ދުނިޔެ

ކެޓަލޯނިއާގެ ލީޑަރު ހައްޔަރުކުރުމުން ބޮޑު ހަމަނުޖެހުމެއް

ސްޕެއިންގެ ކެޓަލޯނިއާ ސަރަހައްދުގެ މިނިވަން ދައުލަތް އިއުލާންކުރެއްވި މައްސަލަގައި އެ ސަރަހައްދުގެ ކުރީގެ ރައީސް ކާލްސް ފުޖްމޮން ހައްޔަރުމުން ސްޕެއިން ފުލުހުންނާ އޭނާގެ ސަޕޯޓަރުންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގައި 89 މީހުން ޒަހަމްވެއްޖެއެވެ.

ފުޖްމޮން ހައްޔަރު ކުރީ ޑެންމާކުން ބެލްޖިއަމަށް ދަތުރުކުރަނިކޮށް ޖަރުމަނު ތެރެއިންނެވެ. ޖަރުމަނު ފުލުހުން އޭނާ ހައްޔަރު ކުރީ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އަމުރަކާ ގުޅިގެންނެވެ. ޖަރުމަނުގެ ކޯޓަަކަށް މިއަދު ހާޒިރުކުރާނެއެވެ. ފުޖްމޮންއަށް ސްޕެއިނުން ކުރާ ތުހުމަތަކީ ގައުމަށް ޣައްދާރުވުމާއި ބަޣާވާތް ކުރުމުގެ ކުށުގެ ތުހުމަަތެވެ. އެއީ ސްޕެއިންގެ ދަށުން މިނިވަންވެ، ވަކި ދައުލަތަކަށްވާން ފެނޭތޯ ކެޓަލޯނިއާގައި ވޯޓެއް ނަގައި އެވޯޓުގެ ނަތީޖާއާ އެއްގޮތަށް މިނިވަންކަން އިއުލާނު ކުރީމައެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާނު ކުރުމާ ގުޅިގެން ސްޕެއިން އިން އެސަރަހައްދުގެ ސަަރުކާރު އުވަައިލި ފަހުން ފުޖްމޮން ދިރިއުޅެމުން އަައީ ބެލްޖިއަމްގައެވެ.

ޖަރުމަނު ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނީ ފުޖިމޮން ހައްޔަރު ކުރީ އެގައުމުގެ އުތުރުގައިވާ ޝެލްސްވިގް ހޯލްސްޓެއިން ސްޓޭޓުގެ ހައިވޭއެއް ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް އޭނާ ފެނިގެން ކަމަށެވެ.

ފުޖިމޮން ހައްޔަަރުކުރުމުން އެންމެ ބޮޑު މުޒާހަރާއެއް ބޭއްވީ ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގައެވެ. އެރަށުގައި މުޒާހަރާ ކުރި މީހުން ގޮވަމުން ދިޔައީ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށެވެ. އެރަށުގައިވާ ޖަރުމަނުގެ ކޮންސިއުލޭޓާއި ޔޫރަޕިއަން ކޮމިޝަނުގެ އޮފީސް ކައިރިއަށް ގޮސް ޔޫރަޕިއަން ޔޫނިއަނާއި ޖަރުމަނު ސަރުކާރާ ދެކޮޅަށް ވެސް އެމީހުން އަޑު އުފުލިއެވެ. ސްޕެއިންގެ "އެފީ" ނަމަކަށް ކިޔާ ނޫހުން އަންދާޒާކުރާ ގޮތުގައި ފުޖިމޮން ހައްޔަރު ކުރުމުން ބާސެލޯނާގެ މެދުތެރޭގައި ކުރި މުޒާހަރާއަށް ނުކުތް މީހުންގެ އަދަދު 55000އަށް އަރާނެއެވެ.

ބާސެލޯނާގެ އިތުރުން ގިނޯރާ ނަަމަކަށް ކިޔާ ރަށާއި ޓަރަގޯނާ ނަމަކަށް ކިޔާ ރަށުގައި ވެސް ކުދިކުދި މުޒާހަރާތައް އޮތެވެ. ގިނޯރާއަކީ ފުޖްމޮން ކުރިން މޭޔަރުކަން ކުރެއްވި ރަށެވެ.