ދުނިޔެ

އިދިކޮޅު އެންމެންގެ ނަން ނަގުވާފައި ސީސީ އިންތިހާބަށް

އަސްކަރީ ބަޣާވާތަކުން މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި އަބުދުލް ފައްތާހު އަލް ސީސީއާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރަތަމަ ހަތް ބޭފުޅަކު ނުކުންނެވިއެވެ. އޭގެ ތެރެއިން ހަ ބޭފުޅަކު ނަންފުޅު އަނބުރާ ގެންދެވީ ސަރުކާރުގެ ބިރު ދެއްކުންތަކުގެ ސަބަބުން ކަމަށް މިސްރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި އިންސާނީ ހައްގުތަކަށް މަަސައްކަތްކުރައްވާ ވަކީލު ޚާލިދު އަލީއާއި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝާފިގު ހިމެނިވަޑައިގަންނަވައެވެ.

ބިރު ދެއްކުން ތަކަށް އިސްތަށިފުޅު ލަންބަވައި ނުލެއްވި ހަމަ އެކަނި ބޭފުޅަކީ މިސްރު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ސާމީ އަދުނާނެވެ. އޭނާ މިހާރު ހުންނެވީ ޖަލުގަ އެވެ. އޭނާ ހައްޔަރުުކޮށް، ކެންޑިޑޭސީ ބާތިލުކުރީ މިސްރުގެ ސިފައިންގެ ހުއްދަ ނުހޯއްދަވައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުޅުއްވިކަމުގެ ތުހުމަތަށެވެ.

ހުރިހާ ކަމެއް ނިމި މިސްރުގެ ރިޔާސީ އިންތިހާބު މިއަދު ފަށާއިރު ރައީސް ސީސީއާ ވާދަކުރައްވަން ހުންނެވި ހަމަ އެކަނި ކެންޑިޑޭޓަކީ އޭނާގެ ޒަމާންވީ ސަޕޯޓަރެއް ކަަމަށްވާ މޫސާ މުސްތަފާ މޫސާ އެވެ. ހެއްވާ ކަމަކީ ސީސީ ދެވަނަ ދައުރަކަށް ރައީސް ކަމަށް ވަޑައިގަންނަވަން ތާއީދު ކުރައްވާ ކަން ވެސް މުސްތަފާ އިއުލާނުކުރައްވާފައި ވުމެވެ.

ރިޔާސީ އިންތިހާބަށް ސީސީއާއި މުސްތަފާ ވެސް ކުރެއްވީ އެއް ކެމްޕޭނެކެވެ. ދެބޭފުޅުންގެ ވެސް އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނެރުއްވުމެވެ. އެހެނީ އިދިކޮޅު މިހާރު ކުރާހާ ވެސް މަސައްކަތަކީ ވޯޓުލާން ނުނިކުތުމަށް މީހުންނަށް ބާރު އެޅުމެވެ. އާރުލާ ކެންޑިޑޭޓަކު ސީސީއާ ވާދަކުރައްވަން ފުރުސަތު ނުލިބުނު ހިސާބުން އިދިކޮޅުން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފައެވެ.

ސީސީ އަށް ގޮންޖެހުމެއް ނެތް

މިސްރުގެ ރިޔާސީ އިންތިހާބު ކޮންމެ ގޮތަކަށް ބޭއްވިޔަަސް ސީސީއަށް ގޮންޖެހުމެއް ނެތެވެ. އެހެނީ ސަރަހައްދުގެ އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުން ވެސް އޭނާއަށް ތާއީދު ކުރެއެވެ. ސީސީގެ ވެރިކަމުގައި ސައުދީން ވަނީ މިސްރަށް މީގެ ކުރިން ދުވަހަކުވެސް ނުދޭހާ ގިނަ އެހީ ދީފައެވެ. ސައުދީން ފަންޑުކުރާ ބޮޑެތި މަޝްރޫއުތަކެއް ދާދި ފަހުން ވެސް ވަނީ އިއުލާނުކޮށްފައެވެ.

އަށްޑިހަ ހަތަރު މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މިސްރުގައި މިހައިތަނަށް ބޭއްވި ހަމަ އެކަނި ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބުކުރެއްވި ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން 2011 ވަނަ އަހަރު ނިމުމަކަށް ގެންނެވީ ސީސީ އިސްވެ ހުންނަވައި ކުރި ބަޣާވާތެއްގައެވެ. ދުނިޔެއިން އެފަހަރު ތާއީދު ކުރީ ސީސީއަށެވެ.

މުރުސީ ހައްޔަރުކޮށް ބޮޑެތި ހުކުމްތަކެއް ކުރުމަށް ފަހު އޭނާގެ " މުސްލިމް ބްރަދަހުޑް ޕާޓީ" ވެސް ވަނީ އުވާލާފައެވެ. އެއަށް ފަހު 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިިހާބު ސީސީ ކާމިޔާބު ކުރެއްވީ 94 ޕަސެންޓު ވޯޓުންނެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓުލީ މިސްރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު އަދަދެއްގެ މީހުންނެވެ.

އެގޮތަށް މިފަހަރުގެ އިންތިހާބުވެސް ފަސޭހަފުޅުކަމާ އެކު ސީސީ ކާމިޔާބު ކުރައްވާނެކަމަށް ބެލެވެއެވެ. އެކަމަކު ވޯޓުލާން ނުކުންނާނީ ކިހާމީހުންނެއް ކަމެއް ލަފާކޮށްލަން ވެސް ނޭނގެއެވެ.