މިއުޒިކް

ޝަލަބީގެ އުފަންދުވަހު ފޭނުންނަށް ހާއްސަ ހަދިޔާއެއް

މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކަކުން ވިދާލި ލަވަކިޔުންތެރިޔާ ޝާލަބީ އިބްރާހިމް އައިޑޮލް ފެށުނުފަހުން ކޮންމެ އުފަންދުވަހަކުވެސް ފޭނުންނަށް ހާއްސަ ހަދިޔާކަށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ގެނެސްދެ އެވެ.

އިއްޔެއަކީ ޝަލަބީގެ 21 ވަނަ އުފަންދުވަހެވެ. މިފަހަރު އުފަންދުވަހު ފޭނުންނަށް ހަދިޔާއަކަށް އޭނާ ދިނީ ލަވަ "ހީލާ" އެވެ.

ޒުވާން ޅެންވެރިޔާ ނަސްމާ އަބްދުލް މުހުސިން (ނައްކޮ)، ޅެމާއި ރާގު ތައްޔާރުކޮށްދީފައިވާ އަމިއްލަ ރާގުގެ މި ލަވަ ރިލީޒްކޮށްދިނީވެސް ނައްކޮ އެވެ.

"ނައްކޮ ސުކޫލްގައި އުޅުނުއިރު ލިޔެފައި އޮތް ޅެމެއް މިއީ. މި ލަވައަކީ ވަރަށް އުފާވެރި ލަވައެއް. ވަރަށް އުފާވެރި އިހުސާސްތަކެއް ކުރާނެ ލަވައެއް. އެހެންވެ އުފަންދުވަހު ހަދިޔާއަކަށް ފޭނުންނަށް މި ލަވަ މި ދޫކޮށްލީ،" "އަވަސް" އަށް ދިން އިންޓަވިއުއެއްގައި ޝަލަބީ ބުންޏެވެ.

"އަޑުއަހާލަން ރީތި، ހެޕީ ލަވައެއް މިއީ." މި ލަވަ ތައްޔާރުކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝަލަބީ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

ޝަލަބީގެ އާ ލަވަ "ހީލާ".

ލަވަފޮށިން މިހާރު އަޑުއަހާލެވޭ މި ލަވައިގެ ވީޑިއޯ ލަވައެއްވެސް ގެނެސްދޭނެ ކަމަށް ޝަލަބީގެ މެނޭޖަރު ޝަފީގު އަލީ (ސައްޕެ) ބުންޏެވެ.

ޝަލަބީގެ މި ލަވައަކީ "ހައުސް އޮފް މިއުޒިކް"ގެ އުފެއްދުމެކެވެ. މިލަވައިގެ ގިޓާ ކުޅެދީފައި ވަނީ ވިންފަޒް އެވެ. ޔަންމޫ ލަވައިގެ ބޭސް ކުޅެދީފައިވާއިރު، ކީބޯޑު ކުޅެދީފައި ވަނީ ހުސައިން ތައުފީގު އެވެ.

ޝަލަބީއަކީ ރާއްޖޭގައި މިހާތަނަށް ގެނެސްދޭ އެންމެ ކާމިޔާބު އިންޓަނޭޝަނަލް ރިއަލިޓީ މިއުޒިކު ޝޯ މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއްގެ ރަނަރަޕް އެވެ. އުފަންދުވަހު ހާއްސަ ލަވައެއް ހަދިޔާކުރާއިރު، ކޮންމެ ރޯދަމަހަކު ހާއްސަ މަދަހަ އަލްބަމެއްވެސް އޭނާގެ އަޑުން ގެނެސްދެ އެވެ.