އިދިކޮޅު ފަރާތްތައް

އެއް ކެނޑިޑޭޓުގެ މަޝްވަރާތައް އަލުން ފަށަނީ

އަންނަ ރިޔާސީ އިންތިހާބަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އަލުން ފަށަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެއް ކެންޑިޑޭޓެއް ނެރޭން މަސައްކަތް ކުރާނެ ކަމަށް ބުނެ މަޝްވަރާތައް ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ހުއްޓާލައިފަ އެވެ.

ނަމަވެސް "އަވަސް"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހަސަން ވިދާޅުވީ 1 ފެބްރުއަރީގެ އަމުރުގެ ކުރިން އެއް ކެންޑިޑޭޓުގެ މައްސަލާގައި މަޝްވަރާތައް ކުރަން ފެށައިގެން ބާރަށް ކުރިޔަށް ދިޔަ ކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެ ހާލަތުގައި އެފަދަ މަޝްވަރާތައް ކުރިޔަށް ދިޔުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަކަށް ނުފެނުން ކަމަށެވެ. ނަމަވެސް މިހާރު މަޝްވަރާތައް ފެށުމުގެ ޖާގަ އެބައޮތް ކަމަށާއި އެހެންކަމުން އަލުން އެއް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ފަށާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"މިހާރު ކުއްލި ނުރައްކަލުގެ ހާލަތު ރަސްމީ ސިފައިގަ ހިނގައްޖެ، އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަމަލު ކުރަމުން އެ ގެންދަވަނީ އެ ހާލަތުގައި ވެސް އޮތް ގޮތަށް، މިސާލަކަށް އެމްޑީޕީ ހަރުގޭގައި ބާއްވާ ހަރަކާތްތައް 10:00 ހާއިރު ފުލުހުން އައިސް ގާނޫނާ ހިލާފަށް ރޫޅާލައި، އެހެން ނަމަވެސް މިހާރު އަލުން އެ މަޝްވަރާތަކަށް އެނބުރި އާދެވޭނެ ޖާގަ އެބައޮތް، އެކަން އިރާދަކުރެއްވީއާ ވަރަށް އަވަހަށް ފަށާނަން،" ހަސަން ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރިޔަށް ދިޔަ އިރު އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއެވެ. ނަމަވެސް މި ފަހަރު ބާއްވާ މަޝްވަރާތައް ލީޑު ކުރައްވާނީ ކޮން ބޭފުޅުންތަކެއް ކަމަށް ހަސަން ވިދާޅެނުވެ އެވެ.

އެމްޑީޕީ އިން ކުރިން ބުނެފައި ވަނީ އެއް ކެންޑިޑޭޓުގެ މަޝްވަރާތަކަށް ފަހު ޖުލައި މަހުގައިގެ ތެރޭގައި ކެންޑިޑޭޓު އިއުލާންކޮށް ކެމްޕެއިން ފަށާނެ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ނެރޭ ކޮންމެ ކެންޑިޑޭޓަކު ވެސް ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ބިރު އެބައޮތް ކަމަށާއި ނަމަވެސް ޕާޓީތަކުން ފަހަތަށް ނުޖެހި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އިލެކްޝަން ކޮމިޝަން އިން އެންމެ ފަހުން ބުނި ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ އެވެ. އަދި ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އިންތިހާބު ބާއްވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.