖެހެނީ އެކެއް ފެބްރުއަރީގެ އަމުރަށާއި އޭގައި ޑިމާންޑް ކުރި ކަންކަމަށެވެ. އަދި އެ ދުވަހާ ހަމައަށް ހުރި އިދިކޮޅުގެ ޑިމާންޑްތަކުގެ މައްޗަށެވެ. އޭގެ ފަހަށް އެކެއް ފެބުރުއަރީގައި ނެރެން ބޭނުންވީ ކޮން ނަތީޖާއެއް ހެއްޔޭ އެހިދާނެ އެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރަކީ ކޮން ކަމެއް ހާސިލު ކުރަން ބޭނުންވި އަމުރެއް ހެއްޔޭ ވެސް ސުވާލެއް ކުރެވިދާނެ އެވެ.

އެ އަމުރަށް ބަލާއިރު އެއީ ލޮޖް ކޮށްފައިވާ ވަކި މައްސަލައަކަށް ބިނާވާ އަމުރެއް ނޫނެވެ. އަދި ފާލުން ނެއްޓި، ފަރުވާއެއް ބޭނުންވާ ކަމަކަށް ދިން ދުސްތޫރީ އިންޓަޕްރެޓޭޝަނަކަށް ވެސް ނުވެ އެވެ. އެކަމަކު އެ އަމުރަކީ ބައިވަރު ކަންކަން މަސްހުނިކޮށް ވަށައި ޖައްސާފައިވާ ސިޔާސީ ޝަރުއީ އަދި ދުސްތޫރީ ފުރޮޅައިލުމެކޭ ކިއިދާނެ އެވެ.

އެއީ އެފަދަ ފުރޮޅައިލުމެއް ކަމަށް ބަލަން ޖެހެނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެކެއް ފެބްރުއަރީއާ ހަމައަށް އޮތް ޑިމާންޑްތަކަށް ބަލާއިރު އެފަދަ އަމުރެއްގައި ހިމަނައިލެވިދާނެ ވަރަށް މުނާސަބުކަންކަން ހުރެ، އަޅައި ނުލައި ދޫކޮށްލާފައިވާތީ އެވެ.

މިސާލަކަށް ފަހުން ކޮންމެ ވާހަކައެއް ދެކެވުނަސް އެ އަމުރުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުން އަޒުލުވެއްޖެ ކަމަށް ހިމެނިދާނެ އެވެ. މިދިއަ ހުރިހާ ދުވަހެއްގައި ބޭނުންވެފައި އޮތީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭރު ކޮށްލުމުގެ މައްސަލަ އެވެ. އެ އަމުރުގައި މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިވެއްޖެ ކަމަށް ލިޔެވިދާނެ އެވެ. އޭރަށް މަޖިލީހުގައި ޖެހިގެން އުޅޭ 12 މެންބަރުންގެ މައްސަލަ ހައްލުވެ ސިޓިން މެޖޯރިޓީ ރީއިންސްޓޭޓްވުމާއެކު ކޮންޓްރޯލް ސްޓެބިލިޓީއެއް އަންނަންދެން މަޖިލިސް ޑެޑްލޮކަކަށް ގެންދެވޭނެ އެވެ.

ރައީސް ޔާމީންގެ މި ދައުރުގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައީސުލް ޖުމްހޫރިއްުޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ އުމުރަށް ގެނައި ބަދަލަކީ އިދިކޮޅު ސިޔާސީ ލީޑަރުންގެ މެއަށް ހަންޖަރެއް ޖެހުން ފަދަ ކަމަކަށްވި އެވެ. އެ ބަދަލަކީ ބާތިލު ނިންމުމެއް ކަމަށް ވެސް އަމުރުގައި ލިޔެވުނީ ހެވެ.

ބޭރުގެ ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ގެނައި އިސްލާހަކީ އެންމެ ގަދައަކަށް ނުރުހުން އޮތް ކަމަށް ދެއްކި އެއް މައްސަލަ އެވެ. ގާނޫނުއަސާސީއަށް ގެނައި އެ ބަދަލު ވެސް ބާތިލު ކަމަށް ލިޔެވުނީހެވެ. ރައީސާއެކު އިންތިހާބުވެ ވަޑައިގެންނެވި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފްލޯއިން ބޭރުވެގެން ދިޔަ ގޮތް ވެސް ބާތިލުކޮށް މަގާމު ރީއިންސްޓޭޓް ކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުވެފައިވާތީ ރީއިންސްޓޭޓް ކުރެވޭ ނައިބު ރައީސަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހުރިއްޔާގެ ޒިންމާ އުފުލަންޖެހޭ ފަރާތް ކަމަށް ވެސް ލިޔެވުނީހެވެ.

އެ ނޫނަސް އެފަދަ އަމުރެއްގައި ހިމަނައިލެވިދާނެ އިދިކޮޅުން ސުވާލު އުފެއްދި ކަންކަން އެބަހުއްޓެވެ. ސަރުކާރެއްގެ ހަތަރު އަހަރު ތެރޭގައި އިދިކޮޅުން ސުވާލު އުފައްދާނެ ބައިވަރު ކަންކަން ހުންނާނެ އެވެ. އެ ހުރިހާ ކަމެއް ގަނޑުކޮށް ގައިދުކޮށްފައި ވެސް ލިޔެވުނީހެވެ.

ކެވެލިޖަހާފައިވާ ވަކި ކަންތައްތަކަކާއި ނުވަ ނަމެއް ހިމަނައިގެން އަމުރު ވަށައިޖައްސާފައިވާއިރު ނުވަ ނަމެއްގެ މައްޗަށް ބެހިންގެ ދާ މައްސަލަތަކުގައި ހިމެނޭ އެހެން ނަންތައް އެ ކެވެލީގައި ގައިދުކޮށްފައެއް ނުވެއެވެ. އެއާއެކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ބެހޭ ބައެއް ހިމަނައި އެތާނގެ ބާރު ވަނީ ސުޕްރީމް ކޯޓްގެ މުށުގެ ތެރެއަށް ގެންގޮސްފަ އެވެ. އެއީ އެފަދަ އަމުރެއް ނެރުމުން ވަށަވަށައިގެން އަންނާނެ ރިއެކްޝަނާއި އާފްޓާޝޮކަށް ރަނގަޅަށް ފާރަވެރިވެގެން ހިމަނާފައިވާ ބައެކެވެ.

ސުޕްރީމް ކޯޓަކީ އެންމެ މަތީ ކޯޓަށް ވެފައި އަމިއްލައަށް ވިސްނައި ހޯދުމުގެ އިހުތިޔާރެއް އެ ކޯޓަށް އޮވެއެވެ. ވީމާ އެކެއް ފެބްރުއަރީގައި އަމުރެއް ނެރުނީ ކޮން ކަމެއް ހާސިލް ކުރަން ހެއްޔެވެ؟ މީގެ ކުރީގެ ސަރުކާރެއް ވެއްޓުނީ ފެބްރުއަރީ 7 ގައި ކަމަށް ވެފައި އިދިކޮޅު ލީޑް ކުރުމުގައި އޮތީ އެ ސަރުކާރު ގެނައި އެމްޑީޕީ ކަމަށްވުމުން މި ސަރުކާރު ވައްޓާލާ ދުވަހަކީ ވެސް ފެބްރުއަރީ 7 އަށް ހެދިދާނެ އެވެ. އޭރަށް ކުރިން އެޅި ބޮނޑިއަކަށް ބޮނޑިއެއް ހަމަ އެއް ތާރީހެއްގައި އަޅައި ދެބައި ހަމަވީ އެވެ. އެކަމަކު ފެބުރުއަރީ 1 ހާއްސަވީ ކީއްވެގެން ހެއްޔެވެ؟ މިކަމުގައި ރޭވުމެއްވޭ ހެއްޔެވެ؟ އަމުރުގެ ރޭވުމަކީ ކޮބައި ހެއްޔެވެ؟ ރޭވުމެއް ވާނަމަ އެގޭ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ އަދި ޒާތީ ދުޝްމަނުން ތިބި ގޮޅިތަކުން މިނިވަންވެގެން މާލެ އަރައި ކުއްލި ގަޑުބަޑެއް އުފެދޭނެ ހާލަތެއް އުފަން ކުރުވައިދޭ ވަރުގަދަ އަމުރު ނުކުތް އިރު ރައީސުލްޖުމްހޫރިއްޔާ އަޒުލުވެއްޖެ ކަމަށް ނުވަތަ އަޒުލު ކުރެވޭނެ ކަމަށް ހިމަނާފައި ނެތުމުން ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ.

އެކެއް ފެބްރުއަރީން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދެވަނަ ބައި ނިމިގެން ދިއުމާ ހަމައަށް އެކަމަށް ބަލައި މި ރިޕޯޓަރު ވިސްނި އިރު އެފަދަ ބައެއް މި އަމުރުގައި ހިމަނައި އަމުރެއްކޮށްފައި ނުވަނީ އެކެއް ފެބުރުއަރީގެ އަމުރު ނުކުތުމާއެކު އޭގައި ހިމެނޭ ނުވަ ބޭފުޅަކު ގިނަވެގެން 45 މިނެޓްތެރޭގައި މިނިވަން ކުރުން، ތަންފީޒު ކުރާނެތީ އާއި އެ ދެމެދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެއްޗެއް ވިދާޅުވާނެ ވަގުތެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ބަލައިގެން ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެ އެވެ. އެހެން ނޫންނަމަ އެ އަމުރުގެ ގައިދުގެ ތެރެއަށް ޖޭއެސްސީގެ ބާރު ގެންދިޔަ ގޮތަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާ ގެންގޮސްފައި އޮތީހެވެ.

މިކަން ސާފުވާނެ ގޮތަކަށް ތިލަ ކުރުމަށް މާޒީގެ ތެރެއިން ނޮވެމްބަރު 3، 1988 ގައި ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ދިވެހިންގެ ބަޔަކު ގުޅިގެން ދިވެހި ސަރުކާރު ވައްޓާލަން ކުލީ ސިފައިން ރާއްޖެ ގެނައި ހާދިސާއާ ހަމައަށް ދަތުރު ކުރަމާ ހެއްޔެވެ؟

ރާއްޖެ އެރި ޕްލޯޓްގެ ހަނގުރާމަވެރިންނަށް އަދި އެ ހަމަލާ ރޭވި ދިވެހިންނާއި ބޭރުގެ އިސް ފަރާތްތަކަށް ވެސް މުޅީން ޔަގީން ކުރެވިފައި ނުވަތަ ޔަގީން ކޮށްދީފައި ވަނީ ނޮވެމްބަރު ތިނެއްގައި ވެސް އަދި ޖެހިގެން އަންނަ ހަތަރެއް، ފަހެއްގައި ވެސް ރައީސް މައުމޫން ރާއްޖޭގައި ވަޑައިގެން ނޫޅުއްވާނެ ކަމަށެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ނޮވެމްބަރު 11 އަށް ނޮވެމްބަރު 10 ވަނަ ދުވަހުގައި ކަމަށެވެ.

ރައީސް މައުމޫން މާލޭގައި ހުންނެވިކަން އެނގުނީ ހަމަލާ ފަށައި މީހުންތަކެއް މަރައި ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ. އޭގެ ކުރިން އުޅުނީ ޒާތީ ސަބަބުތަކަކާ ގުޅުވައި އިލްޔާސް އިބްރާހިމާއި އަބްދުﷲ ހަމީދާއި އަހުމަދު މުޖުތަބާ އާއި އިސްމާއީލް ނަސީރު ފަދަ ބޭފުޅުންކޮޅަކަށް އަދަބު ދޭށެވެ. މައުމޫނު ހޯދާކަށް ނޫޅެ އެވެ. މައުމޫނާ ވަރަށް ކައިރިން އޭގެ ފައުޖެއް ހިނގާފައި ދިޔައިރު ވެސް މައުމޫނާ ދިމާއަށް ބަލައިވެސް ނުލައެވެ. ސަބަބަކީ އެ މީހުންނަކަށް މައުމޫނެއް ނޭނގެ އެވެ. އަދި އެމީހުނަށް ޔަގީން ކުރެވިފައިވާ ގޮތުގައި މައުމޫން ރާއްޖެ ވަޑައިގެން ވެސް ނޫޅުއްވަ އެވެ.

ނޮވްމެބަރު 3 ގައި މާލެ އެރި ޕްލޯޓްގެ ރޭވުމާއި 1 ފެބްރުއަރީގެ އަމުރުގެ ބައިތައް އިބާރާތުން ގައިދު ކުރުމުގެ ރޭވުމުގައި ހުރި އެއްގޮތް ކަމަކީ މިއީ އެވެ. މިފަހަރު ވެސް ބަލާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ރަށުގައި ވަޑައިގެން ނޫޅުއްވާނެ ނުވަތަ "ޔަގީން ދެންމެ މާލެއިން ފުރާވަޑައިގެންފި" ކަމަށެވެ.

އިދިކޮޅާއި އަދި މި އަމުރުގެ ކަންކަމުގައި ހިމެނޭ ދިމަދިމާއަށް ލިންކް ކޮށްފައިވާ ހުރިހާ ސޯސްތަކުން ޔަގީންކޮށްފައި ވަނީ އެ ދުވަހުގެ ރޭ ރައީސް ޔާމީން ރާއްޖޭގައި ވަޑައިގެން ނޫޅުއްވާނެ ކަމަށެވެ. ސުވާލަކީ ރައީސް އެ ދުވަހު ވަޑައިގަންނަވަނީ ކޮންތާކަށް ހެއްޔެވެ؟ އަދި ކޮން ކަމަކު ހެއްޔެވެ؟

ރައީސް ޔާމީންގެ ދަރިކަަނބަލުންނަށް ބޭފުޅަކު ލިބިވަޑައިގަތީ މި މާޗް މަހުގެ ތެރޭގަ އެވެ. އެކެއް ފެބުރުއަރީ ބައްދަލު ކުރި އިރު ދަރިކަނބަލުން އިންނެވީ ވިހެއުމުގެ އަދުތޯ މާދަންތޯ މަރުހަލާގަ އެވެ. އެކަމަނާ ވަޑައިގެން ރާއްޖެއިން ބޭރުގައި އުޅުއްވީ ފަރުވާއަށެވެ. އާއިލާގެ ތެރެއިން ރޭވިފައި އޮތީ ދަރިކަނބަލުން އަރިހަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވާ ގޮތަށެވެ. ފަހުން ދަތުރުގެ ޝެޑިއުލަށް ބަދަލެއް ގެނެސް އެހެން ދެ ގޮތެއް ވެސް ގެންގުޅުއްވި ކަމަށް ވެއެވެ. ކޮންމެ ގޮތަކަށް ރޭވުނު ނަމަވެސް ފުރަތަމަ ވަޑައިގަންނަވާ ގޮތަށް އޮތީ ސިންގަޕޫރަށެވެ. އޭގެ ފަހުން ތައިލޭންޑަށެވެ.

ރައީސްގެ ދަތުރުފުޅުތައް ރޭވޭ ގޮތާއި މީޑިއާއަށް އަންނަ ގޮތާއި މީހުން ބައިވެރި ކުރައްވާ މިންވަރާއި މިކަން ކަމަށް ބަލާއިރު ރައީސްގެ ދަތުރުފުޅުތަކާބެހޭ ގޮތުން އެއްޗެއް ކިޔުމަކީ ވަރަށް ދަތި ކަމަކަށް އަބަދުވެސް ވެއެވެ. ވަރަށް ގާތް ބޭފުޅުންނަށް ވެސް އެއީ އަންދާޒާ ކުރަން ދަތިފުޅުވާ ކަމަކަށް ވެއެވެ. ސަބަބަކީ ހެޑް އޮފް ސްޓޭޓްގެ ލައިނަކަށްވުރެ ބޮޑަށް ގެންގުޅުއްވަނީ ހެޑް އޮފް ގަވަމަންޓްގެ ލައިނަކަށްވެފައި ނިންމެވުން ބަދަލު ކުރައްވާފާނެ ވަގުތެއް ލަފާ ކުރަން ނޭނގޭތީ އެވެ. އަދި ފަހަކަށް އައިސް އަމިއްލަފުޅު ދަތުރުތަކުގެ ހަބަރު ބޭރަށް ނުނެރުއްވާތީ ވެސް އޮޅޭ ގޮތް ވެއެވެ.

"އަބަދުވެސް އުޅުއްވަނީ ފުރާ ވަޑައި ނުގަންނަވަން، ވިއްސަކަށް ބޭފުޅުންގެ ޑެލިގޭޝަނެއް ހައްދަވައި ހުރިހާ ޕްރޮޓޯލެއް ނިންމަވާފައި ވެސް ހެނދުނު އޮފީހަށް ވަޑައިގެން ވިދާޅުވެ ދާނެ، ދަންނަވާށޭ ނެތޭ ދެވޭކަށް ވަރަށް މާފޭ، އެކަމަކު ދަތުރެއް ކުރައްވާފާނެ ހަމަ ކުއްލިއަކަށް ވެސް އެހެންވީމާ ވަޑައިގެންފާނެ ކަމަށް، އަދި ކެންސަލް ވެދާނެ ކަމަށް ބަލަން ޖެހޭ އަބަދުވެސް. އެކަމަކު ތައްޔާރީތައް އަބަދުވެސް ފުރިހަމައަށް ސުންގަޑިއަށް ހިނގަ ހިނގާ އޮވޭ،" ރިޕޯޓަރާ ގުޅުން އޮންނަ އިތުބާރު ހިފޭ ބޭފުޅަކު ވިދާޅުވެ ދެއްވި އެވެ.

ރައީސްގެ ނުރަސްމީ ދަތުރުފުޅުތަކުގެ ކަންކަން ރާވަނީ މުލިއާގެއިންނެވެ. ފެބުރުއަރީ އެކެއްގައި ފުރާ ވަޑައިގަތުމަށް ވަންޖެހޭ ހުރިހާ އިންތިޒާމެއް ހަމަޖެއްސެވި އެވެ. ފުރަތަމަ ވަޑައިގަންނަވާ ގޮތަށް އޮތީ ސިންގަޕޫރަށެވެ. ވަޑައިގަންނަވަނީ ސިންގަޕޯއެއާލައިންގެ ބޯޓަކުންނެވެ.

އެސްކިޔޫ ފުރާ ގަޑި އާއި ފެބުރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު އަމުރު ބޭރުވަނީ ކޮން ގަޑިއަކު ހެއްޔެވެ؟ އަމުރު ބޭރުވެ ދާންވާ ހިސާބުތަކަށް ގޮސް ހިނގައިގަންނަ އިރު ރައީސުލްޖުމްހޫރިއްޔާ އިންނެވި ބޯޓް ވައިގެ ތެރެއަށް އަރައި ހަމަޖެހޭނީ އެވެ. އޭރަށް ޓެކްނިކަލީ ގޮތުން ރައީސް "އިންކެޕޭސިޓީ" ވެގެންދާނެ އެވެ.

ބައެއް ބޯޓް ފަހަރުގައި ގުޅޭ ގޮތަށް ހުރެއެވެ. އެކަމަކު އެސްކިއޫއިން ރާއްޖެއާ ސިންގަޕޫރާ ދެމެދުގައި ބޭނުން ކުރަނީ އެންމެ މިހާރުގެ ބޯޓުފަހަރެއް ނޫނެވެ. މާނައަކީ އެހިސާބުން ފެށިގެން ތިން ގަޑިއިރާ ބަޔަށް ރައީސުލްޖުމްހޫރިއްޔާ "އިންކެޕޭސީޓީ"ވީ އެވެ. ވައިގެ ތެރޭގައި އިންނެވި އަސް ރާއްޖެއިން ބޭރުގައި ހުންނެވިއަސް ރައީސުލްޖުމްހޫރިއްޔާއަށް ގުޅެންޏާ ޑިސިޝަނެއް ނެންގެވޭނެ އެވެ. އެފަދަ ހާލަތެއް ނެތިއްޔާ އެ އިންނެވީ އިންކެޕޭސިޓީގަ އެވެ.

ރާއްޖެއަށް 2004 ވަނަ އަހަރު ސުނާމީ އެރުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފޯނު މެދުވެރިކޮށެވެ. ރައީސުލްޖުމްހޫރިއްުޔާގެ ފަރާތްޕުޅުން އެ ފޯންކޯލް ކުރެއްވީ ސަމަރުބުލޫ އިބްރާހިމް މަނިކެވެ. މާނައަކީ ރައީސުލްޖުމްހުރިއްޔާ ރާއްޖޭގެ ފަސްގަނޑުގައި ހުއްޓަސް ނެތަސް ފޯނުން ގުޅޭ ކަމަށް ވަންޏާ ޑިސިޝަނެއް ނެންގެވޭނެ އެވެ. ޑިސިޝަނެއް ނުނެގޭނެ ހަލަތަކީ ބާރު ނުލިބޭ ގޮތަށް އިންނެވުމެވެ. އެހެން ކަމުން އެކެއް ފެބްރުއަރީގެ އަމުރު ރޭވިފައި ވަނީ ރައީސުލްޖުމްހުރިއްޔާ ވައިގެ ތެރޭގައި ތިން ގަޑިއިރާ ބައި ވަންދެން އިންނަވަނިކޮށް ހުރިހާ ކަމެއް ހިނގައި ނިމިގެންދާނެ ގޮތަށެވެ.

މިއީ ރިޕޯޓަރުގެ ކަންފަތުން ފެބުރުއަރީ އެއްވަނަ ދުވަހު އެޑުއެހި ވާހަކައެކެވެ: "މިރޭ ސުޕްރީމް ކޯޓުން ވަރުގަދަ އަމުރެއް ނުކުންނާނެ އެވެ. އަމުރު ނުކުތާމާއެކު ޕޮލިސް ކޮމިޝަނާ އެކްޓިވޭޓްވާނެ އެވެ. މިރޭ ސަރުކާރު ވެއްޓޭނެ އެވެ. އޭރަށް ވާއިރަށް ކޮލަމްބޯގައި ފްލައިޓެއް ޗާޓަރުކޮށް ލީޑަރުން މާލެ އަރަން ތިއްބެވީ ތައްުޔާރަށެވެ. އެ ބޯޓުން އާދެވޭތޯ މިރޭ ގާސިމް އިބްރާހިމް ވެސް ކޮލަމްބޯއަށް ވަޑައިގަންނަވާނެ އެވެ. މިރޭ ރައީސް ޔާމީން ރާއްޖެއަކު ނުހުންނަވާނެ އެވެ. ޓިކެޓް ވެސް ނަގައިފި އެވެ!"

ގާސިމް ކޮލަމްބޯގައި އެރޭ ހުންނެވިކަން ކަށަވަރެއް ނުވެއެވެ. އެކަމަކު ޕޮއިންޓަކީ އެއާޓްރެފިކް ރައިޓްސް ލިބިގެން ކޮލަމްބޯއިން މާލެ އަންނަ ބޯޓެއް އެ ގަޑީގައި މާލެ އަންނަ އިރު ވެސް އެރޭ ރައީސް ފުރާ ވަޑައިގެންނެވި ނަމަ އިންނަވާނީ ވައިގެތެރޭގަ އެވެ.

އެގޮތަށް ކަން ހިނގައި އަމުރުގައި ހިމެނި ހުރިހާ ކަމެއް ތަންފީޒުވިނަމަ ރައީސް ޔާމީން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް ވަޑައިގަތުމުން ޕްރޮޓޮކޯލުން ރައީސަށް ދަންނަވާނީ ވަރަށް އަވަހާ މާލެއާ ގުޅުއްވައިދެއްވުމަށެވެ. އެ ކޯލް ކުރައްވާއިރު އޮންނާނީ ހުރިހާ ކަމެއް ނިމިފައެވެ. ދެން އިވިވި ވަޑައިގަންވަނީ "މާލެއަކަށް ނޭރޭނެއޭ ސިންގަޕޫރުގައި ކަލޯ މޮޔަވާށޭ!" ކިޔާ ލަވައިގެ ރީމިކްސް އެކެވެ.

ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. ޗޮއިސް ހުސްވީ އެވެ. އެންމެ މޮޅު ގޮތަކަށް ވެސް ވާނީ ސިންގަޕޫރުގައި މަޑު ކުރެއްވުމެވެ. އޭރަށް ގޭމް ނިމުނީ އެވެ. އިދިކޮޅަށް މޮޅު ލިބުނީ އެވެ. އާދަޔާހިލާފު އަމުރަކުން ރާވާފައި ގޮތަކީ މިއީ އެވެ. އަމުރުގައި ރައީސް އަޒުލު ކުރުމުގެ ވާހަކަ ނެތީ އަދި ނުވަ ނަމެއް އެކަނި އޮތީ އެހެންވެގެނެވެ. އަޒުލުގެ ވާހަކައަކީ ބޭނުމެއް ނެތް ކަމެކެވެ. ރައީސް ހުންނެވިޔަސް ނެތަސް އޯކޭ ހިސާބަކަށް ދެވޭތީ އެވެ.

އަމުރު ނުހިނގައި ރޭވުން ފޭލްވީ އެރެއަށް ހަމަޖައްސާފައިވާ ދަތުރުފުޅުގައި ފުރާ ވަޑައި ނުގެންނެވުމުންނެވެ. އެކަމަކު ފުރާ ވަޑައިގަންނަވާތޯ ކަށަވަރު ކުރި ބަޔަކު އުޅުނެވެ. ރައީސް ދަތުރުފުޅު ކުރައްވާ ލޯންޗްގެ މޫވްމެންޓް ވެސް ބެލި އެވެ. ހަގީގަތުގައި ފުރާ ވަޑައި ނުގަންނަވާ ގޮތަށް ނިންމެވީ އޭގެ ދެ ދުވަހެއް ކުރިންނެވެ. އެ ނިމުން ބޭރު ނުވެ އޮތް ގޮތަކަށް އޮތީ އެވެ.

މި އަމުރުގެ ޒާތަށާއި ހިމަނާފައިވާ ކަންކަމާއި އަތުރާފައިވާ ގޮތަށް ބަލާއިރު ގުޅުމެއް ނެތް އެތައް ބައިވަރު ކަންކަން މަސްހުނި ކުރި އިރުވެސް މިހާ ސާފުކަން ބޮޑު އަމުރެއް މިހާތަނަށް ސުޕްރީމް ކޯޓުން އައިސްފައެއް ނުވެ އެވެ. ސުޕްރީމްކޯޓްގެ އަމުރެއް، ހުކުމެއް ބަޔާނެއްގައި ވިޔަސް ބޭނުން ކުރަމުން އައި ރަސްމީ ލަހުޖާ މި އަމުރަކު ނެތެވެ. އެހެން ކަމުން މިއީ އެ ކޯޓްގައި އާދަވެ މިފަދަ އަމުރެއް ޑްރާފްޓް ކުރާ މޭޒުން ކުރި ޑްރާފްޓެއް ކަމަކަށް ނުބެލެވެ އެވެ. މި އަމުރުގެ ވާހަކަ ދެކެވުމާއި އަމުރަށްފަހު ޓްވިޓާގައި އެކިއެކި އެމްބެސެޑަރުން ރިއެކްޓް ކުރެއްވި ވަގުތާއި ގޮތާއި އިސްޕީޑަށް ބަލާއިރު މި އަމުރުގެ ޑްފްރާޓެއް ބޭރުގެ އެމްބަސީއެއްގައި ލިޔެވުުނު ނުވަތަ ބަލައި ފާސްކުރި ކަމަށް ޝައްކު ކުރާނެ ތަންތަންކޮޅު ފެނެ އެވެ.

އެކެއް ފެބުރުއަރީގެ ދުރަށް އޮންނަ ހަތަރު މަސް ދުވަހުގެ މާޒީގައި އުއްތަމަ ފަނޑިޔާރު ހަތް ފަހަރު ކޮލަމްބޯއަށް ވަޑައިގެންނެވި އެވެ. އިންޑިއާއަށްވަޑައިގެންނެވި އިރުވެސް މެލޭޝިއާއަށް ވަޑައިގެންނެވި އިރުވެސް ކޮލަމްބޯގައި މަޑު ކުރެއްވި އެވެ. އިތުރަށް ޔޫރަޕަށް ވަޑައިގަންނަވަން ވެސް ކޮލަމްބޯއަށް ހުންނަވަން ޖެހިވަޑައިގަތެވެ އަދި ސީދާ ކޮލަމްބޯއަށް ހަތަރު ފަހަރަށް ވަޑައިގެންނެވި އެވެ. އެއިން ކޮންމެ ފަހަރަކުވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވަޑައިގެންނެވި އެވެ. ހަސަން ސައީދަކީ ވަރަށް އެކުވެރި، އިތުބާރު ކުރައްވާ، ދެ ކަނޑު އެއްކޮށްލައްވައިގެން ހުންނެވި ބޭފުޅެކެވެ. -- ދެ ކަނޑު އެއްކޮށްލަވައިގެން ހުންނެވުމަކީ އަރަބި އިނގިރޭސި ބަސް މޮޅަށް ދެނެވަޑައިގެންނެވުމެވެ.

ދެން އޮތް ސުވާލަކީ މިގޮތަށް ރައީސް އިންކެޕޭސިޓީވާ ވަގުތަކާ ދިމާކޮށްގެން އަމުރެއް ނެރެ ތަންފީޒު ކޮށްލަން ރޭވުނީ ކީއްވެގެން ހެއްޔެވެ؟ އެނޫން ގޮތްތައް ވެސް އެބަހުއްޓެވެ.

މިހާ ހިސާބުން ފަށާށެވެ. ރައީސް މުހައްމަދު ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި ތާށިވެފަ އެވެ. ގާސިމް އިބްރާހިމާއި ރައީސް މައުމޫން ވަނީ ވެރިކަމަށް ކުރިމަތިލެއްވޭ އުމުރުގެ މާއްދާގައި އަޅައިގަނެ ވެއްޓިވަޑައިގެންފަ އެވެ. މައުމޫންގެ ޕްރޮކްސީއެއްގެ ގޮތުގައި ބެލެވޭ އަހުމަދު ފަރިސް ވެސް ގޮޅިއަކަށް ފެތިފަ އެވެ.

ޕްރެސިޑެންޝަލް މެޓީރިއަލްގެ ގޮތުގައި ދެން ވިއްކަނީ އިބުރާހިމް މުހައްމަދު ސޯލިހާއި އަބްދުﷲ ޝާހިދުގެ ނަމެވެ. އެވެސް އިބޫތޯ ނުވަތަ ޝާހިދުތޯ އެވެ؟ ގޮތެއް ނުނިމެ އެވެ. އެ ދެ ނަން ނުހިނގަނީ އެ ދެ ބޭފުޅުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ކަމަކަށް ނުފެނެ އެވެ. އެއަށްވުރެ ބޮޑަށް ވެރިކަމަށް ވަޑައިގަންނަވަން ރައީސް ނަޝީދު ބޭނުފުޅުވެ އެވެ. އެހެން ނަމަވެސް އެކަމަށް އިންތިޒާރު ކުރެއްވި ކުރެއްވުމާއި އެކަމަށް ކުރެއްވި މަސައްކަތުގެ ވަގުތު ބަލަބަލައި އޮއްވާ ފާއިތުވީ އެވެ. ކުރެވުނު އެއްވެސް ކަމަކުން ނުވަތަ ކަމެއް ނުކުރެވި އޮއްވާ އޮއްޓަރެއް ފައިދާ ނުވެ ވިންޑޯ ލެއްޕުނީ އެވެ.

މިދިއަ އަހަރުވެސް ރާއްޖޭގެ ހާލަތު ތަފާތެއް ނޫނެވެ. ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭކަށް އެނގުނީ ކުއްލިއަކަށް ވެސް ނޫނެވެ. އެހެންވީމާ އެމްޑީޕީގައި ވެސް ޕްލޭން ބީއެއް އޮންނަންޖެހެ އެވެ. ބޭނުމީ ސަރުކާރު ބަދަލު ކުރަން ނުވަތަ އިންތިހާބަށް ކެންޑިޑޭޓަކު ނެރަން ކަމަށްވަންޏާ ކެންޑިޑޭޓަކު ގްރޫމް ކުރުމުގެ ފުރުސަތު ވެސް ލިބުނެވެ.

އޭގެ އެއް މިސާލު ސްރީލަންކާއިން އެހެރީ ފެންނާށެވެ. މީހަކު ނުވެސް ދަންނަ މީހަކު ގެނެސް ވަކި ގޮތަކަށް އޮފްކޮށް ވަގުތުކޮޅެއް ނަގައިގެން ނެރުނީ އެވެ. އެވަރަށް ވަގުތުކޮޅެއް އެމްޑީޕީއަށް ނުލިބުނީ އެއް ނޫނެވެ. ރައީސް ނަޝީދުގެ ހިތް ހެޔޮ ނުވުމުން އެގޮތަށް ނުހިނގައި ދޮރު ލެއްޕުނީ އެވެ. އޭގެ ފަހުން އިންތިހާބާމެދު ނުވިސްނަވާ ކަމަށް ވެސް ވިދާޅުވި އެވެ. ގައުމީ ކެންޑިޑޭޓެއްގެ ވާހަކަ ވިދާޅުވެ ފެންނަ ހިޔާލުފުޅެއް އޯޕަން ކޮށްލެވި އެވެ. ހަގީގަތުގައި ދެ އަހަރު ކުރިން ފެށިގެން އިންތިހާބަކާމެދު ނުވިސްނަ ވައެވެ.

އެއް ކަމަކަށް އިތުބާރު ނުކުރެވޭ ކަމަށް ވިދާޅުވާނެ އެވެ. މަކަރު ހަދައި އޮޅުވަލާނެ ކަމަށް ވިދާޅުވާނެ އެވެ. އިންތިހާބުން މޮޅެއް ވެވެން އޮތަސް ޖެހިފައި އޮތް މައްސަލައަކީ "އިތުބާރު" ގެ މައްސަލައެކެވެ. އެ ވާހަކަތައް އަންނަނީ ކޯލިޝަނަކީ ހިނގާ އެއްޗެއް ނޫންކަން ތަޖުރިބާއިން އެނގޭތީ އެވެ.

ގާނޫނީ ބުރަދަނަކާ ނުލައި ކޯލިޝަނަކީ ބަރޯސާއަކަށް ހަދައިގެން އެކުލަވައިލާ ވެރިކަމެއްގައި އެގްރިމެންޓެއް ބާތިލުނުވެ އޮތީ އެމްޑީއޭ ޕީޕީއެމްގެ އެވެ. އެވެސް ސަބަބެއް އޮވެގެނެވެ. އެމްޑީއޭ ކުޑަވެފައި ބަލިކަށިވީމަ އެވެ. ޕީޕީއެމްގައި އެލިގަނެގެން އޮތުން ނޫން މޮޅެއް ނެތީ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް ބަލާށެވެ. ބައި އަޅާ ނިމިގެން ވަހީދު ވެސް ބޭނުންފުޅުވީ ވާދަ ކުރައްވާށެވެ. އެހިސާބުން އެ ކޯލިޝަންގެ ތެރެއިން ތިން ކެންޑިޑޭޓުން ނުކުންނެވި އެވެ. ގާސިމާއި ޔާމީނާއި ވަހީދެވެ. އެކަންވީ ގޮތް ފެންނަން އެބައޮތެވެ. ރައީސް ނަޝީދުގެ ސަރުކާރަށް ވެސް ޖެހުނީ އެ ހާލެވެ.

އެހެންވީމާ ކޯލިޝަން ވިއްކާކަށް ނޫޅެ އެވެ. އެކަން ގަބޫލެއް ވެސް ނުކުރެވެ އެވެ. އެއީ ސިސްޓަމްތެރެއިން ހިނގާ އެއްޗަކަށް ނުވުމުގެ އިތުރު ގާނޫނު އަސާސީ ދަންނަ އެއްޗަކަށް ވެސް ނުވާތީ އެވެ. އެކަމާ އުޅެނީ ޖުމްހޫރީ ޕާޓީ އެވެ. އެހެންވެ އެއީ މުސްތަގުބަލް ކަމަށް ބަލައިގެނެއް އެމްޑީޕީއަކުން ވެސް އަދި ރައީސް ޔާމީނެއް ވެސް ނޫޅުއްވަ އެވެ.

މައިދާން ބަދަލުވެފައިވާ ގޮތުން "ކޮމަން އެނެމީ" އަކީ ރައީސް ޔާމީނެވެ. އެހެންވެ އެ މަނިކުފާނު އަންސީޓް ކުރުވަން ބޭނުންވެ އެވެ. އެއީ ކޮމަން ގޯލެއް ކަމަށްވުމުން އެ ވާހަކަ ދައްކަން މޭޒެއްގެ ވަށައިގެން ތިބެވެ އެވެ. އެކަމަކު އެއީ ކޮމަން ގޯލަކަށް ޓެކްނިކަލީ ނުވެއެވެ. އެކަން މައުމޫނަށާއި ނަޝީދަށް އެނގިވަޑައިގަންނަވަ އެވެ. މައުމޫން އުޅުއްވަނީ ޔާމީން ބޭރު ކުރައްވާފައި ގޭތެރެއިން އެހެން ޖާގައެއް ހަދާށެވެ. ގާސިމް ބޭނުންފުޅު ވަނީ އޭނާ އަބަދުވެސް ބޭނުންވާ އެއްޗަކާއެކު ވެރިކަމާއި ވިޔަފާރި އެވެ. ނަޝީދު ބޭނުންފުޅު ވަނީ ސީދާ ވެރިކަމެވެ. މިއީ އެއް ފާޑެއްގެ އެކަމަކު ތިނެއްޗެކެވެ. އެހެންވެ އެ ތިނެއްޗަށް އެއް އަމާޒަކަށް ނުދެވެ އެވެ. އެކަމަކު އެއް ފާޑަކަށް ދަތުރު ކުރެވެ އެވެ.

މުޅި މެޝިން ހުއްޓުން އަރާ ހިސާބަކީ ނަޝީދު ސީދާ ވެރިން ބޭނުންވާކަން ދައްކަވާ ހިސާބެވެ. އެހެންވެ އެކަމާ ގުޅޭ މަޝަވަރާއަށް އުފެއްދު އެމްޔޫއޯގެ ޒުވާބުގައި ވަގުތު ފާއިތުވެ ޗޮއިސް ނެތުނީ އެވެ.

މިހާރު ޅެން ފަރިހި ކިޔައި ޕޯސްޓަރު ހަދައި ފޮޓޯޝޮޕުން އޮށާޅަ ފިލުވައިދީ ރީތިހާ ޓައި އަޅުވައި އޮރެޓަރީ ގެނެސް އަނގައާ ދުލަށް ލަވައިދީގެން ވެސް މީހަކު ގްރޫމް ކުރާނެ ވަގުތު ވަރަށް ނެތެވެ.

މިހާ ހިސާބަށް ކަންކަން ދިއުމުން އިލެކްޝަންގެ ވިސްނުމެއް އަމުދުން ނެތެވެ. ސަަބަބަކީ އިލެކްޝަނެއް ވިން ވެދާނެ ކަމުގެ ޝައްކު ބޮޑީ އެވެ. ތަފާސް ހިސާބުން މި ނިސްބަތް ނެރެވޭނެ އެވެ. ރާއްޖޭގައި ހާހަކަށްވުރެ އާބާދީ ކުޑަ ރަށްރަށުގެ ރިޔާސީ އިންތިހާބުގެ ރިސަލްޓަށް ބަލާއިރު ރައީސް މައުމޫނާއި ޕީޕީއެމްގެ ފިކުރަށް 70 ޕަސެނެޓް ހުރީ ލިބިފަ އެވެ. އެންމެ ހާލަތު ދަށްވި ފަހަރުވެސް ލިބުނެވެ. އެއީ ރައީސް ޔާމީންގެ ރިޔަސީ އިންތިހާބުގެ ފުރުތަމަ ބުރެވެ. އެއީ ޓޯޓަލް ވޯޓެއްގައި އެންމެ ކުޑަވިރި ވަރެވެ. އެ ރަށްރަށުގެ ވޯޓް ސަސްޓެއިން ކުރުމާއެކު އެއަށްވުރެ ބޮޑެތި ޓާގެޓް ރަށްތަކެއް ބަދަލުވަމުން އަންނަ މަންޒަރު އިދިކޮޅަށް ފެނެ އެވެ. އެއީ ސިޓީއަކަށް ނުވާ އެކަމަކު ބައި ބޯވަމުން އަންނަ ރަށްރަށެވެ.

ދެން ބަލަން ޖެހޭނީ އިލެކްޓޯރަލީ އެން ބޮޑު އެނަލިސިސްއެއް އިދިކޮޅަށް ހެދޭނެ ދިމާތަކެވެ. މިސަރުކާރު ފެށުމާއެކު ރައީސް ޔާމީން ސްޕީޑް ނަންގަވަނީ އަވަސް މަސައްކަތްތަކަކަށެވެ. އެ އޯޑަރުތައް ޑެލިވާ ވަނީ 2018 އިގެ ޖުލައިގަ އެވެ. އޭގެ ތެރޭގައި ބްރިޖަކާއި އެއާޕޯޓަކާއި ހިޔާ މަޝްރޫއަކާއި ހޮސްޕިޓަލަކާއި އެނޫން ވެސް ގިނަ ކަންކަން ހިމެނެ އެވެ. އެއީީ ސީދާ އިލެކްޝަން ޕީރިއެޑަށް އަންނަ ކަންތައްތައް ކަން އެނގެ އެވެ.

ގަބޫލު ކުރާށެވެ. ބްރިޖަށް އެރުނީމާ ނުބައި އަސަރެއް ކުރާނެ އެވެ. ދަރުމަވަންތައިގެ ސަބަބުން ބަދަލެއް އަންނާނެ އެވެ. ހިޔާ މަޝްރޫއާއި އެއާޕޯޓުން ލައިފް ލައިނާ ކުޅޭނެ އެވެ. އެހެންވީމާ އަދި "މޭ ޖޫން ޖުލައި އޯގަސްޓް" ގައި ބޮޑު ތަފާތެއް ވާނެ އެވެ. އެކަމަކު މިއީ އެސްޓިމޭޓެޑް ކަލްކިއުލޭޝަނެކެވެ.

އިލެކްޓޯރަލް ކަލްކިއުލޭޝަން ދޫކޮށްލާށެވެ. އެކަމަކު ބިރު ބޮޑު ހިސާބަކީ މިއީ އެވެ. ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފިނަމަ އެވެ. އޭރަށް ވެސް ސިޔާސީ ޑޮމެސްޓިކް އެކްޓަރުން އުޅުއްވާނެ އެވެ. އޭރު އޮންނާނީ ބްރިޖްވެސް ނިމިފަ އެވެ. އެއާޕޯޓްވެސް ހެދިފަ އެވެ. އެއީ ގާތްގަނޑަކަށް 900 މިލިއަން ޑޮލަރުގެ ސްލޮޓެއް އަލުން ފްރީވަނީ އެވ. އަލުން ޗައިނާގައި އަދި 900 މިލިއަން ޑޮލަރުގެ އޯކޭ ކޮއްލައިދޭން އެދުނަސް ވަގުތުން ކޮށްލައިދޭނެ އެވެ. އެހެންވެ މި ބިރު ނަގަނީ ޑޮމެސްޓިކް ޕްލެޔަރުންނަށްވުރެ ބޮޑަށް ބޭރުގެ ބައެކެވެ. ހާއްސަކޮށް އިންޑިއާ އެވެ. "އިންޑިއާ ފަސްޓް" ޕޮލީސީގެ ތެރެއިންނެވެ.

އަސްލު ރާއްޖެއިން މިހާތަނަށް ގެންގުޅެމުން އައީ ވެސް އިންޑިއާ ފަސްޓެވެ. އެކަމަކު އެއީ ޑޮކިއުމެންޓް ނުކުރެވޭ ސިޔާސަތެކެވެ. މި ސަރުކާރު ވެސް ފެށީ އިންޑިއާ ފަސްޓްގައި ބާއްވައިގެނެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރާއްޖެއަށް އިތުރު ތެޔޮ ސަޕްލަޔަރެއް ހޯދަން މަސައްކަތް ކުރެއްވި އެވެ. އެއީ ފުރަތަމަ މަސައްކަތެވެ. ރައީސްގެ އެ ދަތުރުފުޅުގައި ދިޔަ ނޫސްވެރިންގެ ތެރޭގައި މި ރިޕޯޓަރު ބައިވެރިވި އެވެ. އެ ބައްދަލުވުންތަކުގެ ހަވާސާގައި މި ރިޕޯޓަރު އިނެވެ. -- މެންގަލޯ އޮއިލް ރިފައިނަރީއާ ވާހަކަ ދެއްކި އެވެ. އެކަމަކު ދަންމަ ދަންމާފައި ރަނގަޅު ޑީލެއް ނުދެވުނީ އެވެ.

ދެން އޮތީ އެމެރިކާގެ ސޯފާ އެގްރީމެންޓެވެ. އެ އައީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދުގެ ނާޒިމް މެދުވެރިކޮށެވެ. ރައީސް ޔާމީންގެ ފުރަތަމަ ސްރީލަންކާ ދަތުރުފުޅުގައި ބޭއްވި ޕްރެސްގައި އެމެރިކާގެ ނޫސްވެރިޔަކު ސުވާލެއް ކުރެއެވެ. "ކުރީގެ ރައީސާ ހަމައިން ވާހަކަ ދެއްކެވި ގޮތެއް ނުނިމި އޮތް ސޯފާ އެގްރީމެންޓްގެ މައްސަލަ އޮތީ ކިހާ ހިސާބެއްގައިތޯ؟" އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވަނީ "ސޯފާ އިޒް ސޯފާ އަވޭ ފުްރޮންމީ" އެވެ. ނޫސްވެރިންނާއި ޑިޕްލޮމޭޓުން ތިބީ އިނގިލީގައި ދައިގަނެގެނެވެ. ސަބަބަކީ ކުޑަ ގައުމުން އެ އުފެއްދީ ބާރު ގަދަ ބޮޑު ދުޝްމަނެކެވެ. އޭގެ ބަދަލުގައި އެތިފަހަރެއް ލަޑާނެ ކަން އޭރުވެސް އެނގެ އެވެ.

އޭގެ ފަހުން ފަލަސްތީންގެ ގުދުސް މައްސަލާގައި ރާއްޖެ ކޯ ސްޕޮންސާ އަކަށްވުމުން "ސޮރީ ތިހެން ހަދައިފިއްޔާ ކަޑަވާނެއޭ، ހަނދާން ކުރައްޗޭ ކަޑަ ތިކޮށްލަނީ އިޒްރޭލެއް ނޫނޭ ތިމަންނާމެނޭ ... ނަން ނޯޓްކޮށްފީމޭ" އެންގި އެވެ.

ދެން ނަން ނޯޓް ކުރި ގައުމުތަކުގެ ލިސްޓް ބަލައިލާށެވެ. ގާތްގަނޑަކަށް 100 އެއްހާ މިއލަން ޑޮލަރުން ކުޅެލެވޭވަރުގެ ގައުމަކަށް އޮންނާނީ ރާއްޖެ އެކަންޏެވެ. އެވަރުގެ އަދަދަކުން ކަންކަށިމައްޗަށް އަތް ދޮވެލެވޭނެ އެވެ. އެހެން ކަމުން އެކެއް ފެބްރުއަރީގެ އަމުރުގެ މުސީބާތުގެ އަސްލަކީ އެއީ އެވެ. މިއަށް ރިޕޯޓަރަށް ދެވުނު ނަމަކީ "ވަތަނީ އަދި ދީނީ ފައިޓެ" ކޭ އެވެ. -- އެެހެން ވާކަށް ލާޒިމެއް ނޫނެވެ.

ދެހާސް އަށެއްގައި މައުމޫން އިންތިހާބުން ބަލިވުމުގައި ހާރިޖީ ސިޔާސާތު ޒަމާނީ ނުވުމާއި ސްޓްރެޓެޖީކް އާ ބަދަލުތައް ދެނެނުގަނެވުން ހިމެނެ އެވެ. އޭގެ ކުރިން ރާއީސް މައުމޫން އަރިހުގައި ބޭރުގެ "ބާރުގަދަ ގައުމަ" ކުން މިގޮތަށް އެދުނެވެ: "ރައީސެވެ. ރާއްޖޭގައި ތެޔޮ ހުރި ކަމަށް އަޅުގަނޑުމެނަށް އެނގިފައި އޮވެ އެވެ. ތެދެއްތޯ އެވެ؟"

ރައީސް މައުމޫން ވިދާޅުވީ "ވަރަށް ކުރިން އަޅުގަނޑުމެނަށް ސެލް ކުންފުނިން އެފަދަ ދިރާސާއެއް ހަދައިދިނެވެ އެ ދިރާސާއިން ނިޝާންތަކެއް ފެނުނަސް މިވަގުތަށް ފީޒިބަލް ނުވާތީ އެކަން ހުއްޓާލީ އެވެ." ބާރުގަދަ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެ އެވެ:

"ރައީސެވެ. މުސްތަގުބަލުގައި އެކަން އޮތީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުމެން ވަރަށް ޝައުގުވެރި ވެއެވެ." އެއަށް ރައީސް މައުމޫން ޖަވާބެއް ނުދެއްވާ އޮއްވާ ޔާމީން ވެރިކަމަށް ވަޑައިގެން އަނެއްކާ އެ މަސައްކަތް ފައްޓަވައިފި އެވެ.

ރައީސް ނަޝީދަކީ އެ މަނިކުފާނު ހާސިލް ކުރައްވަން ބޭނުންފުޅުވާ ކަމެއްގައި ވިއްޔާ އެކަމާ ދާންޖެހޭ ފަރާތެއް އަޑު އަހަން ބޭނުންވާ ގޮތަށް ވާހަކަފުޅު ދައްކަވާ އެ ގާބިލުކަން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެއް ކޮމްޕިއުޓަރު ތިން މީހުންނަށް ވިއްކާ ގޮތަށް ތިން ގައުމަކަށް "ޝައިނީގެ ތެޔޮވަޅު" ވިއްކެވީ އެވެ. އެމީހަކު އަޑު އަހަން ބޭނުންވާ އެއްޗެއް އެމީހަކަށް ރައީސް ނަޝީދު އިއްވައި ދެއްވާނެ އެވެ. ދައުރު މެދުތެރެއިން އިންތިހާބެއް ބާވަން ވިދާޅުވީ ޑރ. ހަސަން ސައީދު އެ ވާހަކަ އަޑު އައްސަވަން ކެތް މަދުވެފައި އިންނެވީތީ އެވެ.

މިފަހަރު ވިންޑޯ ބަންދުވުމުން ގައުމުތަކަށް ވަޑައިގެން ވިދާޅުވަނީ ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ؟ ބޭނުންވާ ކަމެއް ވިއްޔާ ބޭނުންވާ ގޮތަކަށް ކޮށްދެއްވަން ވައުދު ވެ ވަޑައިގެންނެވި އެވެ. ސޯފާ ވާހަކަ ދައްކާލާ އިރަށް އެކަމަށް ވެސް އެބަސްވެ ވަޑައިގަންނަވަނީ އެވެ. އެހެންވީމާ އެ ފަރާތްތަކުގެ ބެސްޓް އިންޓްރެސްޓަކަށް ވަނީ ކޯޓް އަމުރަކުން ވިޔަސް ކޮންމެ ގޮތަކުން ވިޔަސް އެ މަނިކުފާނު ވެރިކަމަށް ހޮވައި ދިނުމެވެ. ޔާމީނު ބޭލުމަށް ވުރެ ނަޝީދު ގެނައުމުގެ އިންޓްރެސްޓް މާ ބޮޑެވެ. މިއީ މިދަނޑިވަޅާ މިކަން ދިމާވާން ޖެހުން ސަބަބެވެ.

ރާއްޖޭގައި 1000 މިލިއަން ޑޮލަރުގެ އިންވެސްޓްވެ އިތުރު 1000 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އައިސް ސްޓޭބަލްވެ، ރާއްޖެ ދުއްވައިގަންނަ އިރު ކޮއްޕާ ގަޅުވައި ވިކާ ހެދޭ ވަރަށް ވުރެ ސަރުކާރު ހަން ބޯ ވާނެ އެވެ. އެހެންވެ އޭގެ ކުރިޔަށް ކުރެވެން އޮތް ކަމެއް ކުރަން ޖެހޭތީ އަމުރެއް ނެރެވޭނެ މަގެއް ހޯދައިގެން ނެރުނީ އެވެ. އެގޭ ފަހުން އައި އަދި އަންނަން އުޅުނު ކަންކަމަކީ މުޅިން ތަފާތު ކަންކަމެވެ. ބޭރުގެ ގައުމަކުން، ގައުމުތަކަކުން އެ މީހުންގެ ސޮވެރިން އިންޓްރެސްޓް އޮވެގެން ކުރާ ކަމެއްގައި ސާޅީސް ފަންސާ މިލިއަން ޑޮލަރުން ކޯޓެއްގެ ވަލުދޮރާށީގައި ލެޑުމަކީ ހައްޕުނޑެވެ.

ގައުމުތަކެއް އޮރިޔާންވެ، އެމްބެސެޑަރުންތަކެއް ފަލީހަތް ވެގެން ވެސް ގަދަ ހިފުމަކުން ހިފާލީ އެހެން ވެއެވެ. ކަން ދިމާވި ގޮތުން މިހާރު ރައީސް ނަޝީދާ ސުވާލު ކުރެވޭނެ އެވެ. އިތުބާރާ މެދު ސުވާލުތައް އުފައްދާނެ އެވެ. އެހެން ކަން ހިނގައި ދިއުމުން އެންމެ ބޮޑު އެއްޗެއް ގެއްލުނީ ނަޝީދަށާއި އިންޑިއާއަށެވެ. އިންޑިއާއަށް ގެއްލުނީ ދިވެހި ރައްޔިތުންގެ ހިތްހަލާލެވެ. ނަޝީދަށް ގެއްލުނީ އެ މަނިކުފާނަށް އޮތް ބޭރުގެ އިތުބާރުން ބޮޑު ބައެކެވެ. އެއްކޮށެއް ނޫނެވެ.

ރާއްޖެއަށް އަރާ ވާހަކައަކީ ވަޔަށް ޖަހާ ބަޑިއެވެ. ނުވެސް އަރާނެ އެވެ. ނުވެސް އެރޭނެ އެވެ. އެ ވާހަކަ އޮންނާނީ ވައިގެ ތެރޭގަ އެވެ. އަނެއްކޮޅުން ސޮވެރިން އިންޓްރެސްޓްގައި ތިބި ގައުމުތަކަށް ނަޝީދަކީ މިހާރު ކޮލޭޓްރަލް ޑެމޭޖެކެވެ.

އެކަމަކު ކޮންމެ އަގެއް ދައްކައިގެން ވިޔަސް ރައީސް ޔާމީން، ރިޔާސީ އިންތިހާބެއް މި އަހަރު ބާއްވަންޖެހޭނެ އެވެ. އެއީ ބައިނަލްއަގުމީ މިންގަނޑުތަކަށް ފެތޭ ފްރީ އެންޑް ފެއާ އިންތިހާބަކަށް ވެސް ވާންވާނެ އެވެ. އެކަމާ ކައްޕި ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެވެ. ނުވިސްނައިފީ ވިއްުޔާ ވަރުގަދަ ވިލާގަނޑެއް އައިސް ލައިގަންނާނެ ކަމަށް މޫސުން ލަފާ ކުރެވެ އެވެ.