ދުނިޔެ

ރަޝިޔާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 41 މަރު

ރަޝިޔާގެ ސައިބީރިއާގައިވާ ކްރެމޯވޯ ނަމަކަށް ކިޔާ ރަށުގައި ހުރި ޝޮޕިން އެންޑް އެންޓަޓެއިންމެންޓް ކޮމްޕްލެކްސްއެއްގައި އަލިފާންރޯވެ 41 ކުޑަ ކުދިންނާއި ހަތް މީހުން މަރުވެއްޖެއެވެ.

ރަޝިޔާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އިއްޔެގައި އަލިފާނުގެ ހާދިސާ ހިނގި އިރު އެތަނުގައި ތިބި މީހުންގެ ތެރެއިން 16 މީހަކަށް ވީގޮތެއް އަދި ނޭނގޭ ކަމަށެވެ.

"ވިންޓާ ޗެރީ ކޮމްޕްލެކްސް" ނަމަކަށް ކިޔާ އިމާރާތުގައި ރޯވި ވަގުތު އެތަނުގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ އެއިމާރާތުގައިވާ ސިނަމާގެ ތެރޭގައެވެ. ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުން ސަލާމަތްވުމަަށް ބައެއް މީހުން މަތީ ފަންގިފިލާތަކުގެ ކުޑަދޮރުތަކުން ބޭރަށް ފުންމައިވެސް ލިއެވެ.

ހާދިސާ ހިނިގި ތަނަކަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ 660 މީހުން ދިޔަ ނަމަވެސް ރޯވި އަލިފާން މުޅިން ކޮންޓްރޯލް ކުރެވުނީ 17 ގަޑި އިރުން ކަމަށް ނޫސްތަކުން ބުންޏެވެ.

ވިންޓާ ޗެރީ ކޮމްޕްލެކްސްގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެއެވެ. ރަޝިޔާގެ ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ އެހާދިސާ ތަހުގީގުކުރަމުންނެވެ. އެގޮތުން ކުރާ ތަހުގީގަށް މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި އެތަނުގެ މެނޭޖަރާއި ވިންޓާޗެރީ ކޮމްޕްލެސްގެ ވެރިޔާވެސް ހިމެނެއެވެ.