ހަބަރު

އައްޑޫގެ ކޮންވެންޝަން ސެންޓަރު ސަރަހައްދުން 700 އެއްހާ ގޯތި ދޫކުރަނީ

އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރު ހުންނަ ސަރަހައްދުން 3000 އަކަފޫޓުގެ ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު މުއިޒް މިރޭ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ކުރައްވަން ޖެހިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ހޭވި ހަޑި" ސާފުކޮށް ތާކުންތާކުނުޖެހޭ ގޮތަށް ކުރައްވާފައި ހުންނެވި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކަމަށެވެ. އައްޑޫއިން ދޫކުރި ގޯތިތަކަކީ ވެސް އެފަދަ އެއް މަސައްކަތް ކަމަށާއި އެ ގޯތިތައް އަލުން ރައްޔިތުންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުއިޒް ވިދާޅުވި އެވެ.

މުއިޒް މިރޭ ވިދާޅުވީ، ގޯތި ލިބުނު މީހުން ވީހާވެސް އަވަހަކަށް އެމީހުންނަށް ގޯތި ލިބުނުކަން ހެއްކާއެކު މިނިސްޓްރީއަށް ހުށަހެޅުމަށެވެ. އެކަމަށް މިނިސްޓްރީން މިމަހުގެ އިއުލާންވެސް ކުރިއެވެ. ގޯތި ލިބުނުކަން ސާބިތުކުރުމަށް ދިނީ އެއް މަހުގެ މުއްދަތެކެވެ.

ނަޝީދު ވެރިކަމުގައި ގޯތި ދޫކުރި 700 އެއްހާ މީހުންގެ ލިޔެކިޔުންތައް މިހާރު ފެންނާކަށް ނެތް، ނަޝީދު ވެރިކަމުން އިސްތުއުފާދެއްވި ދުވަހު ކޯޓުގައި އަލިފާން ރޯކޮށް އަންދާލި ދުވަހު އެ ހުރިހާ ލިޔެކިޔުންތަކެއް ވަނީ ނެތިގެން ގޮސްފައި. އެހެންކަމުން ރައްޔިތުންގެ އަތުގައި ހުރި ލިޔެކިޔުމެއް ހުރީ. ހައުސިން އިން ވަނީ އެ ފަރާތްތަކަށް އަންގާފަ އޭރު ގޯތި ލިބުނު ކަމުގެ ލިޔުމެއް އޮތް ނަމަ އެކަން މިނިސްޓްރީއަށް އަންގަން ހެއްކާ އެކު،" މުއިޒް ވިދާޅުވި އެވެ.

މުއިޒް ވިދާޅުވީ، ކޮންވެންޝަން ސެންޓަރު ވަށައިގެން 3000 އަކަފޫޓަށް ގޯތި ދޫކުރަން މިހާރު ބިން ވެސް ޕްލޭން ކޮށްފައިވާ ކަމަށެވެ.

"އެހެންވީމަ މިދެނީ އައްޑޫ ރައްޔިތުންނަށް ޔަގީންކަން، ތިބޭފުޅުންގެ އަތުގަ އެއްވެސް ލިޔެކިޔުމެއް ހުރެއްޖެ ނަމަ ގޯތި އަނބުރާ ލިބޭނެ ކަމުގެ. ލިޔުން ނެތް ބޭފުޅުންވެސް ކޯޓަށް ވަޑައިގަންނަންވީ އެކަން ސާބިތުކުރަން. ސާބިތުވެއްޖެ ނަމަ ގޯތި ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.