މިއުޒިކް

އެންމެންގެ ޗައިވާލާ، ޝަމީލް އައިޑޮލް އިން ކަޓައިފި

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ތިން ވަނަ ބުރުން މިރޭ ޝޯއިން ވަކިވާންޖެހުނީ ޗައިވާލާގެ ނަމުން އައިޑޮލްގައި ވިދާލި އިބްރާހިމް ޝަމީލް އެވެ. ކ. މާފުއްޓަށް އުފަން ޝަމީލް އައިޑޮލްގައި ބައިވެރިވީ މާލޭ އޮޑިޝަނުންނެވެ. އައިޑޮލްގެ މިހާ ހިސާބަށް އޭނާ ދަތުރުކުރިއިރު ޖަޖުންނާއި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް އޭނާއަށް ލިބިފައިވެ އެވެ.

މިރޭ ޝޯއިން ވަކިވާންޖެހުނު ބައިވެރިޔާ ކަނޑައަޅާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

މިރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅާދިނީ "މޫވީ ނައިޓް" ނުވަތަ ދިވެހި ފިލްމުތަކުން ފާހަގަކޮށްލެވޭ ލަވަތަކުގެ ތީމް އަށެވެ. ގެސްޓު ޖަޖެއްގެ ގޮތުގައި މިރޭގެ ޝޯއިން މަޝްހޫރު ފިލްމީ ތަރި ރަވީ ފާރޫގް ވެސް ފެނިގެންގޮސްފައިވެ އެވެ. ދިވެހި ފިލްމުތަކުން މަޝްހޫރުވި ގިނަ ލަވަތަކެއް ޑުއެޓް އަދި ޓްރިއޯ ޕާފޯމަންސްތަކާކާއެކު ފޯރިގަދަ އަދި ހިތްގައިމު ހުށަހެޅުންތަކެއް ބައިވެރިން ހުށަހަޅާދީފައިވެ އެވެ.

ޝަމީލް ވަކިވުމުން ގަދަ އަށް ބައިވެރިން ވަނީ ކަށަވަރުވެފަ އެވެ. ގަދަ އަށަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

ގަދަ އަށް ބައިވެރިންނާއެކު ގާލާ ރައުންޑުގެ ހަތަރު ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ.