ނޫސްވެރިން

އާ ޝަރުތައް ފެތެން އެޑިޓަރުންނަށް 18 މަސްދީފި

Mar 25, 2018

އަލަށް ކަނޑައެޅި ޝަރުތުތައް ހަމަ ނުވާ އެޑިޓަރުން އެ ޝަރުތުތަކަށް ފެތެން 18 މަސް ދުވަސްދީ އެ އެޑިޓަރުންނަށް ހާއްސަ ޑިގްރީ ކޯހެއް އެކުލަވައިލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފި އެވެ.

ގަވާއިދަށް ގެނައި ބަދަލަކީ ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ޝަރުތެއްގެ ގޮތުގައި ކަނޑަައަޅާފައި ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ނުުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިއުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވުމެވެ. މީގެ ކުރިން އޮންނަނީ ފަސް އަހަރުގެ ތަޖުރިބާ ނުވަތަ ޑިގްރީއެކެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މިހާރު ތިއްބެވި ބައެއް އެޑިޓަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ އާއި ޝަރުތު ހަމަނުވާ ގިނަ އެޑިޓަރުން މިވަގުތު ތިބުމުން އެ ގަވައިދަށް އަމަލުކުރުން 18 މަސް ދުވަހަށް ފަސްކުރުމަށް ނިންމާފައިވާ ކަމަށް މިއަދު ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުންޏެވެ.

އެ އިއުލާނުގައި ބުނީ، ގަވައިދަށް އަމަލުކުރުން ފަސްކުރީ މިހާރު އެޑިޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މިހާރު ތިއްބެވި އެޑިޓަރުންނަށް ހާއްސަކޮށްގެން ޑިގްރީ ފެންވަރުގެ ކޯހެއް އެކުލަވާލުމުގެ މަސައްކަތް ކަމާގުޅުންހުރި ދާއިރާތަކާގުޅިގެން މިނިސްޓްރީން ކުރަމުންދާ ކަމަށާއި އެ ކޯސް އެކުލަވާލެވުނުހާ އަވަހަކަށް އެދިވަޑައިގަންނަވާ އެޑިޓަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެޑިޓަރުންގެ ޝަރުތުތައް ގެނައި އިސްލާހާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި ބޮޑެތި ނޫސްތަކުގެ އެޑިޓަރުން ވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލުކުރައްވާފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ޑިގްރީއާއެކު ފަސް އަހަރުގެ ތަޖުރިބާ ހުރި ފަރާތްތައް މަދެވެ.