މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ ނުވަ ބައިވެރިންގެ ހުށަހެޅުންތައް ރޭ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބައިވެރިން ރޭ ހުށަހަޅާދިނީ ދިވެހި މިއުޒިކު އިންޑަސްޓްރީގައި ރަން އަޑުގެ ގޮތުގައި މަޝްހޫރުވި ލަވަކިޔުންތެރިން ކިޔާފައިވާ ލަވަތަކެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު ހުޒާމް، މޭނާ ހައްސާން، މުހައްމަދު މާޖިދު (މެޒޯ މޯޑް)، މަހުމޫދާ ޝަކީބް އަދި ހަމްދީ ފަދަ ލަވަކިޔުންތެރިންގެ ލަވަތައް ހުށަހަޅާދީފައިވެ އެވެ.
މީގެ އިތުރުން ބައިވެރިންގެ ކުޑައިރުގެ ހަނދާންތައްވެސް އާކޮށްފައިވެ އެވެ. އާއިލާގެ މެމްބަރުންވެސް ޝޯގެ ތެރެއިން އެ ބައިވެރިންގެ ކުޑައިރު ކޮށްފައިވާ ހަނދާނުން ފޮހެލަން ދަތި ކަންކަން ހިއްސާކޮށްފައިވެ އެވެ.
ގަދަ ނުވަ ބައިވެރިންގެ ތެރެއިން ޖަޖުންއަށް އެންމެ ކަމުދިޔަ ކަމަށް ފާހަގަކުރެވުނީ ޝަހުދާންގެ ހުށަހެޅުމެވެ. ޝަހުދާން ހުށަހަޅާދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ ލަވަ "ހުޅެވި ހަނދު" އެވެ. ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓުތައް ލިބުނުއިރު ހަތަރު ޖަޖުން ވަނީ އޭނާއަށް "ސްޓޭންޑިންގް އޯވޭޝަން"އެއް ދީފަ އެވެ.
ޝަހުދާން މި ލަވަ "ރޫޅާ އިރާ ކުދި،" ކޮށްލިކަމަށް ޖަޖު އައްމަޑޭ ބުނިއިރު ޖަޖު އުނޫޝާ ބުނީ "ޝަހުދާން ކިޔޭ ސްޓައިލްގައި ޝަހުދާން ތި ކީ ވަރަށް ސަޅިކޮށް،" ކަމަށެވެ. "މިރޭ އައިޑޮލް ހޮވާނަމަ ތީ އަހަރެންގެ އައިޑޮލް،" ކަމަށް ޖަޖު ޒާރާ ބުނިއިރު ޖަޖު އައްފާން ބުނީ "މިހާތަނަށް އައިޑޮލްގައި އަހަންނަށް ފެނުނު އެންމެ ސަޅި ޕާފޯމަންސް،" ކަމަށެވެ.
ގަދަ ނުވަ ބައިވެރިންގެ ތެރޭގައި ހިމެނެނީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.
މިރޭ އޮންނަ އެލިމިނޭޝަން ޝޯގައި އެއް ބައިވެރިޔަކަށް ޝޯއިން ވަކިވާންޖެހޭނެ އެވެ. އެލިމިނޭޝަނުން ޝޯއިން ވަކިވާންޖެހޭނެ ބައިވެރިއެއް ކަނޑައަޅާނީ ބެލުންތެރިންގެ 50 އިންސައްތަ ވޯޓުންނާއި ޖަޖުންގެ 50 އިންސައްތަ މާކްސްއަށް ބެލުމަށްފަހު އެވެ. އާންމުންނަށް ވޯޓު ލުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00 ޖަހަންދެން ހުޅުވާލާފަ އެވެ.