ކޮލަމް

ކޮލަމް ފޮޅުވަތް: އަސްލު ތަރައްގީ އަކީ އުސް އިމާރާތްތަކެއް ނޫން

Apr 1, 2018
12

ނެދަލެންޑްސްގެ ވެރިރަށް އޭމްސްޓަޑަމްގެ އެންމެ މުހިންމު ހިސާބު، ލެއިޑެސްޕެއިންގެ މަގުމަތީގައި ދަންވަރު އަހަރެން ހުއްޓިލައިގެން ހުރެ ދެކޮޅު ބަލަމުން ދިޔައީ އެނބުރި ހޮޓަލެއް ދާނެ ޓްރޭމް ނޫނީ ރޭލު އަންނާނެ ވަގުތަކަށެވެ. މިއީ އެމްސްޓަޑަމްއަށް އަހަރެން އައި ފުރަތަމަ ފަހަރު ކަމަށް ވުމުން ޓްރޭމް ދަތުރު ކުރާ މަގުތަކާއި ހުއްޓާ ހިސާބުތަކާއި އެ ސިސްޓަމް އޮންނަ ގޮތް އަހަނަށް ވަރަށް އަލެވެ. "އެއްވެސް އެހީއެއް ބޭނުންތަ؟ ކޮންތަނަކަށް ދާން ބޭނުންވަނީ" މާ ވަރަކަށް ދެކޮޅު ބަލަބަލާފައި ފޯނު ހާވާތީ، މަށަކީ އޭމްސްޓަޑަމްއަށް އާ މީހެއްކަމަށް ޔަގީންކުރެވިގެން އަންހެނަކު ސުވާލުކޮށްލި އެވެ. އޭނާ ހުރީ ދަރިފުޅާ އެކު ޓްރޭމްގެ އިންތިޒާރުގަ އެވެ. މިއީ އަހަރެން ޔޫރަޕަށް މި ކުރި 20 ދުވަހުގެ ޗުއްޓީ ދަތުރުގެ މަގޭގެ ހިތް އެމްސްޑަޓަމްއަށް ދަމައިގަތް އެންމެ ބޮޑު އެއް ސަބަބެވެ.

މި އޮތް ބޮޑު ޔޫރަޕްގެ ބައްރުގައި ގައުމުތަކުގެ ތެރެއިން އޭމްސްޓަޑަމް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތުންގެ ފަރާތުން މިކަހަލަ ހިތްހެޔޮ ކަމާއި އަޅާލުމެއް ނުދެކެމެވެ. ހަގީގަތުގައި ގިނަ ގައުމުތަކުގެ މީހުން އުޅޭނީ މީހަކަށް އެހީއެއް ނުވެ އުޅެވޭ ވޭތޯ އެވެ. އެހެން އިންސާނުންނަށް އަޅާލުމަށް ވުރެ ކޮންމެ މީހެއް ވެސް އުޅެނީ އެ މީހެއްގެ ކަންކަމުގައި އަވަދިނެތި އެވެ. އެހެން ނަމަވެސް، ކޯރެއްގެ އައްސޭރި ފަށުގައި މަސްވެރިން ތަރައްގީކޮށް ކުރިއެރުވި، އޭމްސްޓަޑަމްގެ މީހުންނަށް އެންމެ ހާއްސަ ސިފައަކީ އިންސާނިއްޔަތަށް އެމީހުން ކުރާ ލޯތްބެވެ. އެ މީހަކު ނިސްބަތްވާ ގައުމެއް، ހަމުގެ ކުލައެއް، ދީނެއް އަދި ގަބޫލު ކުރާ އުސޫލަކީ އެ މީހުން ފަރުވާލެއް ބަހައްޓާކަމެއް ނޫނެވެ. އެ މީހުންނަށް މުހިންމީ އިންސާނިއްޔަތަށް ހިދުމަތް ކުރުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ތަރުތީބު ކުރާ ގޮތުން ވެސް އެ މީހުން އަންނަނީ އެކަން ދައްކުވައިދެމުން އެެވެ.

އޭމްސްޓަޑަމްގެ ރައްޔިތުންގެ ވިސްނުމުގައި ބައިސްކަލްގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ. އާންމު ދަތުރުފަތުރުގެ ނިޒާމް ބޭނުން ކުރުމަށް ވުރެވެސް ބޮޑަށް ބައިސްކަލުގައި އެމްސްޓަޑަމްގެ އެއްތަނުން އަނެއް ދިޔުމަކީ އެ މީހުންނަށް ވަރަށް ސަޅި ކަމެކެވެ. އެކަމަކު އަހަރުމެންގެ މި ވެރިރަށް މާލެއަށް ބަލާއިރު ބައިސްކަލުގައި އުޅޭނީ ހާދަ ކަޓް މީހުން ކަމަށް އަހަރުމެން ވިސްނާނެ އެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބައިސްކަލްގައި އުޅޭ އެއް ސިޓީގެ ޝަރަފް ވެސް އޮތީ އޭމްސްޓަޑަމްއަށެވެ. ބައިސްކަލްގައި އުޅޭ މީހުންނަށް ފަސޭހަވާނެހެން ހާއްސަ ލޭންތައް ހަދައި ޓްރެފިކް ލައިޓްތައް ބަހައްޓައި ޕާކިން ޒޯންތައް ވެސް ވަނީ ބައިސްކަލްތަކުގެ ޓްރެފިކަށް ހާއްސަކޮށްގެން އެވެ. މި ސިޓީގެ މަގުމަތީގައި ހިނގާ މީހަކު ވިސްނަން ޖެހޭނީ ބައިސްކަލަކުން ޖެހި ހިނގާފާނެ އެކްސިޑެންޓަކަށެވެ. މި މީހުން ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު ތަހުޒީބެކެވެ. ވެހިކަލްތަކުން ދޫކުރާ ދުމުގެ ސަބަބުން، ވެށި ތަގައްޔަރުވުމުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ގައުމުގެ ރައްޔިތުން ދެކޭ ގޮތުގައި އިންސާނީ ހިދުމަތެކެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެ ސިޓީގެ ކައުންސިލުން ވަނީ ބައިސްކަލް ހިޔާރު ކުރާ މީހުންނަށް ހާއްސަ އިނާޔަތްތައް ވެސް ކަނޑައަޅައިފަ އެވެ. އޭމްސްޓަޑަމްގެ ދައްކުވައިދޭ ފޮޓޯތަކުގައި ބައިސްކަލް ފެންނަން ހުންނަނީ މިއީ އެ މީހުން ގަބޫލުކުރާ ތަރައްގީ އާއި ތަހުޒީބަށް ވާތީ އެވެ.

އެކަމަކު އަހަރުމެންނަށް ތަރައްގީ ފެންނަނީ އަދި ސިޔާސީ މީހުން ތަރައްގީ ދައްކުވައިދެނީ ވެސް އުސް އިމާރާތްތަކާއި ކޮންކްރީޓް އިން އުފުލައިލެވޭ އިމާރާތްތަކުގެ ގޮތުގަ އެވެ. ބާޒާރަށް އެންމެ ފަހުން ނެރޭ ސައިކަލް ގަނެ މާލެ ވަށައި ބުރު ނުޖެހެންޔާ އެއީ ތަރައްގީއަކަށް ނުވެ އެވެ. ފްލެޓް އިމާރާތްތަކުގައި ތޮއްޖެހިގެން ދިރިއުޅުމަކީ އެއީ ތަރައްގީގެ ގޮތުގައި އޮންނަނީ ލޭބަލްކޮށްފަ އެވެ. އެކަމަކު 1.3 މިލިއަން މީހުންގެ ދިރިއުޅޭ އޭމްސްޓަޑަމްގެ ރައްޔިތުންނަށް ތަރައްގީ ފެންނަނީ ދިވެހިންނަށް މި ބުނެދޭ ތަރައްގީއާ ދިމާ އިދިކޮޅަށެވެ.

އޭމްސްޓަޑަމްގެ އުފެދުން ކަމުގައި ބަލައި، އޭމްސްޓަވީލްގެ ކޯރުގެ ވަށައިގެން ހުރި ސާދާ އިމާރާތްތަކުން އެކަން ވަރަށް ރަނގަޅަށް ދައްކައުވައިދެ އެވެ. އޭމްސްޓަޑަމްގެ މީހުންނަކީ މާ އުސްކޮށް އިމާރާތްތައް ކުރާ ބައެއް ނޫނެވެ. އޭމްސްޓަޑަމްގައި މީހުން ދިރިއުޅޭ އިމާރާތްތައް އާންމުކޮށް އިމާރާތްކޮށްފައި ހުންނަނީ ދެތިން ފްލޯއަށް ވާ ގޮތަށެވެ. އިމާރާތްތަކުގެ ފަރުމާ އާއި އެތެރޭގެ އިންޓީރިއާ ވެސް އެމީހުން ކޮށްފައި ހުންނަނީ ސާދާ ކޮށެވެ. އަދި ބައެއް ރަށްފުށު ހިސާބުތަކުގައި ބުރިބުރިއަށް އިމާރާތްތައް ހިއްލައިލުމަކީ މި ގައުމުގެ ރައްޔިތުން މާ ގަޔާވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ދިވެހިން ބަލަނީ ވީހާ ވެސް އުސް އިމާރާތްތަކެއް ހެދުމަށެވެ. އުސް އިމާރާތްތައް ނަހަދާ ނަމަ، އެއީ ތަރައްގީކަމަށް ދިވެހިން ބަލައެއް ނުގަނެ އެވެ.

ރާއްޖޭގައި އަދި ވެރިރަށް މާލޭގައި މި އޮތް ބިމުގެ ދަތިކަމާ ހުރެ ސީދާ އަކުރުން އަކުރަށް އޭމްސްޓަޑަމް ނަކަލެއް ނުކުރެވިދާނެ އެވެ. އަދި ކުރާކަށް ނުވެސް ޖެހެ އެވެ. އެހެން ނަމަވެސް އެ ސިޓީގެ ތަރައްގީ އާއި ތަހުޒީބުން އިބުރަތް ލިބިގަނެ ނަކަލު ކުރެވިދާނެ ކަންތައްތައް އެބަ ހުއްޓެވެ. މިސާލަކަށް، ތިމާވެއްޓަށް ގެއްލުން ލިބޭ ދެ ފުރޮޅުލީ ވެހިކަލްތައް ވީހާ ވެސް މަދުކުރުމާއި މާލޭގެ ތޮއްޖެއްސުން މަދުކުރުމަށް އަތޮޅުތަކުގައި ސިޓީތަކެއް ތަރައްގީ ކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. ހުޅުމާލެ ތަރައްގީ ކުރުމުގައި ވެސް މި ސިޓީއިން ނަމޫނާތައް ނެގިދާނެ އެވެ. މިސާލަކަށް، ހުޅުމާލެއިން ސައިލްތައް މަދުކުރުމާއި އެ އަވަށުގައި ޕަބްލިކް ޓްރާސްޕޯޓްގެ ނެޓްވޯޓް މިހާރަށް ވުރެ ވަރުގަދަ ކުރެވިދާނެ އެވެ. މިހިރީ އޭމްސްޓަޑަމްގެ ތަރައްގީ އިން އަހަރުމެންނަށް ނަކަލު ކުރެވިދާނެ ހައްތަހާ ވެސް ކަންކަމެވެ. ޓޯކިޔޯގެ ތަރައްގީއަށް ވުރެ މި ތަރައްގީ ނަކަލްކުރުން ކިހިނެތް ވާނެ ހެއްޔެވެ؟

އަހަންނާ ދިމާވި އޭމްސްޓަޑަމްގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އުފާވެރި ކަމާ ހިތްހަމަ ޖެހުމަކީ އުސް އިމާރާތްތަކެއް ނޫނެވެ. އެހެން ނަމަވެސް، ތަހުޒީބަކީ އިންސާނާގެ ވިސްނުމަށް އަންނަ ހެޔޮ ބަދަލެވެ. ވިސްނުމަށް އަންނަ ހެޔޮ ބަދަލުގެ ސަބަބުން އުފާވެރި އަމާން އެންމެން އެކުގައި އުޅޭ ސުލްހަވެރި ވެއްޓެއް ބިނާ ކުުރުމަކީ ތަރައްގީގެ ގޮތުގައި މި ސިޓީގެ ރައްޔިތުން ދެކެ އެވެ. އޭމްސްޓަޑަމްގެ އިގްތިސާދުގެ ވަރުގަދަ ކަމަކީ އެ މީހުން ކަންކަމާ މެދު ވިސްނާ ގޮތާއި ސުލްހަވެރި މުޖުތަމައެއް ބިނާ ކުރަން އޮންނަ ލޯތްބެއްޖެ މައްޗަށް ބިނާވެފައި އޮތް އެއްޗެކެވެ. އިންސާނިއްޔަތަށް އެ މީހުން ކުރާ އިހުތިރާމެވެ. އުފާވެރި ރައްޔިތެއް ދިރިއުޅޭ ސިޓީއަކަށް އޭމްސްޓަޑަމް ވެފައި ވަނީ ގަދަބާރުން ކަންތައްތަކެއް އެ މީހުންގެ މައްޗަށް މަޖުބޫރުކޮށްގެނެއް ނޫނެވެ.

އޭމްސްޓަޑަމްގެ ރައްވެހިން ސަރުކާރަށް ކޮންމެ އަހަރަކު ވެސް ރަނގަޅު އަދަދަކުން ޓެކްސްދައްކަ އެވެ. ރާއްޖެއާ ހިލާފަށް އެ ޓެކްސް ފައިސާއިން އޭމްސްޓަޑަމްގެ ރައްޔިތުންނަށް ބޮޑެތި ފައިދާތައް ކުރެ އެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ކުރާ ހަރަދު ހޮލެންޑްގެ މައި ސަރުކާރުން ގަވާއިދުން އާންމު ކުރަމުން އަންނަ އިރު ޓެކްސް ފައިސާގެ ބޮޑު މިންވަރެއް ހަރަދު ކުރަނީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް ހަރުދަނާ ކުރުމަށެވެ. އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް މަގުމަތީގައި ގާއިމްކޮށްފައިވާ ޓްރޭމް ސިސްޓަމްއަކީ ބޭނުންތަނަކަށް ވަރަށް އަގުހެޔޮކޮށް ދަތުރުކޮށްލެވޭ ބުރައުފުލުން ކުޑަ ނިޒާމެކެވެ. ހަމަ ސީދާ ވަގުތަށް ޑިލޭއެއް ނެތި ޓްރޭމްތައް ދަތުރުކުރެ އެވެ. އެ ނިޒާމުގައި ބޭނުން ކުރާ ޓިކެޓިން ނިޒާމަކީ ޑިޖިޓަލް ނިޒާމެކެވެ. އެހެން ވީމާ، ޓިކެޓް ނެގުމުގެ ބުރައިން ރައްޔިތުން ވަނީ ސަލާމަތްވެފަ އެވެ. އޭމްސްޓަޑަމްގެ މަގުތަކަކީ ޔޫރަޕްގެ އެންމެ ފަސޭހަ އަދި ރައްކާތެރި މަގުތަކެވެ. އެކަން އެހެންވެފައިވަނީ، ޓެކްސް ފައިސާއިން މަގުތަކުގެ ތަރައްގީއަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވުމުން އެވެ. އެއްޗިހި ދުއްވާ މީހުން މަގު ހިނގާ މީހުންނާއި ގަވާއިދުތަކަށް ކުރާ އިހުތިރާމަކީ އޭގެ ސަބަބެކެވެ. ކުނި އުކާލުމުގެ ނިޒާމާއި މަގުތައް ސާފުކުރުމަށް އޭމްސްޓަޑަމްގެ ސިޓީކައުންސިލުން ކުރާ ހޭދައަކީ ވެސް ހަމަ ނަމޫނާ ހޭދަ އެކެވެ. ސިޓީ ކައުންސިލްތަކަށް އެބާރު ދީގެން ސިޓީ ތެރެ ސާފުކުރުމާއި ކުނި އުކާލުމަށް އޮންނަ ނިޒާމަކީ ރައްޔިތުން ފަސޭހަވާނެ ގޮތަށް ރާވާފައިވާ ނިޒާމެކެވެ. އެކަމުގައި ރާއްޖޭގައި ޓެކްސް ފައިސާއިން ކުރާ ތަރައްގީ އަކީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކުރާ ހޭދަތޯ ސުވާލު ކުރާނެ ފުރުސަތު އަބަދުވެސް އޮވެ އެވެ. އެ ފައިސާ ހަރަދުކުރާ ގޮތް އެނގޭ ރައްޔިތަކު ވެސް ދިވެހިންގެ ތެރޭގައި ނެތެވެ. އެއްވެސް ދެ ފުށްފެންނަ ނިޒާމެއް ނެތި، ސިއްރު ކޮޓަރިން ކަންކަން ނިންމައިގެން ގައުމެއް ތަރައްގީ ކުރަން އުޅުމުގެ ނުބައި އަސަރުތަކުގެ ފުރިހަމަ މިސާލެއް މި ފެންނަނީ ރާއްޖެއިން ނޫން ހެއްޔެވެ؟

އޭމްސްޓަޑަމްގެ ތަހުޒީބުގެ ވާހަކައިން އިބުރަތް ހާސިލް ކުރަން އިރުޝާދުދިނީމާ ގިނަ ދިވެހިން ބުނާނީ އެ ގައުމުގައި ދިވެހިންގެ ސަގާފަތާއި އިސްލާމް ދީނާ މުޅިން ހިލާފު ކަންކަން ވެސް ހުއްދަ ވާހަކަ އެވެ. ރަނގަޅެވެ! އެއްޖިންސުން ކައިވެނި ކުރުމާއި މަސްތުވާތަކެތީގެ ލުއި ބާވަތްތަކާއި އެކި ދީންތަކަށް އެގައުމުގައި ފުރުސަތު ދީފައިވެ އެވެ. އެކަމަކު މީގެ މާނައަކީ އެ މުޖުތަމައުގައި ހުރި މިކަހަލަ ކަންކަން ކޮޕީ ކުރަން ހިތްވަރު ދިނުމެއް ނޫނެވެ. އެ ކަންކަން ދިވެހިން، އަދި މުސްލިމުންގެ ގޮތުގައި ތިބެ ނަމޫނާއަކަށް ބަލާކަށް ނުވެސްޖެހެ އެވެ. މި ހިތްވަރު ދެނީ ތަހުޒީބު ވިސްނުމުގެ ބަޔަކަށް ދިވެހިން ވުމަށެވެ. އުސް އިމާރާތްތަކަށް ވުރެ ބޮޑަށް އަސްލު ތަރައްގީ އަންނަނީ ވިސްނުމާ ފިކުރަށް އަދި ކަންކަމާ މެދު ވިސްނާ ގޮތްތަކަށް އަންނަ ހެޔޮ ބަދަލުގެ ސަބަބުން ކަން އޭމްސްޓަޑަމް ސުލްހަމަސަލަސްކަން ސާބިތުކޮށްދެ އެވެ. އުފާވެރި ސުލްހަވެރި އެކި ހިޔާލުތަކަށް އިހުތިރާމް ކުރާ މުޖުތަމައެއް ނެތި ގަދަބާރުން ތަރައްގީ ނުގެނެވޭނެ ކަން އޭމްސްޓަޑަމްގެ ކޮންމެ ދިމާލަކަށް ބަލައިލުމުން ވެސް ސާފުވެ އެވެ. މިގޮތަށް އުފާވެރިކަމާ އެކު ދިރިއުޅުމުގެ ހައްގަކީ ހަމަ ދިވެހިންގެ ވެސް މިލްކެކެވެ. އެކަމަކު އެކަން ކުރެވޭނީ އަސްލު ތަރައްގީ އަކީ އުސްއިމާރާތްތަކާއި ކޮންކްރީޓް ނޫން ކަމަށް ގަބޫލުކޮށްގެން އެވެ. ސިޔާސީ މީހުންގެ ސިޔާސަތުތައް އަސްލުތަރައްގީއަށް މިސްރާބުކޮށްގެން އެވެ. އޭމްސްޓަޑަމްއަށް އަސްލު ތަރައްގީ އައީ އެންމެ ދުވަހަކުން ނޫނެވެ. އެ މީހުންގެ މާޒީއަށް ބަލާއިރު ތަފާތު ދާހިލީ ކަންކަން ވެސް ހިނގާފައި އެބަ ހުއްޓެވެ. އެކަމަކު އެ ހުރިހާ ވަގުތެއްގައި ވެސް އަސްލު ތަރައްގީގެ މަތިން އެ މީހުން ހަނދާން ނައްތައެއް ނުލަ އެވެ. ނަތީޖާއަކީ، އުފާވެރި ސުލްހަވެރި ދިރިއުޅުމެއްގައި އުޅުމުގެ ފުރުސަތު އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވުމެވެ. އެކަން އައީ އެ މީހުންގެ ވިސްނުމާއި ކަންކަމާ މެދު ދެކޭ ގޮތަށް އައިސްފައިވާ ތަހުޒީބުގެ ސަބަބުން އެވެ. އޭމްސްޓަޑަމް އިން ޓޫރިސްޓުންނަށް ވިއްކަނީ މި ވާހަކަ އެވެ.