ގައުމީ ފުޓްބޯޅް ޓީމް

މޮޅު ހާއްސަ ކުރަނީ ދަގަނޑޭ އާއި އަޑޭއަށް

އޭއެފްސީ ކަޕް ކޮލިފައިންގައި ބޫޓާން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލިބުނު މޮޅު އޭނާ ހާއްސަ ކުރަނީ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަސްހަދު އަލީ (އަޑޭ) އަށް ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

މެޗަށް ނިކުތް އިރު އަޝްފާގް އާއި އަޑޭ އެއް ޓީމުގައި ނެތެވެ. އަޝްފާގް ޓީމުން ވަކި ކުރީ، ބޫޓާން މެޗުގެ ޕްރީ މެޗު ޕްރެސްއަށް ނުދިއުމުންނެވެ. މެޗު ކުޅެން ހަތް ގަޑިއިރަށް ވެފައި ވަނިކޮށް، އަޑޭ ވަނީ ގައުމީ ޓީމުން ރިޓާޔާ ކުރިކަން އިއުލާން ކޮށްފަ އެވެ. އަޑޭ ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާން ކުރީ އޭނާގެ އަތުން ޓީމުގެ ކެޕްޓަން ބޭންޑު ނެގުމުންނެވެ. ޓީމުގެ މިހާރުގެ ކެޕްޓަނަކީ އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ.

ޓީމު މެޗަށް ނިކުތީ، ދަގަނޑޭ އާއި އަޑޭ ނެތުމުން ކުޅުންތެރިންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކާއެކު އެވެ. ނަަމަވެސް އުންމީދީ ފޯވަޑް ނާއިޒު ހަސަން (ދާދު) ގެ ހަތަރު ލަނޑާއެކު ބޫޓާންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވީ އެވެ.

"މި މޮޅު އަޝްފާގް އަދި އަޑޭއަށްޓަކައި އަހަރެމެން މޮޅުވި މެޗެއް،" ޝެގަޓް ބުންޏެވެ. "ސަބަބަކީ އެ ދެ ކުޅުންތެރިންނަކީ ވެސް އަހަރެމެން ޓީމުގެ އެއްބައި."

"އަހަރެން ޖެހޭނެ އަޑޭ އަށް ހާއްސަކޮށް އެއްޗެއް ބުނެލަން، އޭނަގެ ޝަހްސިއްޔަތަކީ ވަރަށް ހާއްސަ ޝަހްސިއްޔަތެއް އޭނާއަކީ ވަރަށް ރަނގަޅު ޕާސަނަލްޓީއެއް." ޝެގަޓް ބުންޏެވެ.

އޭނާ ބުނީ ކެޕްޓަން ބަދަލު ކުރީ ކީއްވެގެންކަން ޓީމުގެ ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި އެއީ އޭނާ ވަރަށް ރަނގަޅަށް ވިސްނާފައި ނެގި ޑެސިޝަނެއް ކަމަށެވެ.

"އަހަރެމެންނާއެކު ނެތް ކުޅުންތެރިންނަށްވެސް އަހަރެމެން ވާހަކަ ދައްކަން ޖެހޭނީ އިހްތިރާމާއެކު، ރާއްޖޭގެ ކުރިމަގު އެ ފެނިގެން ދިޔައީ ދަނޑުމަތިން، އެއީ އެންމެ މުހިންމު ކަމަކީ." ޝެގަޓް ބުންޏެވެ. "ނަމަވެސް އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ އަޝްފާގް އާއި އަޑޭ މި ގައުމަށް ކޮށްދިން ހިދުމަތްތައް."

"އަޝްފާގް އާއި އަޑޭ ނެތުމުން ކުޅުންތެރިންނަށް އޭގެ އަސަރު ކުރި ސަބަބަކީ އެ ދެ ކުޅުންތެރިންނަކީ މި ހުރިހާ ކުޅުންތެރިންނާވެސް ރަނގަޅު ގުޅުމެއް ބާއްވަމުން އައި ދެން ކުޅުންތެރިންނަށް ވުން."

އޭނާ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް އަޑޭ ނިންމި ނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ. ނަމަވެސް އޭނާއަށް ގަބޫލު ކުރެވެނީ އެއީ އަޑޭ އިމޯޝަނަލްގައި ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް އަޑޭ އަތުން ކެޕްޓަން ބޭންޑު ނެގީ ގިނަ ދުވަސްތަކަކަށް ކެޕްޓަނެއްގެ ގޮތުގައި ހުންނާނެ ކުޅުންތެރިޔަކަށް ޓީމުގެ ލީޑާޝިޕް ދިނުމުގެ ގޮތުން ކަމަށެވެ.

ޝެގަޓް މެޗުގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އަހަރު ނިންމާފައި ރިޓަޔާ ކުރަން އުޅޭ ވާހަކަ އަޑޭ ދުވަސް ކޮޅެއް ކުރިން އޭނާ (ކޯޗް) ގާތު ބުނެފައިވާ ކަމަށެވެ.

ޝެގަޓް ބުނީ ބޫޓާން އާ ދެކޮޅަށް އެއަށްވުރެ ގިނައިންވެސް ލަނޑު ޖެހޭނެ ކަމަށާއި ކުޅުންތެރިންގެ ފަރާތުންވެސް އަދިވެސް އޭނާ އެދެނީ އިތުރަށް ގޯލްތަކެއް ފެނިގެން ދިއުން ކަމަށެވެ. އަދި އެއީ ކުޅުންތެރިންގެ ފަރާތުން އޭނާ ޑިމާންޑް ކުރާ ކަމެއް ކަމަށް ޝަގްޓް ބުންޏެވެ.